ކުޑަ މިޘާލަކުން ފަށާނަމެވެ.
ބައިވެރިޔާ ހަދިޔާއެއް ދިނީއެވެ. ގިނަ ބައަކު ހަދިޔާލިބުމާއިއެކު ލޯބިން ބައްދައިލައެވެ. ބޮސްވެސް ދެއެވެ. އަޅެ ނިކަން ބުނެބަލާށެވެ! އަނެކާއަށްޓަކައި ހެޔޮ ދުޢާކުރެވޭ ހެއްޔެވެ؟ ހިތުގައި ލޯބި އިތުރުވެ ގިނަ ހަދިޔާ ދިނުމަށް މަގުފަހިކޮސްދެއްވެވުން އެދިގެން ދުޢާކުރެވޭ ހެއްޔެވެ؟
ދެމަފިރިންވެސް ކުރަނީ މަސައްކަތެވެ. ފިރިމީހާއަކީ ވަޒީފާއަދާކުރާ މީހާކަމަށްވެފައި އަނބިމީހާއަކީ ދަރިންނާއި ގޭގެ ކަންކަން ބަލަހައްޓާ މީހާކަމަށްވުމަކީ އަނބިމީހާއަށް ކުރަންޖެހޭ މަސައްކަތް މަދުވެފައި ލުއިވާ ސަބަބެއް ނޫނެވެ. ގިނަ ފަހަރަށް އަނބިމީހާއަށް ކުރަންޖެހޭ މަސައްކަތް އޮންނަނީ މާބުރަވެފައެވެ. ހަށިގަނޑަށްކުރާ ބާރުވެސް ބޮޑުވެފައެވެ.
އެކަމުގެ ބަޙުސް ބާއްވަމާ ހިނގާށެވެ! އުފަލުގަ އެކުގަ ދިރިއުޅެވޭނެ ގޮތްތަކާއިމެދު ވިސްނަމާ ހިނގާށެވެ! ދިރިއުޅުން ކާމިޔާބުކުރެވެންހުރި ކަންކަމަށް ވިސްނަމާ ހިނގާށެވެ!
އަހަރެމެންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްވެސް ކާމިޔާބު ކުރެވޭނީ އެކަމެއް ﷲ ތަޢާލާ ހިންމަވައިދެއްވެވުމުންކަން އެއީ ކޮންމެ މުސްލިމަކުވެސް ހިތުގެ އަޑިން ޤަބޫލުކުރާ ކަމެކެވެ. އަދި ދުޢާ ކުރާމީހާދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާކަންވެސް މުސްލިމުންނަށް އެނގެއެވެ. ވީމާ ކޮންމެ ކަމެއްގައިވެސް ވީހާ ގިނައިން ދުޢާކުރަން އެބަޖެހެއެވެ.
އަނބި މީހާއަށް ފިރިމީހާ ދިރިއުޅެންކުރާ މަސައްކަތްކުރުމުގައި އެހީތެރިނުވެވިދާނެއެވެ. ނަމަވެސް ފިރިމީހާ ކުރާ މަސައްކަތުގައި ބަރަކާތް ލެއްވެވުން އެދިގެންނާއި މަސައްކަތް ލުއިފަސޭހަކޮށްދެއްވެވުން އެދި ދުޢާކުރެވިދާނެއެވެ.
ހަމަ އެފަދައިން ފިރިމީހާއަށް އޭނާގެ މަސައްކަތުގައި އުޅެމުން އަނބިމީހާ ގޭގައި ކުރާ މަސައްކަތްކުރަން އަމަލީ ގޮތުން އެހީތެރިނުވެވިދާނެއެވެ. ނަމަވެސް އަނބިމީހާ ކުރާ މަސައްކަތް ބުރަނުވެ ލުއިފަސޭހަވުމާއި މަސައްކަތްކުރުމުގެ ހިތްވަރާއި ކުޅަދާނަކަން ދެއްވެވުން އެދި ދުޢާ ކުރެވިދާނެއެވެ.
ދެން މިއޮތީ އެންމެ މުހިންމު ދުޢާއެވެ. އެއީ ދިރިއުޅުމުގައި ބަރަކާތް ލައްވަވައި އަދި ދެމަފިރިން އެކުގައި ސުވަރުގޭގައި ލެއްވެވުން އެދިގެން ކުރަން އޮތް ދުޢާއެވެ. މިއީ ދެމަފިރިން ކޮންމެ ދުވަހަކުވެސް އަދި ކޮންމެ ރެއަކުވެސް ކުރަން އެންމެ ފައިދާހުރި ދުޢާއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދެމަފިރިން އެކަކު އަނެކަކަށްޓަކައި ހެޔޮދުޢާކުރުން ގިނަކުރާށެވެ. އެކަމުގެ ސަބަބުން ދިރިއުޅުމުގައި ބަރަކާތް ލައްވަވާނެތެވެ. އެކަކު އަނެކަކު ދެކެ ވާލޯބިވެސް އިތުރުކުރައްވަވާނެތެވެ. އިން ޝާ ﷲ
ހަމަ އެފަދައިން ވަފާތެރި ނުވެވޭނަމަ އެކަކު އަނެކަކަށްޓަކައި ދުޢާކުރެވޭނީ ކިހިނަކުންހެއްޔެވެ؟ ވީމާ ފުރަތަމަކަމަކަށް އެކަކު އަނެކަކަށް ވަފާތެރިވާށެވެ! ނޫންނަމަ ދުޢާކުރަން އުޅުނަސް ހަނދާންވާނީ އައު ލޯބިވެރިޔާގެ މަތިންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން