ޤިޔާމަތް ދުވަހު ފައިދާކުރާނީ ޘަވާބު ދެއްވަވާނެ ކަންކަމަށް ހޭދަކުރީމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 51ސ
ޤިޔާމަތް ދުވަހު ފައިދާކުރާނީ ޘަވާބު ދެއްވަވާނެ ކަންކަމަށް ހޭދަކުރީމަ!

ތަނަވަސްކަން ހުރިނަމަ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކަންކަމުގެ ތެރެއިން ތިމާއަށް ހިތްހަމަޖެހުން ލިބޭ ކަންކަމަށް ހޭދަނުކުރާކަށް ނުބުނަމެވެ. ނަމަވެސް އާޚިރަތް އެދޭމީހާ ވިސްނާލަންޖެހޭނެ ކަންކަން އެބަހުއްޓެވެ.  

ކިތަންމެ ދަތިޙާލުގައި މީހަކު އުޅޭކަން އެނގުނު ނަމަވެސް އެހީތެރިނުވާ މީހުން މަދެއް ނޫނެވެ. ފުރަތަމަވެސް ބެލެނީ އަނެކާގެ ކިބައިން ތިމާއަށް ކުރަނީ އަދި ކުރާނީ ކޮންފައިދާއެއްތޯއެވެ؟ އަދިކީއްހެއްޔެވެ؟ ނިކަމެތި ފަޤީރުން ސަލާންޖެހުމުން އެހީތެރިނުވާ މީހުން މަޝްހޫރުވުމުގެ ބޭނުމުގައި ކުޅިވަރުތައްކުޅޭ މީހުންނަށް ނުވަތަ ކުޅިވަރުތަކަށް އެބަ އެހީތެރިވެއެވެ.  

މިހިރަމިހިރަ ކަންކަމަކީ މުސްލިމުންކޮށްގެންވާނެ ކަމެއް ނޫނެވެ. އެންމެފުރަތަމަ ހޭދަކުރަންވީ ޙާލުގައި ޖެހިފައިތިބި މީހުންނަށެވެ. ކާންބޯން ނުލިބޭ އަދި ބޭސްފަރުވާ ނުކުރެވިފައިތިބުން ފަދަ ދަތިޙާލުގައި ތިބޭ މީހުންނަށެވެ. ތިމާގެ ކިބައިގައި ތަނަވަސްކަން ހުރެމެ ދަތިޙާލުގައި ތިބޭ މީހުންނަށް އެހީތެރިނުވާނަމަ އޭނާގެ އިސްލާމްކަމާއިމެދު ސުވާލުއުފެދެއެވެ.  

ލޮބުވެތިއަޚުންނާއި އުކުތުންނޭވެ! ދަތިޙާލލުގައި ތިބޭ މީހުންނަށް އެހީތެރިނުވެ ބޭންކަށް  ފައިސާޖަމާކޮށްގެން ތިބުމަކީ ހުއްދަކަމެއް ކަމަކަށް ނުބުނާނަމެވެ! އެއީ ޞަދަޤާތްކުރުމަށް ޤުރްއާނުގައި އަންގަވާފައިވާލެއް ގިނަކަމުންނެވެ.  

"އަހަރެން ސަރުކާރަށް ޓެކްސް ދައްކަމޭ، މުދަލުޒަކާތް ދައްކަމޭ" ބުނެ ޞަދަޤާތް ނުދިނުމަކީ އިސްލާމް ދީނުގައި އޮތްކަމެއް ނޫނެވެ. އެހެނީ މުދަލު ޒަކާތް ދެއްކުމަކީ ދީނުގެ ރުކުނެކެވެ. ސަރުކާރަށް ޓެކްސް ދެއްކުމަކީ ޤާނޫނީ ވާޖިބެކެވެ. މިއީ ނުކޮށް ދޫކޮށްލެވޭނެ ކަންކަމެއް ނޫނެވެ.  

ނަމަވެސް ޞަދަޤާތަކީ އިތުރު ޘަވާބަށް އެދިގެން އެމީހާކުރާ ކަމެކެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރުކުރެއްވެވުން އެދިގެންކުރާ ކަމެކެވެ. ޒަކާތާއި ޞަދަޤާތަކީ ދައްކަންޖެހޭ ޢަދަދުކަނޑައެޅިގެންވާ ދެކެމެވެ. ޞަދަޤާތް ދިނުމުގައި އެމީހަކު ދޭން ބޭނުންވާ ޢަދަދަކުން ދޭން ބޭނުންވާ މިންވަރަކަށް ދެވިދާނެއެވެ. ގިނަ ޘަވާބު ލިބެން އެދޭމީހާ ގިނައިންދޭނީއެވެ.  

އަތުގައި ފައިސާ ނެތުމުން މަދުން ދިނުމަކީ ބަރަކާތްކުޑަވާކަމެއް ނޫނެވެ. ޙަދީޘްފުޅުގައި އޮތީ ކަދުރުއޮށެއްގެ ފަޅިވަރަކުން ނަމަވެސް ޞަދަޤާތްދީ ނަރަކައިން ސަލާމަތްވާން މަސައްކަތްކުރުމަށެވެ. ބިލިއަނުން ދިނުމުގެ ވާހަކައެއް ނޫނެވެ. ވީމާ އަތުގައި އޮތްމިންވަރަކުން ދިންނަމަވެސް ބަރަކާތް ލައްވަވާނެ މިންވަރުނިކަން ހިތަސް ގެނެސްބަލާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

عَنْ أَبِي هُرَيرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ ﷺ: ((لَا تَحَاسَدُوا، وَلَا تَنَاجَشُوا، وَلَا تَبَاغَضُوا، وَلَا تَدَابَرُوا، وَلَا يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ، وَكُونُوا عِبَادَ اللَّهِ إِخْوَانًا.

الْمُسْلِمُ أَخُو الْمُسْلِمِ، لَا يَظْلِمُهُ، وَلَا يَخْذُلُهُ، وَلَا يَحْقِرُهُ، التَّقوَى هَهُنَا -وَيُشِيرُ إِلَى صَدْرِهِ ثَلاَثَ مَرَّاتٍ-.

بِحَسْبِ امْرِئٍ مِنَ الشَّرِّ أنْ يَحْقِرَ أَخَاهُ الْمُسْلِمَ.

كُلُّ الْمُسْلِمِ عَلَى الْمُسْلِمِ حَرَامٌ: دَمُهُ، وَمَالُهُ، وعِرْضُهُ((

[رَوَاهُ مُسْلِمٌ 2564] 

މާނައީ: އަބޫ ހުރައިރާ رضي اللّه عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. 

"ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ޙަސަދަވެރިނުވާށެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ގެއްލުންދިނުމުގެ ގޮތުން މުދަލުގެ އަގު ބޮޑުނުކުރާށެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ރުޅިވެރިނުވާށެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ފުރަގަސްނުދޭށެވެ. އަދި ގަނެވިއްކުމުގައި (ވިޔަފާރިއަށް ހުރަސްއެޅޭ ގޮތަށް) އެކަކު ކިޔާ އަގުގެ މައްޗަށް އަނެކަކު އަގުނުކިޔާށެވެ. އޭ ﷲގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން އަޚުވަންތަވާށެވެ. އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އޭނާ، އޭނާގެ އަޚާއަށް އަނިޔާވެރި ނުވާނެއެވެ. އަދި އޭނާގެ އަޚާއަށް އެހީތެރިކަން ބޭނުންވާ ވަގުތު އެހީނުވެ ނުހުންނާނެއެވެ. އަދި އޭނާގެ އަޚާ ކުޑައިމީސް ނުކުރާނެއެވެ. ތަޤުވާވެރިކަންވަނީ މިތަނުގައެވެ.” މިފަދައިން ޙަދީޘްކުރައްވާފައި އެކަލޭގެފާނުގެ މޭފުޅަށް ތިންފަހަރު އިޝާރާތްކުރެއްވިއެވެ. “ތިބާގެ މުސްލިމު އަޚާ ކުޑައިމީސްކުރިމީހާ ދަންނައެވެ. ނުބައިކަމެއްގެ ގޮތުގައި އޭނާއަށް އެކަން ފުދެއެވެ. ކޮންމެ މުސްލިމެއްގެ މައްޗަށްވެސް، އަނެއް މުސްލިމެއްގެ ލެޔާއި މުދަލާއި އަބުރު ޙަރާމްވެގެންވެއެވެ." 

އިތުރުބަޔާން 

ރަސޫލުﷲ ﷺ އުންމަތަށް އިރުޝާދު ދެއްވާފައިވަނީ މުސްލިމުންނަކީ، އެކަކު އަނެކަކަށް އެހީތެރިވެ، އެކަކު އަނެކަކަށް ރަޙުމްކޮށ،ް އެކަކު އަނެކެއްގެ ހިތާމައާއި އުފަލުގައި ބައިވެރިވުމުގައި އެއްހަށިގަނޑެއްގެ މިސާލު ކަމުގައެވެ.

((مَثَلُ الْمُؤْمِنِينَ فِي تَوَادِّهِمْ، وَتَرَاحُمِهِمْ، وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى)) [متفق عليه]

މާނައީ: "އެކަކު އަނެކަކުދެކެ ލޯބިވުމުގައްޔާއި އެކަކު އަނެކަކަށް ރަޙުމުކުރުމުގައްޔާ އަދި އެކަކު އަނެކަކަށް އޯގާތެރިވުމުގައި މުއުމިނުންގެ މިޘާލަކީ އެއްހަށިގަނޑެއްގެ މިސާލެވެ. ހަށިގަނޑުން ގުނަވަނަކަށް އުނދަގުލެއް ކުރިމަތިވާ ހިނދު، ނިދިނަގާލައި ހުންއައިސް، މުޅި ހަށިގަނޑު އެކަމުގައި ބައިވެރިވެއެވެ."

ޙަދީޘްގެ މަސްދަރު: ދިސަލަފިއްޔާ

 

 

 

މިއަދު އޮންލައިން