ވިސްނާލަންޖެހޭ މުހިންމު ކަމެއް!: ނުލިބޭ މިންވަރުން ގެއިން ބޭރުން ކައިބޮއިހެދުމަށްފަހު ﷲ ތަޢާލާ ރިޒުޤް ދެއްވަވާ މިންވަރު ކުށްވެރިކުރަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ވިސްނާލަންޖެހޭ މުހިންމު ކަމެއް!: ނުލިބޭ މިންވަރުން ގެއިން ބޭރުން ކައިބޮއިހެދުމަށްފަހު ﷲ ތަޢާލާ ރިޒުޤް ދެއްވަވާ މިންވަރު ކުށްވެރިކުރަން ހެޔޮނުވާނެ!

 

ގިނަބއަކަށް މިއަދު މިވަނީ ގެއިން ބޭރުން ކައިއުޅުމުގެ އާދަ ހިފިފައެވެ. އެކަން ކުށްވެރިކުރާކަށްވެސް އަދި ރަނގަޅުކުރާކަށްވެސް ނެތީމެވެ. ކައި އުޅެނީ ޙަލާލުތަކެތި ނަމަ އަހުރެންގެ މައްސަލައެއް ނެތެވެ.  

އެކަމަކުވެސް މައްސަލައެއް އެބައޮތެވެ. އެއީ ގެއިން ބޭރުން ކައިބޮއިހަދަނީ ތިބާއަށް އެކަމަށް ޚަރަދުކުރަން ލިބޭ މިންވަރުން ހެއްޔެވެ؟ މުހިންމު ސުވާލަކީ މިއީއެވެ. އެސުވާލު މުހިންމު ސުވާލަކަށްވަނީ ގެއިން ބޭރުން ކެއިން ބުއިމަށް ބޮޑެތި ޚަރަދުތައް ކުރުމަށްފަހު ﷲ ތަޢާލާ ތިމާއަށް ފުދޭނެ މިންވަރަށް ތަނަވަސްކަން ނުދެއްވަވާ ކަމުގެ ޝަކުވާކުރާތީއެވެ.  

ބުނަން ހެއްޔެވެ؟ ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ރިޒުޤް ދެއްވަވައެވެ. އެއިގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ އެމީހެއްގެ ކަމެކެވެ. މާނައަކީ ﷲ ތަޢާލާ ދެއްވަވާ ރިޒުޤްގެ ބޭނުން ހިފަންވާނީ އެންމެ ހެޔޮގޮތުގައެވެ. ދެއްވަވާ ރިޒުޤްގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ލިބޭ މިންވަރުން ޚަރަދުތައް ކުރުމެވެ.  

ﷲ ތަޢާލާ ދެއްވަވާ މިންވަރުން ހެޔޮ ގޮތުގައި ޚަރަދުކުރާ މީހަކަށް ﷲ ތަޢާލާ ރިޒުޤް އިތުރުކޮށް ދެއްވަވާނެތެވެ. ތަނަވަސްކަން އިތުރުކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ. ވީމާ ކެއުން ބުއިމަށްވެސް ވިސްނައިގެން ޚަރަދުކުރާށެވެ. ޢާއިލާގެ އެންމެންނަށް އެއްދުވަހު ރަނގަޅަށް ކައިބޮއި ހަދައިލެވޭނެ ފައިސާ ގެއިން ބޭރުންކާ އެންމެ ކެއުމަކަށް ޚަރަދުކުރުމުގެ ކުރިން މިކަންކަމަށް ވިސްނައިލާށެވެ.  

ނިންމާލަމުންވެސް ބުނާނަމެވެ. ތަނަވަސްކަން ހުރިވަރަކުން ހިތްހަމަޖެހުން ހޯދުމަކީ މައްސަލައެއް ނޫނެވެ. ޔަޤީންކުރަންވީ ތިމާގެ ކިބައިގައި ތަނަވަސްކަން އެވަރަށް ހުރިކަމެވެ. ޔަޤިންކުރަންވީ ގޭގެ މީހުން ތިބީ ފުދިގެންކަމެވެ. އަހުރެމެންނަށް އުޅެން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަކީ އެއީއެވެ.

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން