ގިނަ ބައަކަށް އެންމެ ބޮޑަށް އިހްމާލްވެވޭ އެއްކަމަކީ އެކުވެރިން އިޚްތިޔާރުކުރުމެވެ. އެހެންވެ ވަރަށް ފަސޭހައިން ނުރަނގަޅު މީހުންނާއި އެކުވެރިވެވި ގުޅުން ބަދަހިކުރެވެއެވެ. އެކަމުން ދުނިޔޭގައިވެސް ބޮޑެތި ދެރަތައް ލިބެއެވެ. އަދި އާޚިރަތް ގެއްލިގެންދެއެވެ.
ގިނަ ބައަކަށް މަގުއޮޅެމުން އަންނަނީ އެކުގައި އުޅެވޭ ބައެއްގެ ސަބަބުންކަމަށް ބުނެފިނަމަ ގކަންބޮޑުވާނެ މީހުން މަދެއް ނުވާނެއެވެ. އެކަމަކު އެއީ ފެންނަން އޮތް ޙަޤީޤަތެކެވެ. ބައެއް މީހުންނަށް ﷲ ތަޢާލާއަށްވުރެ އެކުވެރިންނަށް މުހިންމުކަން ދެވޭކަން އެއީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ.
މިގޮތުންބަލާއިރު ގިނަ ބައަކަށް ބޮޑަށް ސަމާލުކަން ދެވެނީވެސް ނުބައި އެކުވެރިންނަށެވެ. އެކުވެރިން ކުރާ ނުރަނގަޅު ކަންތައްތައް ކުރުމަށެވެ.
މިޘާލަކަށް ރަނގަޅު އެކުވެރިން ނަމާދަށްދާނަމަ އެކުގައި ނަމާދަށް ދާކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް ނުބައި އެކުވެރިން ކުރާ ނުބައި ކަންކަމުގައި ބައިވެރިވަން ބޭނުންވެއެވެ. އަންހެންކުދިންނަށް ބަލައިފިނަމަ އެކުވެރިން ޙިޖާބަ ނެގުމުން އެބަ ތިމާގެ ޙިޖާބަވެސް ނަގައެވެ.
އެކުވެރިން ދަތުރުދާތީ ދަތުރުދަނީއެވެ. ބޭރުގެ ޤައުމުތަކަށްވެސް އެކުގައި ދަނީއެވެ. ދަތުރު ދިއުމަށްފަހު އޮންނަނީ އެކުވެރިން އުޅޭގޮތަށް އުޅެވިފައެވެ. އެކުވެރިން ކުރާ ފާފަތައް ކުރެވިފައެވެ. ތިމާގެ އާޚިރަތް ނަގާލެވިފައެވެ.
މިފަދަ ކަންކަމުން އެނގެނީ ނުބައި އެކުވެރިންގެ ނުފޫޒު ބޮޑަށް ފޯރާކަމެވެ. ވީމާ އެކުވެރިން އިޚްތިޔާރުކުރުމުގައާއި އެކުވެރިންނާއި ގުޅިގެން އުޅުމުގައި މިފަދަ ކަންކަމަށް ސަމާލުކަންދޭން އެބަޖެހެއެވެ.
ޤިޔާމަތް ދުވަހު ނަރަކައަށް ވަންނަން ޖެހުމުންވެސ އަދި ނަރަކައިގައި ތިބެގެންވެސް އެންމެ ގިނަ ބައަކު ހިތާމަކުރާނީ ނުބައި އެކުވެރިންނާއި އެކުގައި އުޅެވުނީތީއެވެ. ވީމާ މިކަންކަމަށް އެމީހަކު ނުވިސްނައިފިނަމަ ނަރަކައިން ސަލާމަތް ނުވެވުން އޮންނާނީ ދާދި ގާތުގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން