އެކުވެރިން އިޚްތިޔާރުކުރުމަކީވެސް ވަރަށް ވިސްނައިގެން ކުރަންޖެހޭ ކަމެކެވެ. ދަންނަ ކޮންމެ މީހަކީ އެކުވެރިއަކަށް ހަދައި ގުޅިގެން އުޅެންވެއްޖެނަމަ ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެތީއެވެ. ގިނަ ބައަކަށް ބޮޑެތި ދެރަ ލިބެނީ މިކަމަށް ވިސްނައިނުލެވޭތީއެވެ.
ކޮންމެ މީހަކަށްވެސް އެކުވެރިން ބޭނުންވާނެއެވެ. އެއީ ބޭނުންތެރިވެސް ކަމެކެވެ. ނަމަވެސް އެކުވެރިން ވާންޖެހޭނީ ރަނގަޅު އެކުވެރިންނަށެވެ. ނުބައި މީހުންނާއި އެކުވެރިވެ ގުޅިގެން އުޅުމެއް ނެތެވެ.
ބައެއް މީހުން ބުނެއެވެ. އަހުރެން މިއުޅެނީ ރަނގަޅު އެކުވެރިން ނުލިބިގެންނެވެ. އެހެންކަމަށްވާނަމަ ފުރަތަމަ ސުވާލަކީ ތިބާއަކީ ރަނގަޅު މީހަކީމު ހެއްޔެވެ؟ އުޅެނީ ރިވެތި އަޚްލާޤެއްގެ މަތީގައި ހެއްޔެވެ؟ ނަމާދުކުރަމު ހެއްޔެވެ؟ ތަޤްވާވެރިވާން މަސައްކަތްކުރަމުހެއްޔެވެ؟ ރަނގަޅު އެކުވެރިން ހޯދަން ކުރިމަތިލާންވާނީ ތިމާއަކީ ރަނގަޅު މީހަކަށް ވެގެން ހުރެއެވެ.
ދެން ކުރެވޭ ސުވާލަކީ ރަނގަޅު އެކުވެރިން ދެނެގަންނާނީ ކިހިނަކުންހެއްޔެވެ؟ އެގޮތުން ކުރެވޭ ސުވާލުގެ ޖަވާބަކީ ދެކަމަކަށް ބަލާށެވެ! ފުރަތަމަ ކަމަކީ ތިބާގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތައް އެމީހުންގެ ކިބައިގައި ހަރުލައްވަން އެމީހުން މަސައްކަތްކުރޭހެއްޔެވެ؟ އެހެންކަމަށްވާނަމަ އެއީ ރަނގަޅު އެކުވެރިންނެވެ.
ދެން ބަލައިލަންވީ އެކުވެރިންގެ ކިބައިގައި ހުންނަ ނުރަނގަޅު ސިފަތައް ތިބާއަށް ފޯރައި ތިބާގެ އުޅުމަށް ނޭދެވޭ ބަދަލު އައުދޭހެއްޔެވެ؟ އަންނަނަމަ އެއީ ނުބައި އެކުވެރިންނެވެ. އޮތީ އަވަހަށް އެމީހުންނާއި ދުރުވުމެވެ. އެމީހުންފަދަ ގޯސް މީހަކަށް ބަދަލުވުމުގެ ކުރިން އެމީހުންގެ ކިބައިން ސަލާމަތްވުމެވެ.
- މުފްތީ މެންކުގެ ދަރުސަކުން