މީސްތަކުންނޭވެ! އަހަރެމެންނަކީ ކިތަންމެ ބާރުގަދަ ބައެއް ކަމަށް ހީކޮށްގެން ދުނިޔޭގައި އުޅެން މަސައްކަތްކުރި ނަމަވެސް ޙަޤީޤަތުގައި އަހަރެމެންނަކީ އެއްވެސް ބާރެއް ހުރި ބައެއް ނޫނެވެ.
ވީމާ ތައުބާވެ ހެޔޮ އަމަލުތައް ކުރުން ގިނަކުރާށެވެ! އަދި ބުނަން ހެއްޔެވެ؟ އެދޭ ކަންކަން ޙާޞިލު ނުވާ މީހުންނަށްވުރެ ނުރައްކައުތެރިކަން ބޮޑީ އެދޭ ކަންކަން ޙާޞިލުވާ މީހުންނަށެވެ. އެހެނީ އެދޭކަންކަން ޙާޞިލްވާ މީހުންނަށް ކުރިމަތި ކުރައްވަވާނެ ސުވާލުތައް މާގިނަވާނެއެވެ. ފާސް ނުވެއްޖެ ނަމަ ކުރިމަތިވާނެ މައްސަލަތައް ވެސް މާނުރައްކައުތެރިވާނެއެވެ.
ވީމާ ކޮންމެ މީހަކުވެސް މި ބަޔާން ކުރި ދެ ޙާލަތާއިމެދު އަބަދުވެސް ވަރަށް ފުންކޮށް ވިސްނާށެވެ! ޙަޤީޤީ ވިސްނުންތެރިންނަކީ މި ދެ ޙާލަތަށް ވިސްނައި އަމަލުތައް ސީދާ ކުރެވޭ މީހުންނެވެ! ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރެވޭ މީހުންނެވެ. ﷲ ތަޢާލާ އަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވެވޭ މީހުންނެވެ.
މިކުރުކުރު ވާހަކަކޮޅުން އެނގިގެން މިދިއައީ ކުރަން ބޭނުންވާ ކަންކަން ނުކުރެވެނީނަމަ އެއީ ﷲ ތަޢާލާ ތިބާއަށް ދެއްވަވާ ވަރަށް މުހިނަމު މެސެޖެއްކަމެވެ. އެއަންގަވަނީ ތިބާއަކީ އެއްވެސް ބާރެއް ނެތް މީހެއް ކަމަށާއި ހުރިހާ ބާރުތަކެއް މިލްކުވެވޮޑިގެންވަނީ ތިމަން ﷲ އަށް ކަމެވެ. ތިބާއަށް އޮތީ ތައުބާވުން ގިނަކޮށް ބޭނުންވާ ކަންކަން ހިންމަވައި ދެއްވެވުން އެދި ދެންނެވުން ކަމެވެ.
ޚުލާސާއަކީ ތިމާ ޙާޞީލް ކުރަން ބޭނުންވާ ކަންކަން ޙާޞިލު ނުކުރެވޭނަމަ އެއީވެސް ހަމަ މަތިވެރި ނިޢްމަތެކެވެ. އެ ކަން ނިޢްމަތަކަށްވާނީ ތިބާއަކީ އެއްވެސް ކަމެއް ތިބާ ބޭނުންވާ ގޮތަށް ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހެއް ނޫންކަން އަންގަވައި ދެއްވެވުމަށް އެ ދެއްވަވާ މެސެޖު ކިޔަން އެނގިއްޖެ ނަމައެވެ.
މީގެ އިތުރުން އެދޭ ކަންކަން ޙާޞިލްނުވާނަމަ ނުވަތަ ހިތްދަތިކަމާއި ދަތިޙާލުގައި އުޅެންޖެހޭނަމަ އެއީވެސް ދެއްވަވާ މެސެޖެކެވެ. އެ މެސެޖަކީ ﷲ ތަޢާލާ އާއި ކުއްތަންވުމަށް ކުރާ މަސައްކަތް އިތުރުކުރަންޖެހޭކަމެވެ. ސުވަރުގެއިން މަތީ ދަރަޖަ ހޯދަން ކުރާ މަސައްކަތް އިތުރުކުރަންޖެހޭ ކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން