މުހިންމު ޒިންމާއެއް އަދާކުރަންޖެހުން ފަދަ ސަބަބެއް ނެތި ދެމަފިރިން އެކުގަ ނިދަން ނުއޮށޯތުމަށް ދެއްކޭނެ ޢުޒުރެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
މުހިންމު ޒިންމާއެއް އަދާކުރަންޖެހުން ފަދަ ސަބަބެއް ނެތި ދެމަފިރިން އެކުގަ ނިދަން ނުއޮށޯތުމަށް ދެއްކޭނެ ޢުޒުރެއް ނެތް!

 

މަޖުބޫރިތަކެއް ހުރީތީ އެކުގައި އުޅުނަސް އެއްވެސް ދިރުމެއް ނެތް ޢާއިލާތައް ވަރަށް ގިނައެވެ. އެންމެ ބޮޑު އެއްމައްސަލައަކީ ދެމަފިރިން އެކުގައި ނިދަން ނުއޮށޯންނަކަމެވެ. އެކަމުގެ ސަބަބުން ދެމަފިރިންގެ ގުޅުން ކެނޑިގެންދާކަމެވެ.  

ދަމުނަމާދު ނުކުރެވުނީ ނުހޭލެވުމުން ކަމަށް ބުނެ ޢުޒުރު ދެއްކިދާނެއެވެ. ނަމަވެސް އަނބިމީހާ އާއެކު ރޭނުކުރުމަށްފަހު ޢުޒުރެއް ނުދެއްކޭނެއެވެ! ޚާއްޞަކޮށް ދިރިއުޅެން ަމސައްކަތްކުރަންޖެހުން، ކޮންމެހެން އަދާކުރަްނޖެހޭ ޒިންމާއެއް އަދާކުރުން ފަދަ މުހިންމު ސަބަބެއް ނެތި ދެމަފިރިން އެކުގަ ނިދަން ނުއޮށޯންނަން ދެއްކޭނީ ކޮން ޢުޒުރެއް ހެއްޔެވެ؟ އެކަންކަމަށް ދެއްކޭނެ އެއްވެސް ޢުޒުރެއް ނެތެވެ.  

މިފަދައިން މިބުނަނީ ޞިއްޙީގޮތުން މީހާ ބަލިވުން ދިރިއުޅެން މަސައްކަތްކުރަންޖެހުން ފަދަ ސަބަބެއް މެދުވެރިވުން އިސްތިސްނާކޮށްފައެވެ. މިއަދު މައްސަލަތައް ޖެހެނީ ޞިއްޙީ ގޮތުން ބަލިވެގެނެއް ނޫނެވެ. ރޭގަނޑު ގެއިން ބޭރުގައި ބޭކާރުގޮތުގައި ވަގުތުތައް ހޭދަކުރާތީއެވެ. އިންތިޒާރުކޮށްކޮށް ވަރުބަލިވެގެން އަނބިމީހާއަށް ނިދޭފަހުން ގެއަށްދާތީއެވެ.  

ދިރިއުޅެން ކުރާ މަސައްކަތެއްގައި ހުންނަންޖެހިގެން ލަސްވިނަމަވެސް އަބިން ކަންބޮޑެއް ނުވާނެއެވެ. އެއީ ފިރިމީހާ ހުރީ މަސައްކަތުގައިކަމާއި ނިމިގެން ގެއަށް އާދެވޭނެ ވަގުތު އަނބިމީހާއަށް އެނގޭތީއެވެ. އަނބިމީހާއިންތިޒާރުކުރާނީ އެ ވަޤުތަށެވެ. ނަމަވެސް ގިނަ ޢަދަދެއްގެ ފިރިހެނުން ގެއަށް ދިއުން ލަސްވަނީ މަސައްކަތްކުރާތީއެއް ނޫނެވެ. ރައްޓެހިންނާއިއެކު ބޭކާރު ވަގުތު ހޭދަކުރާތީއެވެ.  

އެންމެ ފަހަރަކަށް ނަމަވެސް ހިތަށް ގެނެސްބަލާށެވެ. އެންމެ ދެތިން ރޭ ނަމަވެސް އެމީހާ އޭނާގެ އަނބިމީހާއަށް އެގޮތަށް އިންތިޒާރުކުރަން ޖެހުމުން ވާނެ ގޮތަށެވެ. ރުޅިގަދަވެ ދުލުން ނުބައި ބަސްތައް ބުނެ އަތުންފައިން ގޯސް ހެދުންވެސް އޮންނާނީ ދާދި ގާތުގައެވެ. ވީމާ ކޮންމެ ރެއަކު ތިމާއަށް އިންތިޒާރުކުރާ އަނބިމީހާގެ ހިތަށް ކުރާނެ އިޙްޞާޞްތައް ނިކަން ހިތަށް ގެނެސްބަލާށެވެ!  

ގެއަށް ދިއުން ލަސްވުމުން ކުރިމަތިވާ އެންމެ ބޮޑު އަނެއް މައްސަލައަކީ ލަހުން ނިދާތީ ފަތިސް ނަމާދަށް ނުހޭލެވުމެވެ. ފަތިސް ނަމާދަށް ނުހޭލެވުމުން ގެއްލިގެން އެދަނީ އެމީހާގެ މުޅި ދުވަހެވެ. ވީމާ ޡަވާޖީ ޙަޔާތުގެ އިތުރުން އާޚިރަތުގެ ޙަޔާތް ކާމިޔާބުކުރަންވެސް އަވަހަށް ގެއަށް ގޮސް ނިދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.  

ދަރުސްތަކުގައި މިވާހަކަ އެކި ޢިބާރާތުން މިހައިގިނައިން ދައްކަން މިޖެހެނީ މިކަން އިޞްލާޙްނުކޮށް ޒަވާޖީ ޙަޔާތްވެސް، ދުނިޔެވެސް އަދި އާޚިރަތްވެސް ކާމިޔާބުނުކުރެވޭނެތީއެވެ. ފަތިސްނަމާދުނުކުރާ މީހާގެ ދީންވެރިކަމާއިމެދު ސުވާލު އުފެދޭތީއެވެ. ވީމާ މިވާހަކަ ގިނަގިނައިން ދައްކަން އެބަޖެހޭ ނޫންހެއްޔެވެ؟

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން