ރަނގަޅު ބައިވެރިއަކަށް އެދި ދުޢާކުރަމުން އައި އަންހެނަކަށް އެދުނު ހުރިހާ ކަމެއް ލިބުން! ދުޢާއަށް މިމަގުން ޔަޤީންކުރާ މީހާއަށް އޮންނާނީ މިފަދަ އުފާވެރިކަން! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ރަނގަޅު ބައިވެރިއަކަށް އެދި ދުޢާކުރަމުން އައި އަންހެނަކަށް އެދުނު ހުރިހާ ކަމެއް ލިބުން! ދުޢާއަށް މިމަގުން ޔަޤީންކުރާ މީހާއަށް އޮންނާނީ މިފަދަ އުފާވެރިކަން! އިން ޝާ ﷲ

 

އަޅުގަނޑު އަބަދުވެސް އައީ ދުޢާކުރަމުންނެވެ. އަޅުގަނޑަށް ދެއްވަވާ ބައިވެރިއެއްގެ ކިބައިގައި ހުރުމަށް އެދޭ ސިފަތައްވެސް ދުޢާގައި ބަޔާންކުރަމެވެ. އެކަމަކު ކައިވެނިކުރެވުނީ އެއިން އެއްވެސް ސިފައެއް ނެތް މީހަކާއިއެވެ. ޝުކުރުވެރިވެ، ކެތްތެރިވެގެން އެކުގައި އުޅެން މަސައްކަތްކުރީމެވެ.  

ނަތީޖާއަކަށްވީ 2 ދަރިން ލިބުނުތަނާ ވަރިކޮށްލާފައި ފޮނުވައިލުމެވެ. އެދުވަހު ވަރަށް ދެރަވިއެވެ. އެކަމަކު މާޔޫސްވެ ކަރު އެލުވައެއް ނުލަމެވެ. ދުޢާކުރުންމަތީގައި އިނީއެވެ. އެކުވެރިންނާއިއެކު ބޭރަކަށްވެސް ނުދަމެވެ. ގޭގައި އިނީއެވެ. ގެއިން ބޭރަށް ނުކުންނަނީ ވަޒީފާއަށް ދިއުމަށާއި ކޮންމެހެން ދާންޖެހޭ ތަންތަނަށް ދިއުމަށެވެ.  

އެކަނި އިންނަތާ ހައަކަމަސްވެސް ނުވަނީސް ދެވަނަ ކައިވެނިކުރެވުނެވެ. އޭނާވީ ކުރިންސުރެ އެކަމަށް އެދި ދުޢާކުރަމުން އައި ހުރިހާ ސިފަތަކެއް ލިބިގެންހުރި މީހަކަށެވެ. އެހެންވެ އިމެއް ނެތި އުފާވެރިކަން ލިބެން ފެށިއެވެ.  

މިއީ އަންހެނަކު ކިޔައިދިން އޭނާގެ ވާހަކައެވެ. ދެން މަސައްކަތްކުރަންވީ މިވީގޮތް ދިރާސާކުރާށެވެ. އަހުރެންގެ ވިސްނުމުން ބަހެއް ބުނާނަމެވެ. ހިތްދަތިކަމާ ދަތިއުނދަގޫ ޙާލަތު ކުރިމަތިނުވާ މީހަކަށް ލިބޭ އުފާވެރިކަމުގެ އަގުވަޒަންކުރާކަށް ނުއެނގޭނެއެވެ. ވީމާ ފުރަތަމަ ކުރިމަތިއެކުރެއްވެވީ ހިތްދަތިކަމާއި ދަތިއުނދަގޫ ޙާލަތެވެ.  

ދެން ގިނަ ބައެއްގެ ސުވާލަކަށްވާނީ ނުބައި ފިރިއަކު އެލިބުނީ އޭނާ ކުރަމުން އައި ދުޢާ ޢިޖާބަ ނުކުރެއްވެވީމާ ނޫންހެއްޔެވެ؟ އަހުރެންގެ ޖަވާބަކީ ނޫނެކެވެ. އެޙާލަތު ކުރިމަތިއެކުރެއްވެވީ އޭނާގެ ދުޢާ ޢިޖާބަކުރެއްވެވީތީއެވެ. އެދެމުން އައިފަދަ ބައިވެރިއަކު ލިބުމުން ލިބޭނެ އުފާވެރިކަން އެންމެ ފުރިހަމަ ގޮތުގައި މިންވަރުކުރެއްވެވީއެވެ. ދުޢާއަކީ އޭނާގެ ޙަޔާތުގައި ދެން އޮތް ހުރިހާ ދުވަހެއްގައިވެސް އޭނާއަށް އުފާވެރިކަން މިންވަރުކުރެއްވެވުމެވެ.

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން