ކޮންމެ ޢަމަލެއް ކުރުމުގެ ކުރިންވެސް ވިސްނައިލުން އެންމެ މުހިންމު ކަމަކީ އެޢަމަލެއް ކުރުމުން ޤިޔާމަތް ދުވަހު ތިމާގެ ޢަމަލުތައް މީޒާނުގައި ކިރައިލެވޭހިނދު ކަންކަންވާނެ ގޮތަކަށެވެ. އެޢަމަލެއް ކުރުމުން ބުރަވާނީ ކޮންކޮޅަކަށްތޯއެވެ؟ ހަމަ އެއާއިއެކު ކޮންމެ ހެޔޮ ޢަމަލެއް ކުރާއިރުވެސް މީޒާނުގައި ތިމާގެ ކޮޅަށް އެންމެ ބޮޑަށް ބުރަވާނެ ގޮތަކަށް ކުރަން މަސައްކަތްކުރަންވާނެއެވެ.
ކޮންމެ މީހެއްގެވެސް އެންމެ ބޮޑު މަޤްޞަދަކަށްވާންޖެހޭނީ ތައުހީދުގެ މަތީގައި ދުނިޔެ ދޫކޮށް ﷲ ތަޢާލާގެ ޙަޟްރަތަށް ދިއުމެވެ. ތައުހީދުގެ މަތީގައި މަރުވުމަކީ އުންމީދު ކުރުމުން ނުވަތަ އެކަމަށް އެދުމުން އެކަނި ޙާޞިލުކުރެވޭނެ ކަމެއް ނޫނެވެ. ތައުޙީދުގެ މަތީގައި މަރުވަން އެދޭމީހާއަށް އޮތީ އެކަމަށް މަސައްކަތް ކުރުމެވެ. އަމަލުންނެވެ. ދުލުން ބުނާ ބަސްތަކަކުން ނޫނެވެ.
ދުނިޔޭގައި އުޅޭއިރު ދިމާވާ ކަންކަމުގައި ދެން ތިމާ އަމަލުކުރާނީ މިހެން ކަމަށް ބުނެ މީސްތަކުންގެ ލޮލުގައި އަދުން އަޅުވައިލެވިދާނެއެވެ. އެއީ އިންސާނުންނަށް ޣައިބު ނުއެނގޭތީއެވެ. އެއްވެސް މީހަކު ކުރިއަށް އޮތްތަނުގައި ކަންކަން ކުރާނެ ގޮތް އެއްވެސް މީހަކަށް ނުއެނގޭތީއެވެ. މީހުން ދައްކާ ވާހަކަތަކަށް އިތުބާރު ކުރެވެނީ އެހެންވެގެންނެވެ. ނަމަވެސް ﷲ ތަޢާލާއީ ވީހައި އަދި ވާނޭހައި ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހްއެވެ. ވީމާ ތިމަން އަދި ފަހުން މިވެނި ކަމެއް މިވެނި ގޮތަކަށް ކުރާނެ ކަމަށް ބުނުމަކުން ނުފުދޭނެއެވެ.
ނިކަން ވިސްނައިބަލާށެވެ. ހުކުރު ދުވަހު މެންދުރު ކުރާ ހުކުރު ނަމާދަކީ ހަފްތާގެ ތެރޭގައި ކުރެވޭ އެންމެ މުހިންމު އަޅުކަމެވެ. ކުރިއާލައި ހުކުރަށް ގޮސް ކިޔަވަން މަޑުކޮށްލުމުން ނުވަތަ އެނޫންވެސް އެމީހަކު ކުރަން ބޭނުން އަޅުކަމެއްގައި މަޑުކޮށްލުމުން ނުހަނު ގިނަ ގުނަ ޘަވާބާއި ދަރުމަ ދެއްވަވާ އަޅުކަމެކެވެ. ހުކުރު ނަމާދު ފުރިހަމަވަނީ ޚުޠުބާ އަޑު އެހުމުންނެވެ. ހުކުރު ނަމާދާއި ޚުޠުބާ ވަނީ ގުޅި ލާމެހިފައެވެ. ޚުޠުބާ އަޑުއެހުމަށް ދޭން ޖެހޭ ސަމާލުކަމުން އެކަނިވެސް ޚުޠުބާގެ މުހިންމުކަން އެނގެންދާނެއެވެ.
އެހެންކަމާއިއެކުވެސް ހަމަ އެކަނި ހުކުރު ނަމާދުގެ ރަކްޢަތް ކުރަން ހުކުރަށްދާ މީހުންގެ އަދަދު ނިކަން ދެކެބަލާށެވެ. އަދި އެގޮތަށް ހުކުރަށްދާ މީހުންގެ އަދަދު ގިނަވަމުން އަންނަކަމާއިމެދު ނިކަން ވިސްނައިލަބަލާށެވެ! ބައެއް މީހުން ބުނަނީ ކުރިއާލައި މިސްކިތަށް ނުދަނީ މިސްކިތުގައި މާ ހޫނުގަދަވުމުން ކަމަށެވެ. އެމީހުންނަށް އެގޮތަށް ވިސްނޭއިރު ނަރަކައިގެ ހޫނުމިން ހިތަށް ގެނެވޭބާވައެވެ!
ކުރިއާލައި ހުކުރަށް ނުދިއުމަކީ ނަރަކައަށް ދާންޖެހޭނެ ކަމެއް ކަމަށް ބުނަނީއެއް ނޫނެވެ! ނަމަވެސް ދާން ނުޖެހޭނެ ކަމަށްވެސް ބުނާކަށް ނެތީމެވެ. އެހެނީ މީޒާނުގައި އަމަލުތައް ކިރައިލެވޭ ވަގުތު، ކުރިއާލައި ހުކުރަށް ދިއުމުން ދެއްވަވާ ސަވާބު ނުލިބި އޮތުމުން ހެޔޮކަމުގެ ތިލަފަތް ލުއިވެ ނަރަކައަށް ދާން ނުޖެހޭނެކަން އެނގޭނެ ގޮތަކީ ކޮބައިހެއްޔެވެ؟ އެކަމުން ލިބެންވީ ސަވާބު ލިބިފައިވާނަމަ ހެޔޮ ކަމުގެ ތިލަފަތް ބަރުވެ ނަރަކައިން ސަލާމަތް ނުވެވޭނެކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ ވީމާ ކޮންމެ އަޅުކަމެއް ކުރުމުގައިވެސް ބަލަން ޖެހެނީ އެކަމެއް ކުރުމުން ވީހައި ގިނަ ސަވާބު ލިބޭނެ ގޮތަށް ކުރުމަށެވެ. މީޒާނުގައި ހެޔޮ އަމަލުތައް ވީހައި ގިނަވާނެ ގޮތަށް ހެޔޮ އަމަލުތައް ކުރުމަށެވެ.
ޚުލާޞާއަކީ ތައުހީދުގެމަތީގައި މަރުވުމަށް އެދޭ މީހާ މިފަދަ ހުރިހާ ކަންކަމަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ހެޔޮ އަމަލު ކުރުމުގައި ތިމާއަށް އެކަމަކުން އެންމެ ގިނަ ސަވާބާއި ދަރުމަ ލިބޭނެ ގޮތަށް ވިސްނައިގެން ނޫނީ ކަންކަން ނުކުރާށެވެ! ހެޔޮ އަމަލު ކުރުމުގައި އިޚްލާޞްތެރިވުމަކީ އެއީއެވެ. ޤިޔާމަތް ދުވަހު މީޒާނުގައި ޢަމަލުތައް ކިރުއްވަވާއިރު ބުރަދަނެއް ހުންނާނީ އިޚްލާޞްތެރިކަމާއިއެކު ޢަމަލުތައް ކުރުމުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން