ހަށިގަނޑާމެދު ކިތަންމެ ބޮޑަށް ވިސްނިޔަސް ތިމާގެ ރޫޙާމެދު ނުވިސްނާ މީހުން ވިސްނައިލުން އެންމެ މުހިންމު ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 17ސ
ހަށިގަނޑާމެދު ކިތަންމެ ބޮޑަށް ވިސްނިޔަސް ތިމާގެ ރޫޙާމެދު ނުވިސްނާ މީހުން ވިސްނައިލުން އެންމެ މުހިންމު ކަންތައް!

މިއީ އެންމެ ހިތާމަހުރި ކަންތަކެވެ! އެކަމަކު އަހުރެމެންގެ ޙާލު މިހުރީ ކޮންފަދައަކުން ހެއްޔެވެ؟ އަހުރެން ބުނާނީ އިންތިހާއަށް ކަންބޮދުވާންޖެހޭ ގޮތަކަށް ކަމަށެވެ. ހަށިގަނޑާއިމެދު ވިސްނާ މީހުން ގިނަވެފައި ތިމާގެ ރޫޙާއިމެދު ވިސްނާ މީހުން މަދުކަމުންނެވެ.  

މަރުގެ މަލާއިކަތާއަށް ފުރާނަ ހިއްޕަވަން ވަޑައިގެން ގިނަ ބައަކާއި ބައްދަލުކުރައްވަވަން ޖެހިވަޑައިގަންނަވަނީ މަރާއިމެދު ޣާފިލުވެގެން ތިއްބައެވެ. ތައުބާނުވެ ފާފަކުރުންމަތީގައި ތިއްބައެވެ. ތިމާގެ ހަށިގަނޑުން ތިމާގެ ރޫޙް ނެރުއްވަވާނެ ވަޤުތަށް ސަމާލުކަން ނުދީ ތިއްބައެވެ. ނިހެން ބުނަން މިޖެހެނީ ޤިޔާމަތް ދުވަހު ޙިސާބު ބެއްލެވުމުން ނަރަކައަށް ވަންނަން ޖެހޭނެ މީހުންގެ ޢަދަދު ގިނަކަމުންނެވެ.  

އެމީހަކަށް ﷲ ތަޢާލާ ދެއްވެވި ރޫޙްގައި މަތިވެރިކަން ނެތްނަމަ އެމީހެއްގެ ނަފްސުގައި އެއްވެސް މަތިވެރިކަމެއް ނެތެވެ. އިންސާނާއަށް ﷲ ތަޢާލާ ދެއްވެވި ރޫޙުގެ މަތިވެރިކަން ދޫކޮށްލައި ހަށިގަނޑުގެ ރީތިކަމަށް މަސައްކަތްކުރާ މީހުން ވަނީ މަގުފުރެދިފައެވެ. ސަބަބުތައް މިބަޔާންކުރަނީއެވެ. އާޚިރަތް އެދޭ މީހާ ގަދައަޅައި މަސައްކަތްކުރަންވީ އެމީހާގެ ރޫޙް މަތިވެރިކުރުމަށެވެ.  

މީސްތަކުންނޭވެ! މިއަދު ގިނަ ބައަކު ކަންބޮޑުވަނީ އެމީހުންގެ ހަށިގަނޑާއިމެދުގައެވެ. ރީތިކުރަން އުޅެނީވެސް ރައްކައުތެރިކުރަން މަސައްކަތްކުރަނީވެސް އެމީހުންގެ ހަށިގަނޑެވެ! އެމީހުންގެ ރޫޙާއިމެދު ވިސްނާ މީހުން ވަރަށް މަދުވެއްޖެއެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ހުރިހާ މަތިވެރިކަމެއް ވަނީ އަހަރެމެންގެ ރޫޙުގައެވެ. އަހަރެމެންގެ ހަށިގަނޑަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫނެވެ.  

ރަނގަޅަށް ސަމާލުކަން ދީގެން ވިސްނާށެވެ! އާދަމްގެފާނު އުފެއްދެވުމަށްފަހު ހުރިހާ މަލާއިކަތުންނަށް އާދަމްގެފާނަށް ސަޖިދަކުރައްވަވަން ﷲ ތައާލާ އަމުރުފުޅު ކުރެއްވެވީ ވަޙީގެ މަލާއިކަތާ ޖިބްރީލްގެފާނާއި އެންމެހައި މަލާއިކަތުން ހިމެނިވަޑައިގަންނަވާ ގޮތަށެވެ. އެއްވެސް އިސްތިސްނާއެއް ނެތިއެވެ. އެހައި މަތިވެރި ދަރަޖައެއް އާދަމްގެފާނަށް ދެއްވެވީ ކީއްވެގެން ހެއްޔެވެ؟  

އެއްވެސް ޙާލެއްގައި އެއީ އާދަމްގެފާނުގެފާނުގެ ހަށިކޮޅުގެ މަތިވެރިކަމަކުން ނޫނެވެ. އެހެންނަމަ އެ ހަށިކޮޅަކީ ނެތި ފަނާވެގެންދާ އެއްޗެއް ކަމުގައި ނުލެއްވެވީހެވެ. ހުރިހާ މަތިވެރިކަމެއް ވަނީ އާދަމްގެފާނުގެ ރޫހުފުޅުގައެވެ. އެއީ އެ ރޫޙުފުޅު އުފެއްދެވީ ﷲ ތަޢާލާ އާދަމްގެފާނުގެ ހަށިކޮޅަށް  "ފުމެލައްވަވައިގެން" ކަމުގައިވާތީއެވެ. ވީމާ އެ ރޫޙުފުޅު ނެތިގެނެއް ނުދާނެއެވެ. އެންމެންވެސް މަރުވުމުން އެމީހެއްގެ ހަށިގަނޑު ނެތިގެންދެއެވެ. ބިމުގެ ފަސްގަނޑާއި އެކުވެގެންދެއެވެ. ނަމަވެސް އެއްވެސް މީހެއްގެ ރޫހަކީ، ފުރާނައަކީ ނެތިގެންދާނެ އެއްޗެއް ނޫނެވެ. އެއީ މި ބަޔާންކުރި ސަބަބަށްޓަކައެވެ. 

އަހަރެމެން މަރުވުމުން ވެސް ކޮންމެ މީހެއްގެ ރޫޙުވެސް ﷲ ތައާލާގެ ޙަޟްރަތަށް އުފުއްލަވައެވެ. އެއަށްފަހު އެ ރޫޙާއިމެދު ކަންކަން ނިންމަވަނީ އެ މީހަކު ދުނިޔޭގައި އުޅުނު ގޮތުގެ މައްޗަށެވެ. އަހަރެމެންގެ ނުބައިކަމުން އަހަރެމެން ﷲ ތަޢާލާއަށް އުރެދެނީއެވެ. އަޅުކަން ނުކުރަނީއެވެ. އެއީ އެއްވެސް ޙާލެއްގައި އިންސާނާގެ ރޫޙު އެގޮތަށް އެކަން ކުރަން އެދޭތީއެއް ނޫނެވެ.  ﷲ ތަޢާލާ ބާރާއި އިޚްތިޔާރު ދެއްވަވާފައިވަނީ ރޫހަކަށް ނޫނެވެ. އިންސާނާއަށެވެ. ވީމާ ﷲ ތަޢާލާއަށް އުރެދި ބޭނުންހައި ގޮތަކަށް އުޅެނީ އިންސާނާއެވެ.  

ނިކަން ވިސްނައިލަބަލާށެވެ! މިއަދު މީސްތަކުން ބޮޑެތި ޚަރަދުތައް ކޮށްގެން ދުރު ޤައުމުތަކަށް އެބަ ދަތުރުކުރެއެވެ. ކީއްކުރަން ހެއްޔެވެ؟ އެމިހާގެ ހަށިގަނޑަށް ދޭ ސަމާލުކަން ބޮޑުކަމުން ބޮލުގައި އިސްތަށްޓެއް އިންދައިލުމަށެވެ. މީގެ ޤަރުނުތަކެއް ކުރިއަށް ބަލައިފިނަމަ މަސްތައް ފާއިތުކޮށް ނުހަނު ތަކުލީފް އުފުލައިގެން ދަތުރުތައް ކުރީ އެންމެ ހަދީޘްފުޅެއް އުނގެނުމަށެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އެމީހުންގެ ރޫޙަށް ދިރުން ދިނުމަށެވެ.  

ކުޑަކުޑަ އެއްކަންތައް ފާހަގަކޮށްލާނަމެވެ. ދުނިޔޭގައި ނުބައިކޮށް އުޅުނު މީހުންގެ ފުރާނަ  މަލާއިކަތުން ހިއްޕަވާ ވަގުތު ފުރާނަ ހަށިގަނޑުން ނުކުންނަން ދެކޮޅު ހަދަނީ ކީއްވެގެން ހެއްޔެވެ؟ އޮތީ ހަމަ އެންމެ ސަބަބެކެވެ. އެ ރޫޙް އެހަށިގަނޑެއްގައި ލެއްވެވި އިންސާނާ ދުނިޔޭގައި އުޅުނީ ﷲ ތަޢާލާ އެންގެވި ގޮތާއި ޚިލާފަށްކަން ފުރާނައަށް އެނގޭތީއެވެ. މަރުވުމުން އޭނާއަށް ދެއްވަވާނެ ގަދަފަދަ ޢަޛާބް އެނގޭތީއެވެ. ﷲ ތަޢާލާގެ ކޯފާއަށް ބިރުންނެވެ.

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން