ބައެއް މީހުން ބުނެއެވެ. "އަހުރެން ޤުރްއާން ކިޔަވަމެވެ. މާނަވެސް ކިޔަމެވެ. އެކަމަކުވެސް ހިދާޔަތެއް ނުލިބެއެވެ. ނުބައިމަގުން ދެވެނީއެވެ."
މިހެން އެދިމާވަނީ ޤުރްއާނުގެ މައްސަލައަކުން ނޫނެވެ. އެމީހާގެ މައްސަލައަކުންނެވެ. ހިތް ސީދާ ނުވަނީއެވެ. އެކަން ޔަޤީންކުރެވެނީވެސް ޤުރްޢާނުންނެވެ. ސާފުހިތަކާއިގެން ޤުރްއާން ކިޔަވާނަމަ، އުނގެނެން މަސައްކަތްކުރާނަމަ އެމީހަކަށް ޤުރްއާނުން ތެދުމަގު ފެންނާނެ ކަމަށް އޮތުމުންނެވެ.
ޤުރްއާން އުނގެނެން ކްލާސްތަކަށައި މީސްމީހުންގެ ޣާތަށް ދިއުމަކީ މައްސަލައެއް ނޫނެވެ. އެއީވެސް ކުރަން ރަނގަޅު ކަމެކެވެ. ދެވެން ނެތް މީހާ އަމިއްލައަށް އުނގެނެން މަސައްކަތްކުރާށެވެ. ސާފުހިތަކާއިގެން އެކަމަށް މަސައްކަތްކުރުމުން އެމީހަކަށް މަގުފަހިކޮސްދެއްވަވާނެތެވެ.
ފެށިގެން ކުރިއަށް މިދަނީ ރަމަޟާންމަހެވެ. ޤުރްއާނުގެ މައްސަރެވެ. ވީމާ ޤުރްއާން ކިޔަވައި އުނގެނުމަށް ދޭސަމާލުކަން އިތުރުކުރާށެވެ. އިޚްލާޞްތެރި ހިތަކާއިގެން ކިޔަވަމުން ގެންދާށެވެ. އުނގެނުމަށް މަސައްކަތްކުރަމުން ގެންދާށެވެ.
ޢިލްމްވެރިންގެ މެދުގައި ޚިލާފްތައް އަބަދުވެސް ހުންނާނެއެވެ. އެކަންކަން އެބައަކަށް ދޫކޮށްލާށެވެ! ތިބާއަށް ތެދުމަގު ދައްކަވައި ދެއްވެވުން އެދިގެން ދުޢާކުރަމުން ގެންދާށެވެ. އެއިރުން ތިބާއަށް ތެދުމަގުދައްކަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން