ބައިވެރިޔާގެ ކިބައިން ލޯބިލިބުމާ އަނެކާގެ ސަމާލުކަން ކުޑަވާނަމަ ނިކަން މިކަންކަމަށް ސަމާލުކަންދީބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ބައިވެރިޔާގެ ކިބައިން ލޯބިލިބުމާ އަނެކާގެ ސަމާލުކަން ކުޑަވާނަމަ ނިކަން މިކަންކަމަށް ސަމާލުކަންދީބަލަ!

 

ފާހަގަމިކުރަނީ ޒަމާނުންސުރެ އަހުރެމެންގެ ތެރޭގައި ހުރި ރިވެތި އާދަތަކެވެ. ނަމަވެސް މިއަދު ގެނެސްގެން މިއުޅޭ ހަމަހަމަކަމެއްގެ ސަބަބުން ގިނަބައަކު މޮޔަވެ އަނެކާ ތިމާއަށް ކޮށްދޭ ކަންކަމުގެ އަގުވަޒަން ނުކުރެވެނީއެވެ. އެއީ އަނެކާ އަދާކުރަންޖެހޭ ވާޖިބެއް ކަމަށް ބަލައި ނިންމައިލެވެނީއެވެ. 

މިޘާލަކަށް ބުނާނަމަ ވާޖިބްވާނީ އަސާސީ މިންވަރަށް ކަންކަންކޮށްދިނުމެވެ. އެއަށްވުރެ ރަނގަޅު ފެންވަރުގައި ކަންކަން ކޮށްދޭނަމަ އެއީ އަނެކާގެ ރަނގަޅުކަމެވެ. އެކަން ފާހަގަކޮށް ޝުކުރުވެރިވާންވާނެއެވެ. ލޯބި ދިރި ތާޒާވަމުންދާނީ އެއިރުންނެވެ. އެހެންވެ ދެމަފިރިންވެސް ސަމާލުކަންދޭންވީ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.  

ދެމަފިރިން އެކަކު އަނެކަކަށް ތަޢްރީފްކުރުމަކީ ވަރަށް މުހިންމުކަމެކެވެ. އެކަކު އައުފޭރާމެއް ހޯދައިފިނަމަ އެއީ ތިމާއަށް އެންމެ ރީތި ފޭރަމަކަށް ނުވިނަމަވެސް އެކަން ފައުޅުނުކުރާށެވެ.  

މިބުނަނީ އިސްލާމް ދީނުގައި ލުން ހުއްދަ ފޭރާމުގެ ވާހަކަކަން ހަނދާނުގައި ބަހައްޓަންވާނެއެވެ. މިއީ ކޮންމެހެން ވަކިމީހަކު ބުނީތީ އެނގެންޖެހޭނެ ކަމެއްވެސް ނޫނެވެ. ކޮންމެ މުސްލިމަކަށްވެސް ރަނގަޅަށް އެނގޭނެ ކަމެކެވެ. ނަމަވެސް މިވާހަކަވެސް ނުބުނެފިނަމަ އެކަން ފާހަގަނުކޮށް ލާނެފޭރާމެއް ލުން ހުއްދަކުރީކަމަށް ބުނާނެ ބައަކު ތިބޭނެތީ ހަމަ ބުނެލީއެވެ.  

ދެމަފިރިންވެސް ފޭރާން ގަންނައިރު ބަލަންވީ ތިމާއަށް ރީތިވުމަށްވުރެ ބައިވެރިޔާއަށް ރީތިވުމަށެވެ. ބައިވެރިޔާއަށް ރީތި ފޭރާންލައި ބައިވެރިޔާއަށް މީރުވަސްދުވާ ސެންޓް ޖެހުމަކީ ލޯބި ތާޒާކުރަން ކޮންމެހެން ކުރަންޖެހޭނެ ކަންކަމެވެ.  

ދައްކަމުން މިއަންނަނީ ދެމަފިރިންވެސް އެކަކު އަނެކަކަށް ތަޤްރީފްކުރުމުގެ ވާހަކައެވެ. އެގޮތުން އަނބިމީހާ ކައްކާ އެއްޗެތީގެ ރަހަކިޔުމުގައިވެސް ވިސްނަންވާނެއެވެ. މީރުކޮށް ކައްކާފައި ހުރެއްޖެނަމަ އެކަމަށް ތައްރީފްކުރަންވާނެއެވެ. އެކަންވާނީ މީރުކޮށް ކަންކަން ދެވޭ ހިތްވަރަކަށެވެ.  

އެއްވެސް މީހަކު ޤަޞްދުގައި ނުބައިކޮށެއް ނުކައްކާނެއެވެ. ނަމަވެސް ދިމާވާ ގޮތަކުން ކޮންމެ ފަހަރަކު އެންމެ މީރުނުވެދާނެއެވެ. އެއީ މައްސަލައަކަށް ހަދައި ކާން ބޮޑާހޭކުން ފަދަ ކަންކަން ނުކުރާށެވެ. ޚާއްޞަކޮށް ރުޅިއައިސް ތެލިބަންޑުންޖަހައިލުން ފަދަ ކަންކަން ނަމަ ނުކުރާށެވެ.  

ހަމައެފަދައިން ހަދިޔާއެއް ދީފިނަމަ ނުވަތަ ނުބުނަނީސް ކަމެއްކޮށްދީފިނަމަ ޝުކުރުވެރިވާށެވެ. އެއިރުން ގިނައިން ހަދިޔާދޭން ނުވަތަ ނުބުނަނީސް ކަންކަން ކޮށްދިނުމުގެ ޝައުޢުވެރިކަން އިތުރުވާނެއެވެ.  

ގޭގައި ކައްކާނެ ތަކެތި ގެއަށް ވެއްދުމަކީ ފިރިމީހާ ކުރަންޖެހޭނެ ކަމެކެވެ. އަނބިމިހާއަށް އޮތީ ގެނައި އެއްޗެއް ކެއްކުމެވެ. އަދި ތިމާއަށް މީރު، ކާހިތްވާ އެއްޗެއް ގެނެސްދޭން ބުނަންވެސް ވާނެއެވެ. ނުބުނަނީސް އެފަދަ އެއްޗެއް ގެނެސްދީފިނަމަވެސް ޝުކުރުވެރިވާންވާނެއެވެ.

ހަމައެފަދައިން ބަލިވެއުޅޭ ދުވަސްވަރެއް ނަމަ ޞިއްޙަތަށް ފައިދާހުރި ތަކެތި ހޯދައިގެން ގެނެސްދޭނަމަވެސް ޝުކުރުވެރިވާންވާނެއެވެ. އަދި ފިރިމީހާ ބަލިވެއުޅޭނަމަ ޞިއްހަތަށް ފައިދާހުރި ތަކެތި ކައްކައި ކާންދޭނަމަވެސް ޝުކުރުވެރިޥާންވާނެއެވެ.

 

- އަލަފް / މިއަދުނޫސް

 

މިއަދު އޮންލައިން