ދިރިއުޅުން އަހުރެން މާނަމިކުރަނީ ކައިވެނިކުރުމާއި ހަމައިންނެވެ. ކައިވެނިކުރުމަށްފަހު ދެން ކުރަންހުރި ހުރިހާ ކަމެއްގެ ކުރިއަށް އަނބިމީހާ ނެރޭށެވެ. މާނަ އޮޅުވައިނުލާށެވެ! މިބުނަނީ އެކުވެރިންނާއި ވަޒީފާއާއި ދެންވެސް ތިމާކުރަން ހުންނަ ކަންކަމުގެ ވާހަކައެވެ.
ކައިވެނިކުރުމަށްފަހު ދެމީހުން ދުވަހަކުވެސް ވަކިނުވާން ނިންމައި ދިރިއުޅުމާއިގެން ކުރިއަށްދާން މަސައްކަތްކުރާނަމަ އެބައެއްގެ ދިރިއުޅުމުގައި މާތް ﷲ ބަރަކާތް ލައްވަވާނެތެވެ. އެންމެ ބޮޑަށް ކަންބޮޑުވާންޖެހޭނެ ކަމަކީ ވަޒީފާ ނޫން ހެއްޔެވެ؟ ވަޒީފާގެވެސް ކުރިއަށް އަނބިމީހާ ނެރޭށެވެ. އެކަމާއިހުރެ ވަޒީފާ ގެއްލިއްޖެނަމަ މާރަނގަޅު ވަޒީފާއެއް ލިބޭނެއެވެ. އިން ޝާ ﷲ. އެއީ މާތް ﷲ ގެ ރުހިވޮޑިގަތުން އެމީހަކާއިއެކުގައިވާތީއެވެ.
"ތިބާއަށް ކޮންމެ މީހަކުވެސް އަލުން ހޯދިދާނެއެވެ. އެކަމަކު ދެވަނަ މަންމައެއް ނުލިބޭނެއެވެ." މިއީ ހަމަ ވަރަށް ރަނގަޅު ބަހެކެވެ. މިބަސް އަނބިންނަށްވެސް ބޭނުންކުރާށެވެ. އަނބިންނާއިމެދުގައިވެސް ހަމަ އެގޮތަށް ދެކޭށެވެ. ސަބަބަކީ ކައިވެނިތަކެއް ކުރެވިދާނެއެވެ. އެކަމަކު ހެޔޮލަފާ އަންތބަކު ލިބުމަކީ އެހާފަސޭހަކަމެއް ނޫނެވެ.
އަހުރެން މިދެއްކި ވާހަކަކޮޅުގެ ރަނގަޅު ނަތީޖާ ފެންނާނީ ދެމަފިރިންނަކީވެސް ހެޔޮލަފާ މީހުން ކަމުގައިވެގެންނެވެ. އަނބިމީހާ އާއި ފިރިމީހާއަކީވެސް ހެޔޮލަފާ މީހުން ކަމުގައިވެގެންނެވެ.
އަހުރެމެންގެ ތެރެއިން ގިނަބައަކަށް ކަންކަން ކުރެވެނީ ތަފާތު ގޮތަކަށެވެ. އަނބިމީހާ ބެއިންދެނީ އެންމެ ފަހަތުގައެވެ. އެކުވެރިންނަށްވުރެވެސް ފަހަތުގައެވެ. ވަޤުތުދެވެނީ އެގޮތަށެވެ. އެއީ ރަނގަޅު ގޮތެއް ނޫނެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އަނބިމީހާ އެންމެ ކުރީގައި ބައިންދާށެވެ. އެއިރުން އެމީހެއްގެ ދިރިއުޅުން ދާނީ ކުރިއަރަމުންނެވެ.
އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިޔަތަށް ބަލާށެވެ. ބޮޑެތި ކަންކަން ކުރިމަތިވެވަޑައިގަތުމުން އަނބިއަނބިކަނބަލުންނާއި މަޝްވަރާކުރެއްވެވިއެވެ. އެކަނބަލުން ދެއްވެވި ލަފާފަޅުތަކަށް ޢަމަލުފުޅުކުރެއްވެވިއެވެ. ކުރިމަތިވެވަޑައިގެންނެވި އެންމެ ބޮޑެތި މައްސަލަތަކަށް އެކަނބަލުންގެ ލަފާފުޅުން ޙައްލުވެސް ލިބިވަޑައިގެންނެވިއެވެ. އެކަނބަލުންނަށް ވަޤުތުވެސް ދެއްވެވިއެވެ.
އެކަމަކު އަހުރެމެންގެ ތެރެއިން ގިނަބައަކަށް ޢަމަލުކުރެވެނީ ކިހިނަކުން ހެއްޔެވެ؟ މިއީ ވިސްނައި އިޞްލާޙްކުރަންޖެހިފައިވާ އެންމެ މުހިންމު ކަންތައް ކަމުގައި އަހުރެން ދެކެމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން