ގިނަ ބައަކު ހުކުރަށް ދެއެވެ. އެކަމަކު އެއެންމެންނަކީ ހުކުރަށްދާ ހިތުން ހުކުރަށްދާ ބައަކު ކަމާއިމެދު ސުވާލުއުފެދެއެވެ. ސަބަބަކީ ހުކުރަށްދާ ހިތުން ހުކުރަށްދާ މީހުންނަށް ނަމާދުނުކޮށް ތިބެން އުނދަގޫވާނެތީއެވެ. ހުކުރަށްދާހިތްވާފަދައިން ނަމާދަށްދާހިތްވެސް ވާނެތީއެވެ.
ހުކުރު ދުވަހު މިސްކިތްތައް ފުރެއެވެ. އެކަމަކު އެއިގެ މާނައަކީ ހުކުރަށްދާންޖެހޭ އެންމެން ހުކުރަށްދާކަމެއް ނޫނެވެ. އެކަން އެނގެނީ ޢީދުނަމާދުތަކުންނެވެ. އަދި ރޯދަމަހުގެ ހުކުރުނަމާދުތަކުންނެވެ. ރޯދަމަހުގެ ހުކުރު ނަމާދަށް މިސްކިތްތަކާއި މަގުތައް އަދި ޢީދު ދުވަހު މިސްކިތްތަކާއި މައިދާންތަކާއި މަގުތައް ފުރިގެން އެދަނީ ހަމަ ކޮންމެ ކޮންމެ ހުކުރު ދުވަހަކުވެސް ހުކުރަށް ދާންޖެހޭ މީހުންގެ ޢަދަދުންނެވެ.
ހުކުރުއަޅާމީހުން ދަންނާށެވެ!
ޙަދީޘްފުޅެއްގެ މާނާގައިވެއެވެ. "ޝަރްޢީ އުޒުރެއްނެތި، ހުކުރު ނަމާދުގެ މުހިއްމުކަމަށްނުބަލައި ތިން ހުކުރު އަޅައިފިތަ، އެއްވެސް ހެޔޮކަމެއް ނުވަންނާނޭހެން އެމީހާގެ ހިތަށް ﷲ ސިއްކަޖައްސަވައި ބަންދުކުރައްވައި، އެހިތް މުނާފިޤު ހިތެއްކަމުގައި ލައްވަވައެވެ."
މިކަމަށް އޮތް ޙަދީޘްފުޅާއި ގުޅިގެން 3 ހުކުރު އެޅިއްޖެނަމަ އެމީހަކަށް ތައުބާވެވޭނެ ކަމާއިމެދުގައި ބައެއް މީހުން ސުވާލު އުފައްދައެވެ. އެއްވެސް ޝައްކެއް ނެތެވެ. ތައުބާވެވޭނެއެވެ. އޮތީ ތައުބާވެ ދެން އެކަން ތަކުރާރުނުކުރުމެވެ.
ބައެއް މީހުން ފަރުޟު ނަމާދުތަކަށް ކަންނެތްވަމުން ގޮސް ހުކުރުނަމާދަށްވެސް ކަންނެތްވެއެވެ. އެއްވެސް ޝައްކެއްނެތެވެ. ހަމައެކަނި ހުކުރު ނަމާދުކުރުމަކުން އެމީހަކީ ނަމާދުކުރާ މީހަކަށް ނުވާނެއެވެ. ހުކުރު ނަމާދަކީ ހަފްތާގެ 7 ދުވަހު ކުރަން ފަރުޟު ކުރައްވަވާފައިވާ 35 ނަމާދުގެ ތެރެއިން އެންމެ ނަމާދެކެވެ.
ހުކުރުއެޅުމާމެދު ބިރުވެތިވާށެވެ! އެއީ ޖަމާޢަތުގައި ބައިވެރި ނުވެވިއްޖެނަމަ ޤަޟާކުރެވޭނެ ނަމާދެއްވެސް ނޫނެވެ. ކުރަންޖެހޭނީ މެންދުރުނަމާދެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން