ގިނަ ބައެއްގެ ޒަވާޖީޙަޔާތް ފޭލްވާ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ގިނަ ބައެއްގެ ޒަވާޖީޙަޔާތް ފޭލްވާ ސަބަބު-

އަހުރެން ފުރަތަމަ މިކިޔައިދެނީ ދާދިފަހުން ހިނގައިދިއަ ކަމެއްގެ ވާހަކައެވެ. އެއީ އަހުރެންގެ އަވަށްޓެރި އަންހެނެކެވެ. ލޯބިވެރިއަކު ލިބުމުން އުޅެމުން އައީ ހިތަށްއެރިހައި ގޮތަކަށެވެ. އެކުވެރިންނާއި މައިންބަފައިން ދިން އެއްވެސް ނަޞީޙަތަކުން ކުރިފައިދާއެއް ނެތެވެ.  

އޭނާގެ މައިންބަފައިންގެ އެދުމަށް އަހުރެންވެސް އެތައް ފަހަރަކު ނަޞީޙަތްދިނީމެވެ. އަޑުއަހައެވެ. ޢަމަލެއް ނުކުރެއެވެ.  

އެދެމީހުން ކައިވެނިކުރިއެވެ. ދިރިއުޅުނީ ފިރިމީހާގެ ގޭގައެވެ. ކައިވެންޏަށް 2 ވަނަ އަހަރު އެނބުރި މައިންބަފައިންގެ ގާތަށް އަންނަންޖެހުނީ ބަނޑަށް ހަމަހުގެ ކުއްޖަކުވެސް ގޮވައިގެންނެވެ.  

އޭނާއަށް ކަންކަން ވިސްނި ތައުބާވިއެވެ. ރަނގަޅު ދިރިއުޅުމެއް އުޅެން މަސައްކަތް ފެށިއެވެ. ތަްްވާވެރިކަމުގައި ކުރިއަރައިދާން މަސައްކަތް ފެށިއެވެ. ނަތީޖާވެސް ފެނުނެވެ. ވިހައި ގަދަވިތަނުން ހެޔޮލަފާ ބައިވެރިއަކު ލިބުނެވެ. ދެމީހުން ދިރިއުޅެމުން އަންނަނީ އުފަލުގައެވެ.  

އަހުރެމެންގެ ތެރެއިން ގިނަ ބައަކަށް ވިސްނެނީ ރަނގަޅު ބައިވެރިއަކު ލިބޭނީ އަނެކާ ބޭނުންވާހައި ކަމެއްކޮށްގެން ކަމަށެވެ. ނަމަވެސް މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ވަރަށް ގޯސް ވިސްނުމެކެވެ.  

ރަނގަޅަށް ދިރާސާކުރާށެވެ! ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކަންކަން ކުރަމުން ކުރާ ކައިވެނީގައި މައްސަލަތައް ޖެހުން އަވަސްވާނެއެވެ. ކައިވެނި ރޫޅުންވެސް އަވަސްވާނެއެވެ. އެކުގައި ހޭދަކުރެވުނު މަދު ދުވަސްކޮޅުން ލިބުނު އުފަލަށްވުރެ ފަހުން ކުރަންޖެހޭ ހިތާމަ މާބޮޑުވާނެއެވެ.  

މިހެން ބުނި ނަމަވެސް ބައެއް ދެމަފިރިން އެކުގައި އުޅޭތަންވެސް ފެނިދާނެއެވެ. އެމީހުން އެކުގައި އުޅުނަސް އުޅެމުން ދަނީ އުފަލުގައިތޯ ނިކަން ބަލައިބަލާށެވެ. ހާހަކުން މީހަކަށްވެސް އުފާވެރިކަމެއް ނުލިބޭނެއެވެ.  

ރަނގަޅަށް ހަނދާންކުރާށެވެ! ދިރިއުޅުންވެސް އަދި ކޮންމެ ކަމެއްވެސް ކާމިޔާބުވުން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. މަސައްކަތްކުރަންވީ އެއްވެސް މީހަކު ރުއްސާކަށް ނޫނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. އުފާވެރިކަން ލިބުން އޮތީ އެގޮތުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން