ބައިވެރިޔާއަކީ ކިތަންމެ ރަނގަޅު އަންތބެއް ނަމަވެސް އަދި ފިރިއެއް ނަމަވެސް އޭނާގެ ރަނގަޅުކަން ނުފެންނަ މީހުން ވަރަށް ގިނައެވެ. އެމީހުންނަށް ފެންނާނީ ބައިވެރިޔާގެ ނުރަނގަޅު ކަންކަމެވެ. ނަތީޖާއަކަށްވާނީ އަބަދުވެސް މައްސަލަތަކުގެ ތެރޭގައި އުޅެންޖެހުމެވެ.
މިކަން ކުރިމަތިވާ ސަބަބަކީ ފާފަކުރެވޭ ކަމެވެ. ކުށްކުރެވޭ ކަމެވެ. އެކަންކަމުގެ ސަބަބުން ބައިވެރިޔާގެ ހުރި ރަނގަޅުކަން ފޮރުވަން ޝައިޠޯނާއަށް ފުރުޞަތުލިބެނީއެވެ.
ދެންބަލައިލަންވީ އެކަން އެގޮތަށް ވުމަށް މެދުވެރިވާ ސަބަބަށެވެ. އެސަބަބަކީ ކުރެވޭ ފާފަތަކުގެ ސަބަބުން ދިރިއުޅުމުގެ ބަރަކާތް ކެނޑިގެންދަނީއެވެ. ބަރަކާތުގެ މާނައަކީ ރަޙްމަތެވެ. ﷲ ތަޢާލާ އެމީހަކަށް ރަހްމަތް ލެއްވެވުން އުނިކުރައްވަވައިފިނަމަ އެމީހަކަށް ކުރިމަތިނުވާނެ އެއްވެސް މައްސަލައެއް ނުއޮންނާނެއެވެ.
ގެދޮރުގައި އުފާވެރިކަން ގެއްލޭ ސަބަބަކީ އެއީއެވެ. ތިމައާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަންޖެހޭ ގުޅުން ކުޑަވެގެންދަނީ އެވެ. ޝައިޠޯނާއާއިއެކު އޮންނަ ގުޅުން ބޮޑުވެގެންދަނީއެވެ.
މިޙާލަތުގައި ތިބާގެ ބައިވެރިޔާގެ ހުރި ރަނގަޅުކަން އެހެން މީހުންނަށް ފެނެއެވެ. ތިބެނީވެސް އޭނާއަށް އެދިއެދިއެވެ. އެކަމަކު ތިބާއަށް ތިބާގެ ބައިވެރިޔާގެ ކިބައިން އެއްވެސް ރަނގަޅުކަމެއް ނުފެންނާނއެވެ.
ވިސްނާށެވެ. ފާފަކުރެވޭނަމަ މިމައްސަލަ ކުރިމަތިވާނެއެވެ. ޙަރާމް ތަކެތި ކައިބޮއިހަދާނަމަވެސް މިމައްސަލަ ކުރިމަތިވާނެއެވެ. އެއްވެސް މީހަކަށް ދެރައެއްދީ އަނިޔާވެރިވާނަމަވެސް މެއެވެ. އަދި ﷲ ތަޢާލާއަށް ކުރަންޖެހޭ އަޅުކަން ނުކުރެވޭނަމަވެސް މިމައްސަލަތައް ކުރިމަތިވާނެއެވެ.
އަހުރެން މިބުނި ކަންކަމަށް ސަމާލުކަންދީގެން ނިކަން ދިރިއުޅެން މަސައްކަތްކޮށްބަލާށެވެ! ބޮޑުތަނުން އުފާވެރިކަްނ އިތުރުވާނެއެވެ. ދިރިއުޅުމަށް ކުރިއެރުންވެސް ލިބޭނެއެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން / މިއަދުނޫސް