ދަރިފުޅަށް އެންމެ ގިނަ ފައިސާ ލިބޭނެ ގޮތަށް ތަރުބިއްޔަތުކުމަކުން ނުފުދޭނެ! މުހިންމީ މައިންބަފައިންނާ ދަރިންގެ އާޚިރަތަށް ފައިދާކުރާނެ ގޮތަށް ތަރުބިއްޔަތުކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 28ސ
ދަރިފުޅަށް އެންމެ ގިނަ ފައިސާ ލިބޭނެ ގޮތަށް ތަރުބިއްޔަތުކުމަކުން ނުފުދޭނެ! މުހިންމީ މައިންބަފައިންނާ ދަރިންގެ އާޚިރަތަށް ފައިދާކުރާނެ ގޮތަށް ތަރުބިއްޔަތުކުރުން!

ދަރިންނަށް ކިޔަވައިދީ އަދި ތަރުބިއްޔަތުކުރާއިރު ތަނަވަހުގައި ދަރިފުޅަށް އުޅެވޭނެގޮތަށް ކަންކަން ކުރުމަކީ މައްސަލައެއްތޯ؟   

ޖަވާބުގައި ބުނެލަން އޮތީ ތަނަވަސްކަން ބޭނުންވާނެއެވެ. އެކަމަކު އެވަރަކުން އަދި ނުފުދެއެވެ. ތިރީގައިވާ ލިޔުމުން އިތުރު ތަފްޞީލް ލިބިލއްވާނެކަމަށް އުންމީދުކުރަމެވެ.

ރަނގަޅުގޮތުގައި ދަރީން ތަރުބިއްޔަތު ކޮށްފިނަމަ، މައިންބަފައިން މަރުވުމަށްފަހުގައިވެސް އެކަމުގެ ފައިދާ އެބައިމީހުންނަށް ލިބެއެވެ. އެކުދީންނަކީ ޞާލިޙް ކުދީން ކަމުގައިވާނަމަ އެކުދީން އެކުރާ ހެޔޮ ޢަމަލުތަކުގެ ޘަވާބުވެސް އެކުދީންގެ ޢަމަލުތަކުގެ އަޖުރުން އުނިވުމެއް ނެތި މައިންބަފައިންނަށްވެސް ލިބެމުންދެއެވެ. އެދެމީހުން މަރުވެފައިވީނަމަވެސް އެދެމީހުންގެ ހެޔޮކަމުގެ ތިލަފަތަށް ހެޔޮ ޢަމަލުތައް އިތުރުވަމުން ދެއެވެ. އެއީ އެދެމީހުން ތަރުބިއްޔަތުގައި ކުރި ބުރަ މަސައްކަތާއި ތަރުބިއްޔަތުކޮށްފައި ތިބި ޞާލިޙު ދަރީންގެ ސަބަބުންނެވެ. އެދަރީން އެބައިމީހުންގެ މައިންބަފައިންނަށްޓަކައި ހެޔޮދުޢާކުރެއެވެ. 

(عبد الله قادري – الإسلام وضروريات الحياة ص 88) 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

((إذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إلاَّ مِنْ ثَلاَثٍ : صَدَقَةٍ جَارِيَةٍ ، أَوْ عِلْمٍ يُنْتَفَعُ بِهِ ، أَوْ وَلَدٍ صَالِحٍ يَدْعُو لَهُ] ((رواه مسلم[ 

މާނައީ: "އާދަމުގެ ދަރިޔާ މަރުވެއްޖެއްޔާ ތިންކަމަކުން މެނުވީ އޭނާގެ ޢަމަލުތައް ކެނޑިދެއެވެ. ދެމިގެންވާ ޞަދަޤާތެއް ނުވަތަ އެއިން ފައިދާލިބެވޭފަދަ ޢިލްމެއް ނުވަތަ އޭނާއަށްޓަކައި ދުޢާކޮށްދޭނެ ޞާލިޙު ދަރިއެކެވެ." 

އަންހެން ދަރީން ތަރުބިއްޔަތު ކުރުމުގެ ޘަވާބާ ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. 

(( مَنِ ابْتُليَ مِنْ البَنَاتِ بِشَيءٍ فَأحْسَنَ إلَيْهِنَّ ، كُنَّ لَهُ سِتراً مِنَ النَّارِ )) ] رواه مسلم[

މާނައީ: "އަންހެންދަރީންގެ ކަމަކާ ބެހޭގޮތުން އިމްތިޙާނުކުރެވިއްޖެމީހާ (އަންހެން ދަރީން ދެއްވިއްޖެމީހާ)، އެކުދީންނަށް ހެޔޮކޮށްހިތައިފިނަމަ، އެކުދީންނަކީ އޭނާއާ ނަރަކައާ ދެމެދުގައިވާ ހުރަހެއް ކަމުގައިވާހުއްޓެވެ." 

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. 

(( مَنْ عَالَ جَارِيَتَيْن حَتَّى تَبْلُغَا جَاءَ يَوْمَ القِيَامَةِ أنَا وَهُوَ كَهَاتَيْنِ وَضَمَّ أَصَابِعَهُ )). ] رواه مسلم[

މާނައީ: "ދެއަންހެންދަރިން ބާލިޣުވަންދެން، އެދެކުދިން ހެޔޮގޮތުގައި ބަލައި ބޮޑުކޮށް ތަރުބިއްޔަތުކޮށްފި މީހާ ޤިޔާމަތްދުވަހުން އެމީހަކު ތިމަންކަލޭގެފާނާއި މިފަދައިން ކައިރިވެގެންވާ ހުއްޓެވެ. (މިހެން ޙަދީޘްކުރައްވައި) އެކަލޭގެފާނުގެ އިނގިލިފުޅުތައް ކައިރިކޮށްލެއްވިއެވެ." 

އިމާމު ނަވަވީ ރަޙިމަހުﷲ ވިދާޅުވިއެވެ. “މިޙަދީޘުގައި عَالَމިބަހުގެ މުރާދަކީ އެކުދީންގެ ކަންކަން އޯގާވެރިކަމާއެކު ކޮށްދިނުމާ އެކުދިންނަށް ތަރުބިއްޔަތު ދިނުމެވެ.] النووي صحيح  مسلم بشرح النووي 16/180[

ދުނިޔެއާއި އާޚިރަތުގައިވެސް ތަރުބިއްޔަތުގެ މޭވާ ލިބުމަށްޓަކައި، ޞައްޙަ ޢަޤީދާގެ މަތީގަޔާއި ރިވެތި އަޚްލާޤުގެ މަތީގައި ދަރީން ތަރުބިއްޔަތު ކުރާށެވެ.

މިއީ أ.د. خالد بن حامد الحازميލިޔުއްވާފައިވާ أصول التربية الإسلاميةއަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

 

- ޝައިޚް މުޙައްމަދު ޝާފިޢު

 

މިއަދު އޮންލައިން