އެއީ ވަރަށް ހެޔޮލަފާ ތަޤްވާވެރި އަންހެނެކެވެ. ފިރިމީހާއަކީވެސް ތަޤްވާވެރިއެކެވެ. އެކަމަކު ލާ ފޭރާން ކަމުނުގޮސްގެން ބަދަލުކުރަން ބުނާތީ ޝައިޚާއަކާއި ބައްދަލުކޮށް އެވާހަކަ ބުނުމުން ކިޔައިދިނެވެ.
"ފިރިމީހާ އެބުނާ އެއްޗެއް ތިބާއަށް ނުވިސްނެނީއެވެ. ފިރިމީހާ އެބުނަނީ ތިބާ ލައިއުޅޭ ފޭރާން ލުން ހުއްޓާލައި ޒަމާނީ ފެޝަންތަކަށް ހެދުންލުމަކަށް ނޫނެވެ. ފިރިމީހާ އެބުނަނީ ޒަމާނީ ފެޝަންތަކަށް ފޭރާންލައިގެން ބޭރަށް ނުކުންނާކަށް ނޫނެވެ. އެބުނަނީ ދެމީހުން އެކަނި ތިބޭއިރު ތިބާގެ ރީތިކަން ފިރިމީހާއަށް ފެންނާނެ ގޮތަށް ފޭރާން ލުމަށެވެ. ތިބާ ތިއަ ނިދަނީވެސް ބޭރަށްދާން ލައިއުޅޭ ފަދަ ހެދުމުގައެވެ. އެކަން ހުއްޓައިލާށެވެ. ނައިޓީލާށެވެ. ފިރިމީހާއަށް ރީތިވާނެ ކުލަތަކުންނެވެ.
ތަޤްވާވެރިކަން ދައްކަންވީ ހިލޭ ފިރިހެނުންގެ ކުރިމަތީގައެވެ. މަޙްރަމުން ނޫން މީހުންގެ ކުރިމަތީގައެވެ. މިހެން ބުނީމާ މަޙްރަމުންގެ ކުރިމައްޗަށް ނުކުންނާނީ ފިރިމީހާގެ ކުރިމަތީގައި ލައިގެން އުޅޭ ފޭރާމަކު ނޫނެވެ. މަޙްރަމުންގެ ކުރިމައްޗަށްވެސް ނުކުންނަންވާނީ އެކަށީގެންވާ ފޭރާމުގައެވެ. އަބަދުވެސް ޝައިޠޯނާއަށް ބިރުގަންނަން ޖެހޭނެއެވެ. ނުބައި ވަސްވާސްތައް ދޭނީ ކޮން ވަޤުތަކު ކަމެއް ނުއެނގޭނެއެވެ."
ގިނަ އަންހެނުންނަށް ދެރަ ލިބެނީ މިބުނި މަގުން ނުވިސްނައި އުޅެވޭތީއެވެ. މަހްރަމުން ކުރިމަތީގައި ބުރުގާ ނުއެޅިޔަސް ރަނގަޅަށް ނިވާވާންވާނެއެވެ. ކުރުސޯޓުކޮޅު، އަތްނެތް ޓީޝާޓްކޮޅު، މޭމަތިފެންނަވަރުގެ ކަރުބޮޑު ހެދުން ލައިގެން އުޅުން ރަނގަޅެއް ނޫނެވެ. ޝައިޠޯނާއަށް ބިރުގަންނަން ޖެހޭނެތީއެވެ."
މިނަޞޭޙަތްކޮޅަކީ ލޮބުވެތި ކަނބަލުންނަށް އަގުހުރި އަދި ފައިދާކުރާނެ ބަސްކޮޅަކަސްވާނެ ކަމަށް އުންމީދުކުރަމެވެ.
- މިއަދުނޫސް