ތަނަަވސް މީހަކު އަންހެންކުއްޖަކަށް ބުންޏެވެ.
"އަހުރެންނަށް ތިބާ ވަރަށް ރީއްޗެވެ. ތިބާ އަހުރެންނާއި ރުހޭށެވެ. ތިބާއާއި ޢާއިލާގެ ހުރިހާ ޚަރަދުތަކެއް ކޮށްދޭނަމެވެ. އެއްވެސް ކަމަކަށް ދަތިވިއަކަ ނުދޭނަމެވެ. ޢުމުރަށް އުފަލުގައި ބައިންދާނަމެވެ. މިގުޅުން ސިއްރުކުރާށެވެ. އެއިރުން އެއްވެސް މީހަކަށް ނުއެނގޭނެއެވެ."
އެކުއްޖާ ދިން ޖަވާބު އެނގޭހެއްޔެވެ؟ "ފުރަތަމަ ކަމަކީ ތިބާ އަހުރެންނާއި ކައިވެނިކުރަން ބޭނުންނުވާކަމެވެ. ގުޅުން ސިއްރުކުރަން ތިއަބުނީ އެހެންވެގެންނެވެ. ނިކަން ބުނެބަލާށެވެ! ﷲ ތަޢާލާއަށް ސިއްރުކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ ބުނަން ހެއްޔެވެ؟ ﷲ ތަޢާލާ އަހުރެންނަށް ދެއްވެވި އެންމެ އަގުބޮޑު ޖަވާހިރަކީ އަހުރެންގެ ހަށިގަނޑެވެ. ހަށިގަނޑުގެ އަގުހުންނާނީ ޢިއްފަތްތެރިކަމުގައި ހުރިނަމައެވެ.
އަހުރެން މަރުވާނީ ކޮންވަޤުތަކު ކަމެއް ނުއެނގެއެވެ. ﷲ ތަޢާލާއަށް ނުކިޔަމަންތެރިވާ އަޅެއްގެ ގޮތުގައި މަރުވާކަށް ބޭނުމެއް ނޫނެވެ. ތިބާ އަހުރެންނަށް ގަނޑުވަރެއް ދިނަސް އެތަނުގައި އުޅެވޭނީ މަރުވަންދެންނެވެ. އަހުރެން ޖިފުޓިއެއްގައި ވިޔަސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅެމުންދަނިކޮށް މަރުވެއްޖެނަމަ އަހުރެންނަށް ސުވަރުގެއިން ގަނޑުވަރެއް ދެއްވަވާނެތެވެ. އެތަނުން ނުކުންނާކަށް ދުވަހަކުވެސް ނުޖެހޭނެއެވެ.
ތިބާއަށް އަހުރެން ކަމުދާނަމަ ފުރަތަމަ ކަމަކަށްވެސް ނިޔަތް ރަނގަޅުކުރާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! ތަޤްވާވެރިވާށެވެ! އެކަންކަން ފުރިހަމަކުރުމަށްފަހު ކައިވެނިކުރާށެވެ! އަހުރެންވެސް ތިބާއަށް ރުހެމެވެ. ނަމަވެސް ކައިވެންޏަށް ފަހުގައެވެ. ކައިވެނިކުރާނެ މީހަކު ދުވަހަކު ނުލިބުނަސް އަހުރެންގެ މިއިން އެއްވެސް ނިންމުމެއް ދުވަހަކުވެސް ބަދަލެއް ނުކުރާނަމެވެ." އެހެން ބުނެފައި އޭނާ ދިއައީއެވެ. އިތުރު ވާހަކައެއް އަޑުއަހަން މަޑެއްވެސް ނުކުރެއެވެ.
ނަތީޖާ އެނގޭހެއްޔެވެ؟ އޭނާ ހުށަހެޅި ހުށަހެޅުން ޤަބޫލުކޮށް ޢަމަލުކޮށް ކައިވެނިކުރީއެވެ.
ލޮބުވެތި ކަނބަލކުންނޭވެ! ކިތަންމެ ތަނަވަސް މީހަކު ބުނިނަމަވެސް މިނޫން ޖަވާބެއް ނުދޭށެވެ. މިގޮތުގައި ޘާބިތުވާށެވެ! އޭނާ އެކަން ޤަބޫލުނުކުރިޔަސް ކަންބޮޑުނުވާށެވެ. ދުނިޔޭގައިވެސް ހިތްހަމަޖެހިގެން އުޅެވޭނެ ދިރިއުޅުމެއް ދެއްވަވާނެތެވެ. އަދި ސުަވރުގެއިން ގަނޑުވަރެއްވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން