ބައެއް މީހުން އެމީހުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް އަދާކުރަން އެބަ ބިރުގަނެއެވެ. އެކަން ކޮށްފިނަމަ ކޮންމެވެސް ބައަކު ރުޅިއަތުވެދާނެ ކަމުގެ ބިރަށެވެ. ﷲ ތަޢާލާގެ ޙުކުމްފުޅުތައް ތަންފީޒުކުރަން އެބަ ޖެހިލުންވެއެވެ. ކޮންމެވެސް ބާރުގަދަ ފަރާތަކުން ކުރިމަތިކުރުވައިފާނެ މައްސަލަތަކަށް ބިރުންނެވެ. އިސްލާމް ދީނުގައިވާ މަގުން ހެދުން ލައި ނިވައިވާން އެބަ ބިރުގަނެއެވެ. މީހަކު ބުނެފާނެ ބަހަކަށް ނުވަތަ ކޮށްފާނެ ކަމަކަށް ބިރުންނެވެ.
މީސްތަކުންނޭވެ! ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ އިންސާނުންގެ ހުރިހާ ބޭނުންތަކަށް ތިމަން ﷲ ފުދިވޮޑިގެންވާ ކަމަށެވެ. ﷲ ތައާލާއަށް ބިރުވެތިވެ ކިޔަމަންތެރިވާ އަޅުންނަށް ރައްކައުތެރިކަން މިންވަރު ކުރައްވަވާނެ ކަމަށެވެ. ވީއިރު ﷲ ތަޢާލާގެ މި ވައުދުފުޅުތަކަށް އިތުބާރުނުކޮށް އީމާންކަން ފުރިހަމަވާނީ ކިހިނަކުން ހެއްޔެވެ؟
ތިމާއަކީ 5 ވަގުތު ނަމާދުކުރާ މީހަކަށްވާށެވެ! ﷲ ތައާލާ އަންގަވާފައިވާ ގޮތަށް އަމަލުތައް ބަހައްޓާ މީހަކަށްވާށެވެ! ﷲ ތަޢާލާއަށް ފުރިހަމައަށް ވަކީލުކޮށްގެން ހުންނަ މީހަކަށްވާށެވެ. އެއްވެސް މީހަކަށް އަދި ޖަމާޢަތަކަށް ނަމަވެސް އެމީހަކަށް ދެވޭނެ އެއްވެސް ގެއްލުމެއް ނުއޮންނާނެއެވެ. އެމީހާ ހުންނާނީ ﷲ ތަޢާލާގެ ރައްކައުތެރިކަމުގެ ތެރޭގައެވެ. ﷲ ތަޢާލާގެ ފުރިހަމަ ހިމާޔަތުގައެވެ.
ނަމަވެސް ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ބިރުވެތި ނުވެ މީހުންގެ ޙައްޤުތަކަށް އަރައިގަންނަމުންދާ މީހާއަށް އަބަދުވެސް ހުންނަން ޖެހޭނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ވައްކަން ކުރާ މީހާ، ފާހިޝް އަމަލުތައް ކުރާމީހާ، ޤާނޫނުތަކަށް ބޯނުލަނބާ މީހާއަށް އަބަދުވެސް ހުންނަން ޖެހޭނީ އެމީހާ ކުރި ކުށްތައް ފަޅައިއަރާފާނެ ކަމުގެ ބިރުގައެވެ.
މީސްތަކުންނޭވެ! އަދި އަހަރެމެން މަރެއް ނުވެއެވެ. ތައުބާވުމުގެ ފުރުޞަތު އެބައޮތެވެ! އަވަހަށް ތައުބާވާށެވެ! ކުރާ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާއަށް ބިރުވެތިވުން އިތުރުކުރާށެވެ! އެއިރުން އެއްވެސް މީހަކު ދެކެ ބިރުން އުޅޭކަށް ނުޖެހޭނެއެވެ!
- މުފްތީ މެންކުގެ ދަރުސަކުން