ފިރިއަކު އަނބިމީހާއަށް ބުންޏެވެ. "ވެރިއަކީ އަހުރެންނެވެ. އަހުރެން ކުރާ އަމުރުތަކަށް ބޯލަނބާށެވެ! އެނޫން އެއްވެސް ގޮތެއް ނުއޮންނާނެއެވެ."
ޖަވާބުގައި އަނބިމީހާ ބުންޏެވެ. "އަހުރެން ތިބާއާއި ކައިވެނިކުރީ ލޯބިން އެކުގައި އުޅޭށެވެ. މިހާރު ތިއަދައްކާ ވާހަކައިން ލޯބީގެ އެއްވެސް އަގެއް ނެތްކަމެވެ. އަހުރެން ބޭނުންވަނީ ލޯބިން ބަސްބުނެ އަދި ލޯބިން ކަންކަން ކުރާނެ ބައިވެރިއެކެވެ. އަމުރުކުރާނެ މީހެއް ނޫނެވެ.
އަހުރެންގެ ލޯތްބާއި އިޙްތިރާމަކީ ބިރުދައްކައިގެން މަޖުބޫރުން ހޯދޭނެ އެއްޗެއް ނޫނެވެ. އެކަންކަން ހޯދޭނީ އަހުރެންނަށްވެސް އިޙްތިރާމްކޮށްގެންނެވެ. އަހުރެންނަކީ ތިބާގެ އަނބިމީހާއެވެ. ތިބާގެ އަޅެއް ނޫނެވެ."
އެއަނބިމީހާ އެދެއްކި ވާހަކަކޮޅަށް އިންޞާފުކޮށް މާކްސްދޭކަށް ނެތީމެވެ. އެކަމަކު ޤަބޫލުކުރަންޖެހޭ ކަމަކީ އެވާހަކަކޮޅުގައި ބުރަދަނެއް އެބަހުރިކަމެވެ. ކުޑަކޮށެއްވެސް ނޫނެވެ. ވަރަށް ބޮޑުކޮށެވެ. ސަބަބަކީ އަނބިމީހާ އެބުނަނީ ކޮންމެ ދެމަފިރިއަކަށްވެސް ލޯބިން އެކުގައި އުލެވެން އޮތް ގޮތް ކަމަށްވާތީއެވެ.
އަނބިމީހާގެ މައްޗަށް އަމުރުކުރުމުގެ ބާރު ފިރިންނަށް ލިބިގެންވެއެވެ. އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެހެންކަމަށްވިޔަސް ދިރިއުޅުމުގައި ކުރިމަތިވާ މައްސަލަތައް ޙައްލުކުރެވޭނީ ކުރާ އަމުރަކުން ނޫނެވެ. އެކަކު އަނެކެއްގެ އަގުވަޒަންކޮށްގެންނެވެ. ލޯބިން މުޢާމަލާތުކޮށްގެންނެވެ.
އަމުރުކުރުން ގެންނަންވާނީ ލޯބިދިނުމާއި އަޅައިލުމުގެ ފަހަތަށެވެ. އަނެކާއަށް ދޭންޖެހޭ ސަމާލުކަން ދިނުމާއި އަނެކާގެ ޙައްޤުތައް އަދާކުރުމުގެވެސް ފަހަތަށެވެ. ކުރާ އަމުރުގެ ފައިދާކުރާނީ އެއިރުންނެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން