ކައިވެނި ރޫލުމުގެ ވާހަކަ ދައްކަން ފެށޭއިރަށް ގިނަ ބައަކު ބުނާނީ ގިނަ ކައިވެނިތައް ރޫޅެމުން މިދަނީ ލޯނިނުވެވޭތީ ކަމަށެވެ. ނަމަވެސް އެވާހަކަ އަހުރެން ޤަބޫލެއް ނުކުރަމެވެ. އެކަމަށް އެއަށްވުރެ މާބޮޑު އެހެން ސަބަބެއް އޮންނާތީއެވެ.
އެސަބަބަކީ ކައިވެރިޔާ ކޮށްދޭ ކަންކަމުގް އަގު ވަޒަން ނުކުރެވުމެވެ. ޝުކުރުވެރި ނުވެވުމެވެ. ތަޢްރީފް ނުކުރެވުމެވެ. އަހުރެން މިހެން މިބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ. ސަބަބު އޮވެގެންނެވެ.
ކައިވެނި ރޫޅިފައިވާ މީހުންނާއި ނިކަން ސުވާލުކޮށްބަލާށށެވެ. ގިނަ ބައަކު ބުނާނީ ބައިވެރިޔާދެކެ ލޯބިވާ ކަމަށެވެ. ލޯބިވީނަމަވެސް މައްސަލަތައް ޖެހެނީ ކަމަށެވެ. އެމައްސަލަތައް ޙައްލުނުކުރެވުނީ ކަމަށެވެ.
ހަޤީޤަތް ހާމަކޮށްނިމޭއިރު އެންމެ މައްސަލަތައް ފެށިފައިވާނީ އަހުރެން މިބުނި ސަބަބުތަކުންނެވެ. އަނެކާ ކޮށްދޭ ކަންކަމުގެ އަގުވަޒަން ނުކުރެވުމުންނެވެ. އެކަމުގެ ސަބަބުން އުފެދޭ މައްސަލަތަކުގެ ސަބަބުންނެވެ.
މިމައްސަލަ މިހާބޮޑު ކަމަކަށްވެގެންދަނީ ޝައިޠޯނާގެ ސަބަބުންނެވެ. މިޘާލަކަށް ބައިވެރިޔާ ކޮށްދޭ ކަންކަން ބަލައި ނުގަނެވޭ އެންމެ ބޮޑު އެއްސަބަބުކަމަށްވެފައި އޮންނަނީ ބައިވެރިޔާއާއިމެދު އުފައްދުވާ ޝައްކުތަކެވެ. އަނބިމިހާއަށް ކޮށްދޭ ކަންކަމަށްވުރެ މާގިނަ ކަންކަން ފިރިމީހާގެ ޢާއިލާއަށް ކޮށްދޭކަން ވިސްނައިދޭނެއެވެ. އެކުވެރިންނަށް ކޮސްދޭކަންވެސް ވިސްނައިދޭނެއެވެ. ނޫންނަމަ ނޫންނަމަ ކަންކަން ކޮށްދެނީ ކޮށްދެވޭނެ ވަރަށްވުރެ މާމަދުންކަން ވިސްނައިދޭނެއެވެ.
އެވަރަކުންވެސް ނުނިމޭނެއެވެ. އަނބިމީހާކޮށްދޭ ކަންކަމުގެ އަގު ވަޒަންކުރަންވެސް ސަބަބުތައް ކުރިމަތިކުރުވާނެއެވެ. އެވަސްވާސްތައް ކެނޑިނޭޅި ލިބެންފެށުމުން އެއީ ތެދެއް ކަމުގައި ޤަބޫލުކުރެވެނީއެވެ.
މިމައްސަލައަށް ޙައްލުހޯދޭނީ ދެމްފިރިން އެކުގައި ހޭދަކުރާ ވަޤުތުގިނަކޮށްގެންނެވެ. ވާހަކަދެއްކުން ގިނަކޮށްގެންނެވެ. ތަޤްވާވެރިކަން އިތުރުކުރަންވެސް މަސައްކަތްކޮށްގެންނެވެ. ވަރަށް ޔަޤީންކަމާއިއެކު ބުނަމެވެ. އަހުރެން މިބުނި ކަންކަމަށް ދެމަފިރިންވެސް ސަމާލުކަންދީ އަނެކާ ކޮށްދޭ ކަންކަމުގެ އަގު ރަނގަޅު ގޮތުގައި ވަޒަންކުރާނަމަ ރޫޅޭ ކައިވެނިތަކުގެ ޢަދަދު ބޮޑުތަނުން މަދުވެގެންދާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން