ދެބަސްވުންތައް ޙައްލުކުރަން ޢަމަލުކުރަން ޤުރްއާނުގަ އޮތް ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ދެބަސްވުންތައް ޙައްލުކުރަން ޢަމަލުކުރަން ޤުރްއާނުގަ އޮތް ގޮތް!

ދެމީހެއްގެ މެދުގައި ދެބަސްވުމެއް އުފެދޭއިރަށް މިހާރަކަށް އައިސް ގިނަ މީހުން ބޭނުންވަނީ ސޯޝަލްމީޑިއާގައި އެކަމެއް ޢާންމުކޮށް ގިނަބައެއްގެ ޚިޔާލުހޯދުމަށެވެ.

މީގެތެރޭގައި ދެމަފިރިންގެ މެދުގައި ޖެހޭ ކަންކަންވެސް އެބަ ހިމަނައެވެ. ހިތާމައަކީ ސަތޭކައަކުން މީހަކުވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތް ކޮމެންޓްނުކުރާ ކަމެވެ. އެމީހަކަށް ފެންނަ ގޮތް ހާމަކުރާ ކަމެވެ.

ފުރަތަމަ ބަލައިލަންވީ ﷲ ތަޢާލާގެ ވަޙީބަސްފުޅަށެވެ.  

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން، ﷲ އަށް ކިޔަމަންވާށެވެ! އަދި، ރަސޫލާއަށާއި، ތިއަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ! ފަހެ، ކަމަކާމެދު ތިއަބައިމީހުން ދެބަސްވެއްޖެނަމަ، ﷲ  އަށާއި، ރަސޫލާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު ﷲ އާއި، އެކަލާނގެ ރަސޫލާގެ ޙުކުމް އޮތްގޮތެއް ބަލައި އެގޮތަށް ޢަމަލުކުރާށެވެ!) ތިއަބައިމީހުން، ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވާ ކަމުގައި ވާނަމައެވެ. އެގޮތް ތއަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި، ނިމުމެއްގެގޮތުން ރީތިކަންވެސް ބޮޑުމެއެވެ."

(ނިސާ: 59)  

މީސްތަކުންނަށް އޮތީ ﷲ ތައާލާއަށް ކިޔަމަންވުމެވެ. އެއަށްފަހު ރަސޫލް (ﷺ) އަށާއި ވެރިން ކަމުގައި ﷲ ތަޢާލާ މިންވަރު ކުރައްވަވާފައިވާ މީހުންނަށް ވެސް ކިޔަމަންތެރިވުމެވެ. ނަމަވެސް އެއްވެސް ކަމެއްގައި ޚިޔާލު ތަފާތުވެއްޖެ ނަމަ ބަލަން އޮތީ ވެރިމީހާގެ ބަހެއް ނޫނެވެ. އަދި ވެރިމީހާގެ ނިންމުމެއް ވެސް ނޫނެވެ. އަދި ވެރިމީހާ ބޭނުންވާ ގޮތެއްވެސް ނުމެނޫންމެއެވެ. ހަމަ އެއާއިއެކު މުޖުތަމަޢު ތަކުގައި ތިބޭ އަޑުގަދަ މީހުން ބުނާ ގޮތެއްވެސް ނޫނެވެ.  

ބަލަން ޖެހޭ ކަންކަން ﷲ ތައާލާ މިވަނީ ވަރަށް ސާފުކޮށް ބަޔާން ކުރައްވަވައިފައެވެ. " ފަހެ، ކަމަކާމެދު ތިއަބައިމީހުން ދެބަސްވެއްޖެނަމަ، ﷲ  އަށާއި، ރަސޫލާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު ﷲ އާއި، އެކަލާނގެ ރަސޫލާގެ ޙުކުމް އޮތްގޮތެއް ބަލައި އެގޮތަށް ޢަމަލުކުރާށެވެ!)"  

އެފަދައިން ޢަމަލުކުރަންވީ " ތިއަބައިމީހުން، ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވާ ކަމުގައި ވާނަމައެވެ." އަހަރެމެން އެންމެން މިތިބީ "ﷲ އަށާއި، އާޚިރަތް ދުވަހަށް" އީމާން ވެގެންނެވެ.  ވެރިންނަށާއި އަޑުގަދަ މީހުންނަށް އީމާންވެގެނެއް ނޫނެވެ.  

މިހާރަކަށް އައިސް ބައެއް މުސްލިމް ބޮޑެތި ޤައުމުތަކުގައިވެސް ﷲ ތަޢާލާގެ މިނިންމެވުން އެބަ ބަދަލުކުރެއެވެ. ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތައް ބަދަލުކޮށް ވެރިންނާއި އަޑު ގަދަ މީހުންނާއި ފައިސާވެރިން ބޭނުންވާ ގޮތްތައް ވެރިކަމުގެ ފަރާތުން އެބަ ކުރިއަށް ނެރެއެވެ! މިއީ މުސްލިމުން ބަލައިގަންނަން ޖެހޭނެ ގޮތެއް ނޫނެވެ. ބަލައިގަންނަން ޖެހޭނީ ﷲ ތަޢާލާގެ ވަޙީއެވެ.  

ދެން ބުނެލަން އޮތީ ދެމަފިރިން އެކަކު އަނެކަކަށް ނަމަވެސް، މައިންބަފައިންނަށްވެސް، ވެރިންނަށްވެސް އަދި ކޮންމެ މީހަކަށް ނަމަވެސް ކިޔަމަންވާން އޮތީ ﷲ ތަޢާލާ އަންގަވާފައިވާ ފަދައިން ކުރާ އަމުރުތަކަށެވެ. ޤުރްއާނާއި ސުންނަތުގެ ތެރެއިން ކުރާ އަމުރުތަކަށެވެ. އެނޫން ގޮތަކަށް ކުރާ އެއްވެސް އަމުރަކަށް ކިޔަމަންވުމެއް ނެތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން