ޢަލީ އިޙްޞާން ފިރާޤް
އަހުރެމެންގެ ތެރެއިން ގިނަ ބައަކަށް މިއަދުވެގެން މިއުޅޭ ގޮތަކީ ﷲ ތަޢާލާގެ ޙަޟްރަތަށް ކުރަންޖެހޭ އިތުބާރުނުކުރެވުމެވެ. ތިރީގައިވާ ލިޔުމުގައި އެވަނީ ބޭކަލަކު ޝަހީދުކޮށްލެވުމުން ﷲ ތަޢާލާ ވަރަށް ޢާދަޢާ ޚިލާފްގޮތަކަށް އެބޭކަލެއްގެ ހަށިކޮޅު ރައްކައުތިރުކުރެއްވެވި ގޮތުގެ ވާހަކައެވެ. ވިދާޅުވެ، ވިސްނަވައި ޢިބްރަތް ޙާޞިލްކުރައްވާށެވެ!
"ޢާޞިމު ބުނު ޘާބިތުގެ ވާހަކަ ވިދާޅުވާށެވެ! އެކަލޭގެފާނަކީ މާމުއިކުޅަނދުރު ތަކެއް މެދުވެރިކުރައްވަވައި، އެބޭކަލެއްގެ ހަށިކޮޅު ﷲ ތަޢާލާ ރައްކާތެރިކުރެއްވި ޞަޙާބީއެވެ. މުއުމިނު އަޅުން ދިރިހުންނައިރު ރައްކާތެރި ކުރައްވަވާ ފަދައިން މަރުވުމުންވެސް ރައްކާތެރި ކުރައްވަވާކަން އެނގިގެންދާނެއެވެ.".
މައްކާގެ މުޝްރިކުންތައްވަނީ އުޙުދުގެ މައިދާނަށް ޖަމާވެފައެވެ. ކުޑަކުދީންނާއި މުސްކުޅީންނެވެ. ޒުވާންފުރައިގެ މީހުންނާއި މެދު އުމުރުފުރައިގެ މީސްތަކުންނެވެ. މަޤްޞަދަކީ އެބައިމީހުންނަށް ބަދުރު ހަނގުރާމައިގައި ލިބުނު ނާކާމިޔާބީގެ ބަދަލު ހިފުމެވެ. އެބައިމީހުންގެ ހިތްތައް މުސްލިމުންނާމެދު ވަނީ ރުޅިވެރިކަމުގެ ދިލަ ހޫނުން އަނދައަނދައެވެ. އެބައިމީހުން ތައްޔާރުވެގެންތިބީ ހަނގުރާމަކޮށް މުސްލިމުން ވުޖޫދުން ފޮހެލުމެވެ. މައްކާގެ މީސްތަކުން މި ހަނގުރާމައަށް އައީ އެބައިމީހުންގެ އަނބިންނަށްދާންދެން ގޮވައިގެންނެވެ. ޒުވާނުންނަށް ކާބަފައިންގެ ހިތްވަރުން ހިތްވަރުދީ ޅެންތައް ކިޔުމަށެވެ.
މައްކާގެ ބޮޑެތި ބޮޑެތި އަޝްރާފުންގެ އަނބިންގެ ތެރޭގައި ހިމެނޭ މީހުންގެ ޖަމާއަތެއް މި ހަނގުރާމައަށް އައެވެ. އޭގެ ތެރޭގައި أبو سفيان بن حرب ގެ އަނބިކަނބަލުން هند بنت عتبة އާއި عمرو بن العاص ގެ އަނބިކަނބަލުން رَيْطَة بنتُ مَنَبَّه ހިމެނެއެވެ. މީގެ އިތުރަށް طلحة بن أبي طلحة ގެ އަނބިކަނބަލުން سلافة بنت سعد ވެސް މި ހަނގުރާމައަށް ދިޔައެވެ. އޭނާ ދިޔައީ އޭނާގެ ތިން ދަރިންކަމުގައިވާ مسافع بن طلحة އާއި كلاب އާއި جلاس ގޮވައިގެންނެވެ.
ހަނގުރާމަ ފެށުމާއެކު هند بنت عتبة އާއި އޭނާއާ އެކުގައިވާ އަންހެނުންތައް މުޝްރިކުންގެ ލަޝްކަރުގެ ފަހަތަށްގޮސް ހިތްވަރު ދިނުމުގެ ޅެންތައް ކިޔަންފަށައިފިއެވެ. އެބައިމީހުން ޅެންތައް ކިޔަމުން ގެންދިޔައީ ތާރަޖަހަމުންނެވެ. އެބައިމީހުން އެދުވަހު ކިޔަމުން ގެންދިޔަ ޅެމެއްގެ މާނައިގައިވެއެވެ.
"ތިޔަބައިމީހުން ކުރިއަރައިގެންގޮސް ހަމަލަދޭނަމަ، އަހަރެމެން ތިޔަބައިމީހުން އުރުތެރެއަށްލައި، ކަރާކަރު ޖައްސާލާނަމެވެ. ތިޔަބައިމީހުންނަށްޓަކައި މަޑު އޮމާން ދޫލަތައް ފަތުރައިދޭނަމެވެ. ތިޔަބައިމީހުން ފަހަށްޖެހި ފިލަން ދުވެއްޖެނަމަ، އަހަރެމެންވެސް ރުޅިވެރިކަމާއެކު، ތިޔަބައިމީހުންނާ ވަކިވެގެންދާނަމެވެ."
މިބައިމީހުންގެ ޅެންތަކުން އެބައިމީހުންގެ ފިރީންނާއި ދަރީންނަށް އާދަޔާ ޚިލާފު ހިތްވަރެއް ލިބެމުންދެއެވެ. ޖާދޫއެއްފަދައިން، އަސަރު ކުރަމުންގެންދިޔައެވެ. އުޙުދު ހަނގުރާމަކޮށް ނިމުނުއިރު މުސްލިމުންގެ ތެރެއިން ވަރަށް ގިނަ ބަޔަކުވަނީ ޝަހީދުވެގެން ގޮސްފައެވެ. ހަނގުރާމައިގެ ތިލަފަތް ބުރެވެފައިވަނީ މުޝްރިކުންގެ ކޮޅަށެވެ. މި ލިބުނު އުފާވެރިކަމުގައި މައްކާގެ އަންހެނުންތައް ތިބީ މޮޔަވާ ދަރަޖައަކަށް ގޮސްފައެވެ. އެބައިމީހުން ހަނގުރާމަ ހިނގި މައިދާނުގައި ލަވަކިޔައި ނަށަމުން ގެންދިޔައެވެ. މުސްލިމުންގެ ތެރެއިން ޝަހީދުވި ބޭކަލުންގެ ނޭފަތްޕުޅާއި ކަންފަތްޕުޅު ކަނޑައި އޭގެއިން ހާރު ހަދައިގެން އުޅުނެވެ.
ނަމަވެސް سلافة بنت سعد ފެންނަނީ އޭނާގެ އެހެން އެކުވެރިންނާ ތަފާތުކޮށެވެ. އޭނާގެ މޫނު މައްޗަކުން އުފާވެރިކަމެއް ނުފެނެއެވެ. ފެންނަމުންދަނީ ހިތާމައިގެ އަސަރެވެ. ކަންބޮޑުވުމުގެ އަސަރެވެ. އޭނާ އިންތިޒާރު ކުރަމުން ގެނދިޔައީ އޭނާގެ ފިރިކަލުންނާއި ތިން ދަރިކަލުން އަންނާނެ އިރަކަށެވެ. އެހެން އެތައް އިރަކު އިން އިރުވެސް އޭގެއިން އެކެއްގެވެސް ހިލަމެއްނުވިއެވެ. ދެން އޭނާ ޤަޞްދުކުރީ ހަނގުރާމައިގެ މައިދާނަށްގޮސް އެއިން މީހެއްގެ ހިލަމެއްވޭތޯ ބެލުމަށެވެ. ހަނގުރާމައިގައި ޤަތުލުވެފައިވާ މުޝްރިކުންގެ މީހުންގެ މޫނަށް ބަލަމުން ކުރިއަށް ދަނިކޮށް އޭނާއަށް ކުއްލިއަކަށް ހުއްޓުން އަރައިފިއެވެ. އޭނާ ފިރިމީހާ މުސްލިމުންގެ އަތުން ޤަތުލުވެ ލެޔާތައްތެޅިފައި ވަނިކޮށް ފެނުމުންނެވެ. އޭގެފަހުން އޭނާގެ ތިންދަރިންވެސް ޤަތުލުވެ، ހަނގުރާމައިގެ މައިދާނަށް ނިކަމެތިކަމާއެކު އުކައިލެވިފައިވާތަން ފެނިއްޖެއެވެ.
އޭނާގެ ތިން ދަރިންގެ ތެރެއިން جلاس ފެނުނުއިރު އަދި އޭނާ މަރެއްނުވެއެވެ. ފުރާނަ ހުއްޓެވެ. އޭނާ ހިތާމަޔާ މޮޅިން جلاس އާ ސުވާލު ކުރިއެވެ. "އޭ ދަރިފުޅާއެވެ. ކަލެއަށް މި ފުން ޒަޚަމްތައްދިނީ ކާކު ހެއްޔެވެ؟" އޭނާ ޖަވާބު ދިނެވެ. "އަހަރެން ޒަޚްމަކުރީ عَاصِمُ بنُ ثَابِت އެވެ. ދެ އަޚުންނާއި ބައްޕަވެސް ޤަތުލުކުރީ އޭނާއެވެ."
މި އަޑު އިވުމުން سلافة بنت سعد ބާރަށް ހަޅޭލަވައިގަތެވެ. އޭނާގެ ބާތިލު ކަލާނގެ ގަންދީ ހުވާކުރިއެވެ. عَاصِمُ بنُ ثَابِت އިސްތަށިފުޅުގެ ނާށިގަނޑަށް ރާއަޅައިގެން ރާބޮއެގެން ނޫނީ މަރުވެގެން ނުދިއުމަށެވެ. ހަމައެވަގުތުމެ، އޭނާ މުޝްރިކުންނަށް އަންގައި އިއުލާން ކުރިއެވެ. عَاصِمُ بنُ ثَابِت رضى اللّـه عنــه ގެ އިސްތަށިފުޅު ކަނޑައިގެންގެނައި މީހަކަށް އޭނާ މުއްސަނދިވާވަރަށް މުދަލާއި ފައިސާ ދޭނެކަމަށެވެ.
މި ވާހަކަ މައްކާގެ މީސްތަކުންގެ ތެރޭގައި ފަތުއަޑު ކިޔައި ފެތުރިގެން ހިނގައްޖެއެވެ. މައްކާގެ ކޮންމެ ޒުވާނަކުވެސް ގެންދިޔައީ عَاصِمُ بنُ ثَابِت رضى اللّـه عنــه އަށް ފާރަލަމުންނެވެ.
އިސްލާމީ ލަޝްކަރު އުޙުދު ހަނގުރާމައިން އެނބުރި މަދީނާއަށް ގޮސް ހަނގުރާމައިގެ ނަތީޖާއާ މެދު މަޝްވަރާ ކުރަމުންގެންދިޔައެވެ. އެބޭކަލުން އެއްވެތިބެ އެންމެހައި މުޖާހިދުންގެ މައްޗަށް ހެޔޮ ދުޢާކުރެއްވިއެވެ. މި ހަނގުރާމައިގައި އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު މުޝްރިކުން عَاصِمُ بنُ ثَابِت رضى اللّـه عنــه ޤަތުލުކުރެއްވިކަން އެނގިވަޑައިގެން ޞަޙާބީ ބޭކަލުން ވަރަށް ޙައިރާންފުޅުވެވަޑައިގަތެވެ. އެތަނުން އެއް ޞަޙާބީބޭކަލަކު ދެންނެވިއެވެ. "ޙައިރާންވާންވީ ސަބަބެއް ނެތެވެ. ބަދުރު ހަނގުރާމައިގެ ކުރީން މާތް ރަސޫލާވަނީ، ހަނގުރާމައިގައި އަހަރެމެން ގެންގުޅެން ޖެހޭނު އުކުޅުތައް ބަޔާންކޮށްދެއްވައިފައެވެ."
އެ ވަގުތު عَاصِمُ بنُ ثَابِت رضى اللّـه عنــه ކަމާން ހިތްޕަވައިގެން ތެދުވެވަޑައިގަންނަވައި، ޖަވާބު ދެއްވިއެވެ.
"ދުޝްމިނުންގެ ލަޝްކަރު ދުރުގައިވަނީނަމަ، އަހަރެމެން ހަމަލަ ދޭންޖެހޭނީ ދުނިދަނޑިންނެވެ. އެބައިމީހުން އަހަރެމެންނާ ގާތަށް އަތުވެއްޖެނަމަ، އަހަރެމެން ހަމަލަދޭނެޖެހޭނީ އަހަރެމެންގެ ނޭޒާއިންނެވެ. ނޭޒާ ބިނދިއްޖެނަމަ، އަހަރެމެން އެބައިމީހުންނާ ކަނޑިތަކުން ހަނގުރާމަ ކުރަންޖެހޭނެއެވެ."
عَاصِمُ بنُ ثَابِت رضى اللّـه عنــه މިދެންނެވި ފަދައިން ވިދާޅުވުމުން އެތަނުގައި މާތް ނަބިއްޔާ ﷺ އިންނަވައިފައި ޙަދީޘް ކުރެއްވިއެވެ.
"ޝައްކެއްނެތެވެ. ހަނގުރާމަ ކުރަންޖެހޭނީ ތިޔަ ވިދާޅުވި ފަދައިންނެވެ. އެއްވެސް މީހަކު ހަނގުރާމަގައި ބައިވެރިވާނަމަ، عَاصِمُ بنُ ثَابِت ހަނގުރާމަ ކުރެއްވުމުގައި ގެންގުޅުއްވި ގޮތުގައި ހިފާ ހުށިކަމެވެ."
{މަޙްމޫދު އަޙްމަދު ޣަޡަންފަރު، ކޮމާންޑަރ އޮފް މުސްލިމް އާރމީ، ޞަފްޙާ 259-261}
ނަންފުޅާއި ނަސަބުފުޅު
عَاصِمُ بنُ ثَابِت رضى اللّـه عنــه އަކީ އަންޞާރުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ދަރަޖަމަތިވެރި ޞަޙާބީބޭކަލެކެވެ. އެކަލޭގެފާނު ނިސްބަތްވެވަޑައިގަންނަވަނީ، އައުސްވަންހައަށެވެ. އެކަލޭގެފާނުގެ ބަފައިކަލުންގެ ނަންފުޅަކީ، ثابت بن أبي الأَقْلَح އެވެ. މައިކަނބަލުންގެ ނަންފުޅަކީ، الشَّموس بنت أبي عامر بن صَيْفيّ އެވެ.
އިސްލާމްދީނުގެ މަތިވެރި ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم މަދީނާއަށް ހިޖުރައަށް ވަޑައިގަތުމަށްފަހު މުހާޖިރުންނާއި އަންޞާރުންގެ ދެމެދުގައި ވަރަށް މަތިވެރި އަޚްވަންތަކަމުގެ ގުޅުމެއް ޤާއިމުކޮށްދެއްވިއެވެ. އެގޮތުން عَاصِمُ بنُ ثَابِت رضى اللّـه عنــه، އާ އަޚްކޮށްދެއްވީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދެބެއިންގެ ދެދަރިބޭކަލެއްކަމުގައިވާ عبد الله بن جحش رضى اللّـه عنــه އާއެވެ. {އިބްނު ސަޢުދު،ޠަބަޤާތު}
ޝަހީދުވުން
ހިޖުރައިން ހަތަރުވަނަ އަހަރުގެ ތެރޭގައި عضل އާއި قارة ގެ މީހުން މާތް ނަބިއްޔާގެ އަރިހަށް އައިސް ދެންނެވިއެވެ. "ތިމަންމެންގެ ތެރޭގައިތިބި މުސްލިމުންނަށް އިސްލާމްދީން ބަޔާންކޮށްދެއްވުމަށްޓަކައި، ކަލޭގެފާނުގެ އަޞްޙާބުންގެ ތެރެއިން ބަޔަކު ފޮނުއްވައި ދެއްވާށެވެ." ދެން މާތް ނަބިއްޔާ صلّى اللّـه عليه وسلّم ހަމީހުންގެ މައްޗަށް (ބައެއް ރިވާޔަތްތަކުގައިވާ ގޮތުން ދިހަމީހުންގެ މައްޗަށް) އެކުލެވޭ ލަޝްކަރެއްގެ މައްޗަށް ވެރިކުރައްވައިފައި، مرثد بن أبي مرثد رضى اللّـه عنــه ފޮނުއްވިއެވެ. ޞަޙީޙު ބުޚާރީގައިވަނީ، އެބޭކަލުންގެ މައްޗަށްވެރި ކުރެއްވީ عَاصِمُ بنُ ثَابِت رضى اللّـه عنــه ކަމަށެވެ.
އެބޭކަލުން ދަތުރުކުރައްވައިފައި ވަޑައިގެން الرجيع އޭ ކިޔުނު ތަނަށް ވަޑައިގެންނެވުނުތަނާ ބަނޫ ލަޙްޔާން ޤަބީލާގެ ތީރުވެރިންތަކެއް އެބޭކަލުން ވަށައިލައި ހަމަލަދޭން ފަށައިފިއެވެ. ބަނޫ ލަޙްޔާންގެ މީހުންނަކީ، ހުޛައިލު ޤަބީލާއަށް ނިސްބަތްވާ ބައެކެވެ. ދެން މިބޭކަލުން އަވަސް އަވަހަށް ފަރުބަދަމަތީ ސަރަހައްދަކަށް އަރައިވަޑައިގެން ހިމާޔަތް ހޯއްދަވައިފިއެވެ. عَاصِمُ بنُ ثَابِت رضى اللّـه عنــه އާއި އެކަލޭގެފާނުގެ އަރިހުގައިވާ ޞަޙާބީބޭކަލުން ކަނޑިކޮޅު އުރައިންދަންމަވައިގެން ހަނގުރާމަ ކުރައްވަން ޤަޞްދުކުރެއްވުމުން ދުޝްމިނުން ބުނެފިއެވެ.
"މިއަދު ތިޔަބައިމީހުން އަހަރެންމެންނަކާ ހަނގުރާމައެއް ނުކުރެވޭނެއެވެ. މާތް ރަސްކަލާނގެ ގަންދެމެވެ. ތިޔަބައިމީހުންނާ ހަނގުރާމަކުރުމުގެ އެއްވެސް ޤަޞްދެއް އަހަރެމެންގެ ނެތެވެ. ވީމާ ތިޔަބައިމީހުން ހަތިޔާރުތައް ބަހައްޓައިފައި އަންނާށެވެ. އަހަރެމެން ތިޔަބައިމީހުންނަކަށް އެއްވެސް ކަމެއް ނުކުރާނަމެވެ."
މިބައިމީހުންގެ މި ކެހިވެރިކަމުން ފުރިފައިވާ ބަސްތައް އަޑު އައްސަވައި، عَاصِمُ بنُ ثَابِت رضى اللّـه عنــه ވިދާޅުވިއެވެ. "މުޝްރިކުންގެ ކުރިމަތީގައި އަހަރެން އަހަރެންގެ ހަތިޔާރެއް ނުބަހައްޓާނަމެވެ." އެވަގުތު އެކަލޭގެފާނަށް އުޙުދުގެ ދުވަހު سلافة بنت سعد ގޮވި ނަދުރުގެ ވާހަކަ ހަނދާންވެއްޖެއެވެ. ހަމަ އެވަގުތު އަތްޕުޅު މައްޗަށް ނަންގަވައި ދުޢާފުޅު ކުރެއްވިއެވެ. "އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ މައްޗަށް ރަޙްމަތްލައްވާނދޭވެ! އަދި މި އަޅާ މަރުވުމަށްފަހު މިއަޅާގެ ހަށިގަނޑު ދުޝްމިނުންގެ އަތުގައި ނުޖެހޭނެ ގޮތް މިންވަރުކޮށްދެއްވާނދޭވެ."
މިދެންނެވި ފަދައިން ދުޢާ ކުރެއްވުމަށްފަހު، عَاصِمُ بنُ ثَابِت رضى اللّـه عنــه އާ އެކަލޭގެފާނާއެކު ވަޑައިގެން ދެ އެކުވެރިން ދުޝްމިނުންނާ ހަމަލަދެއްވައި ޝަހީދުވެވަޑައިގެންފިއެވެ. ދެން ތިއްބެވި ތިން ބޭކަލުން އަމާންދެއްވުމުން މުޝްރިކުން އެބައިމީހުން ހިފައި ހައްޔަރުކޮށްގެން ގެންގޮސް މައްކާގައި ޤަތުލުކުރީއެވެ. އެހެން ރިވާޔަތެއްގައިވަނީ އެތަނުން އެކަކު އަމިއްލައަށް މަރުވީކަމަށެވެ.
عَاصِمُ بنُ ثَابِت رضى اللّـه عنــه ޝަހީދުކުރެވުނު ޚަބަރު ލިބުމުން ޤުރައިޝުން އެކަލޭގެފާނުގެ އިސްތަށިފުޅު ކަނޑައިގެން ގެނައުމަށް މީހުން ފޮނުއްވިއެވެ. ނަމަވެސް އެބައިމީހުންނަށް އެކަމެއް ކާމިޔާބެއް ނުވިއެވެ. އެކަލޭގެފާނުގެ ހަށިކޮޅަށް މާމުއި ކުޅަންދުރުތަކެއް ވެރިވެގަތްގަތީނުން އެ ހަށިކޮޅާ އެއްވެސް ކާފަރަކު ގާތް ވާކަށްވެސް ނުކުރުނެވެ. ދެން އެބައިމީހުން ނިންމީ ރޭގަނޑުގެ ވަގުތުގައި އައިސް އެކަން ކުރުމަށެވެ. ނަމަވެސް އެރޭ ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެބައިމީހުންނަށް އެކަމެއް ކާމިޔާބު ވާގޮތެއް ނުވިއެވެ. އެރޭވެހުނު ވާރެއިން އަލިވިލުނު އިރު އެކަލޭގެފާނުގެ ހަށިކޮޅުގެ އެއްވެސް އަސަރެއް އެތަނަކުން ފެންނާކަށް ނެތެވެ.
މި އާދަޔާ ޚިލާފު ހާދިސާގެ ޚަބަރު أمير المؤمنين عمر الفاروق رضى اللّـه عنه އަށް ލިބިވަޑައިގެން ވިދާޅުވިއެވެ. [މާތްﷲ އެކަލާނގެ މުއުމިނު އަޅުން ދިރިހުންނައިރު ރައްކާތެރި ކުރައްވާ ފަދައިން މަރުވުމުންވެސް ރައްކާތެރި ކުރައްވައެވެ.]
{ޞަފިއްޔުއް ރަޙްމާނުލް މުބާރަކު ޕޫރީ، އައްރަހީޤުލް މަޚްތޫމު، އިނގިރޭސި އެޑިޝަން، ޞަފްޙާ 297-299 އަދި މަޙްމޫދު އަޙްމަދު ޣަޡަންފަރު، ކޮމާންޑަރ އޮފް މުސްލިމް އާރމީ، ޞަފްޙާ 261-263}
އަރަހުށި މާތްﷲ އެ މާތް ޞަޙާބީއަށް ރުއްސުންލައްވާށިއެވެ.