އަހުރެންގެ ފިރިމީހާއަކީ ތަނަވަސް މަންމައެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. މަންމައަކީ ޢާންމު ގޮތެއްގައި ރަނގަޅު އަންހެނެކެވެ. އެކަމަކު އަހުރެންނާއިމެދު ވަރަށް ބޮޑު މައްސަލައެއް އޮވެއެވެ. އެއީ ދެ އަންހެންދަރިން ލިބުނުކަމެވެ. މަންމަ ބޭނުންވަނީ ފިރިހެން ކުއްޖެކެވެ.
3 ވަނަ ދަރިފުޅަށް ބަލިވެއިނުމުން އިންޒާރުދިނެވެ. އެއީ މިފަހަރު އަންހެން ކުއްޖަކު ވިހައިފިނަމަ 3 ދަރިންނާއިއެކު ގެއިން ބޭރުކޮށްލާނެ ކަމެވެ. އެދުވަހު ބުނީމެވެ. "ތިއަ ަމއްސަލައިގައި ރުޅިއަންނަންވީ އަހުރެން ދެކެއެއް ނޫނެވެ. ތިބާގެ ދަރިފުޅު ދެކެއެވެ. އަހުރެންގެ ބަނޑުގައި އޮތީ އޭނާ ދިން ދަރިފުޅެވެ."
އެހިސާބުން ޖެހެން ފެށި މައްސަލަތައް ހޫނުވަމުންގޮސް ފިރިމީހާއަށް ކެތްނުކުރެވިގެން އަހުރެންނާއި ދެދަރިން ގެންގޮސް އަހުރެންގެ މައިންބަފައިންނާއި ޙަވާލުކުރިއެވެ. ކޮންމެ މަހަކުވެސް ފައިސާ ފޮނުވައެވެ. އެކަމަކު ދެކެލަންވެސް ނައުދެއެވެ. އަހުރެންވެސް ބައްދަލުކުރާކަށް ނުއުޅެމެވެ.
ވިހެއުމުން ފޯނުކޮށްފައި ލިބުނީ ކޮން ޖިންސެއްގެ ކުއްޖެއްތޯ މަންމަ ސުވާލުކުރުމުން އަންހެން ކުއްޖެއް ކަމަށް ބުނުމުން ފޯނުކަނޑައިލި ގޮތަކަށް ނުގުޅައެވެ.
3 އަހަރު ފަހެވެ. 3 ކުދިން ގޮވައިގެން ޕާކެއްގައި އުޅެނިކޮށް ފިރިމީހާއާއި ބައްދަލުވިއެވެ. ހަގަށް ލިބުނީ ފިރިހެން ކުއްޖެއްކަން އެނގުމުން އެވާހަކަ ނުބުނީ ކީއްވެގެންތޯ ސުވާލުކުރުމުން ބުނީމެވެ. "ތިބާ ސުވާލުކުރިން ހެއްޔެވެ؟"
ފިރިމީހާ އަހުރެމެން ދުލެއް ނުކުރިއެވެ. ގެންދިއައީ އޭނާގެ ގެއަށެވެ. މަންމައަށް ހަގުދަރިފުޅު ފެނުމުން ފުންމައިގެން އައިސް އޮޅުލައިގަތެވެ. "މާމަގެ ރަންގަޑާއެވެ" ބުނެ އުރައިލިއެވެ. އަހުރެން އަނގައަކުން ނުބުނަމެވެ.
މަންމަ ވަރަށް ދެރަވެފައި މާފަށް އެދުނެވެ. އަހުރެން ގެއިން ފޮނުވާލާފައި އޭނާގެ ރައްޓެއްސެއްގެ ދަރިއަކާއި ފިރިމީހާ ކައިވެނިކުރުވި ވާހަކަ ކިޔައިދިނެވެ. ވަރިކުރުވީ އޭނާއަކީ ދަރިން ނުލިބޭނެ އަންހެނަކުކަން އެނގުމުން ކަމަށްވެސް ބުންޏެވެ. އަދި ފިރިމީހާ އޭނާދެކެ އެއްވެސް ވަރަކަށް ލޯބިނުވާކަމަށްވެސް ބުންޏެވެ. އެއިން އެއްވެސް ވާހަކައަކަށް އަހުރެން ސަމާލުކަމެއް ނުދެމެވެ. މަސައްކަތްކުރީ 3 ދަރިންނަށް ބައްޕަގެ ލޯބިހޯދައިދީގެން އެކުގައި އުޅެވޭތޯއެވެ.
މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. އަޅުގަނޑަކީވެސް ހަމަ މިފަދަ މައްސަލައެއްގައި ވަރިކޮށް ބާކީކޮށްލެވުނު އަންހެނަކީމެވެ. ބުނެލަން ބޭނުންވަނީ ލިބޭ ދަރިންގެ ޖިންސް ކަނޑައެޅުމުގައި އެއްވެސް މީހެއްގެ ދައުރެއް ބުއޮންނައިރު މިފަދަ އަނިޔާތައް ކުރަނީ ކީއްވެގެން ހެއްޔެވެ؟
- ޙައްވަ / މިއަދުނޫހުގެ ކިޔުންތެރިއެއް