ﷲ ތަޢާލާ އިންސާނުން އުފައްދަވާފައިވަނީ ޖިންސީ ގުޅުންތައް ހިންގަން ބޭނުންވާނެ ގޮތަށެވެ. ހަމައެއާއިއެކު ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތަށް އެކަންކުރެވޭނެ މަގުތައްވެސް ވަނީ ދައްކަވައިފައެވެ. އަދި އެމަގުން އެކަން ކުރުމުން އެއީ ޘަވާބުދެއްވަވާ ކަމެއް ކަމުގައިވެސް ވަނީ ލައްވަވައިފައިކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
ޖިންސީ ގުޅުން ހިންގަންވީ ގޮތް އިސްލާމް ދީނުގައި ވަރަށް ސާފެވެ. އަދި ޖުމުލަކޮށް ބުނާނަމަ ހުރިހާ ދީނެއްގައި ވެސް ޖިންސީ ގުޅުން ހިންގަން އޮތީ އަންހެނަކާއި ފިރިހެނަކު ކައިވެނިކޮށްގެންނެވެ. ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުން ހުއްދަކުރާ ދީނެއް ނެތެވެ. އަދި އެއް ޖިންސުން ގުޅުން ހިންގުން ހުއްދަކުރާ ދީނެއްވެސް ނެތެވެ. އެކަންކަން ހުއްދަކުރާމީހަކު އެކަންކަން ހުއްދަކުރަނީ ދީނުން ބޭރުންނެވެ.
ދީނުގައި ނެތް ގޮތަށް ޖިންސީ ގުޅުން ހިނަގުން މިއަދު މިވަނީ ޢާންމުކަމަކަށްވެފައެވެ. އެކަމުގެ ސަބަބުން ނުރައްކައުތެރި ބަލިތައް މިވަނީ ފެތުރިފައެވެ. މިހާރުވެސް ދަނީ ފެތުރެމުންނެވެ. ހިތާމައަކީ އެކަމުގެ ވާހަކަ ދައްކާ މީހުން މިއަދު މަދުކަމެވެ. ޙައްޤު ގޮތް ބުނެދޭން މަސައްކަތްކުރާ ޖަމާއަތްތައްވެސް މަދުކަމެވެ.
އެޗްއައިވީގެ އެންމެ ނުރައްކައުތެރި ބާވަތްތައް ޖެހެމުންދަނީ ޖިންސީ ގުޅުމުގެ ސަބަބުންނެވެ. އެކަން އެންމެންވެސް ޤަބޫލުކުރެއެވެ. ނަމަވެސް އެކަމުގެ ނުރައްކަލުގެ ވާހަކަތައް ދެއްކުމުގެ ބަދަލުގައި ޖަމާއަތްތަކުން ބުނަނީ ދިފާޢީ ވަސީލަތްތައް ބޭނުން ކުރުމަށެވެ. ބަލިވީމާ ބޭސްކުރުމަށެވެ. ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ގޮތަށް ނޫނީ ޖިންސީ ގުޅުން ނުހިންގަން ބުނާކަށް ނުކެރެއެވެ. މިކަމުގައި އެންމެ ބޮޑަށް ފޭލްވެފައިވަނީ ދުނިޔޭގެ ބޮޑެތި ޞިއްޙީ ޖަމާއަތްތަކެވެ.
އިންސާނުން މިހައި ދަށުދަރަޖައަކަށް ވެއްޓެން ހެޔޮވެދާނެ ހެއްޔެވެ؟ ވަލުޖަނަވާރުތަކަށް ބެލި ނަމަވެސް އެތ އެއްޗެތިވެސް އެއްޖިންސުން ގުޅުން ހިންގުމަކީ ކުރާ ކަމެއް ނޫނެވެ. ނަމަވެސް އިންސާނުން މިއަދު މިވަނީ މިކަމުގައި މިވަނީ ވަލުޖަނަވާރުންނަށްވުރެވެސް މާދަށުދަރަޖައެއްގައެވެ. އެއްޖިންސުން ގުޅުން ހިންގައި އެއްޖިންސުން ކައިވެނިވެސް ކުރަމުން ގެންދަނީ ލަދެއް ހަޔާތެއް ނެތިއެވެ.
އެއްޖިންސުން ގުޅުން ހިނަގުމަކީ ޞިއްހީ ގޮތުން ބޮޑެތި މައްސަލަތައް ކުރިމަތި ނުވާ ކަމެއްކަމަށް ބުނާނެ އެންމެ ޑޮކްޓަރަކުވެސް ހުރެއްޖެ ނަމަ އެކަންވާނީ ވަރަށް ބޮޑު މައްސަލައަކަށެވެ. އެހެނީ އެއް ޖިންސުން ގުޅުން ހިންގުމުގެ ހުރި ޞިއްޙީ ގެއްލުންތައް އެއީ ކަނޑައެޅިގެން ސާބިތު ކަންކަން ކަމުގައިވާތީއެވެ.
ދާދިފަހުން އެމެރިކާގެ އެއްޖިންސުން ގުޅުން ހިންގާ ކޮމިޔުނިޓީގެ ތެރެއިން ފެނިފައިވާ "މެނިންޖައިޓިސް"ގެ އެންމެ ނުރައްކާތެރިބާވަތް ފެނުނުމުން ވެސް އެއީ އެތައް ބައަކު މަރުވެގެން ހިނގައިދާނެ ބައްޔެއް ކަމުގައިވާއިރުވެސް ޑޮކްޓަރުން މިތީ އެކަންކަމުގެ ވާހަކަ ދައްކަން ފަސްޖެހިފައެވެ. މިފަދަ ނުރައްކައުތެރި ބަލިތަކާއިމެދު ރައްޔިތުން ހޭލުންތެރި ނުކުރެވޭނަމަ ޑޮކްޓަރުންގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ޑޮކްޓަރުންގެ މަސްއޫލިއްޔަތު އަދާކުރެވޭ ހެއްޔެވެ؟
މީސްތަކުންނޭވެ! އިންސާނުންގެ ޙަޔާތުގައި އެންމެ މުހިންމު އެއް ކަމަކީ ޒަވާޖީ ހަޔާތުގެ ގުޅުމެވެ. މިއީ އެއްވެސް މީހަކަށް ދެބަސް ވެވެން އޮތްކަމެއް ނޫނެވެ. ބޭނުންވާ އުފާވެރިކަން ޒަވާޖީ ޙަޔާތުގެ ތެރެއިން ލިބިގަންނަނާށެވެ!
- ޝައިޚް ހަމްޒާ ޔޫސުފްގެ ދަރުސަކުން