ކިތަންމެ ނުރައްކައުތެރި ބައްޔެއް ޖެހުނަސް ފިކުރުވެސްނުކޮށް އުފަލުގަ ހުރެވޭ މީހަކަށް ވާންބޭނުންތަ؟ އެކަމަށް އޮތް މަގު މިއޮތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 18ސ
ކިތަންމެ ނުރައްކައުތެރި ބައްޔެއް ޖެހުނަސް ފިކުރުވެސްނުކޮށް އުފަލުގަ ހުރެވޭ މީހަކަށް ވާންބޭނުންތަ؟ އެކަމަށް އޮތް މަގު މިއޮތީ!

 

ނުރައްކައުތެރި ބައްޔެއް ޖެހިފައިވާކަމަށް ޑޮކްޓަރަކު ބުނެފިނަމަ ގިނަ ބައެއްގެ ޙާލަތު ނުރައްކާވަނީ އެކަމަށް ވިސްނަން ހަދައިގެން ކަމަށް ދިރާސާތަކުން ދައްކައެވެ. ވީމާ އަހުރެން ބުނެދޭން މަސައްކަތް މިކުރަނީ އެޙާލަތުން ސަލާމަތްވެގެން ހުރެވޭނެ ގޮތެވެ. އިން ޝާ ﷲ

ޢާންމުގޮތަކަށް ބަލައިފިނަމަ ބަލިވުމަކީ ޚާއްޞަކަމެއް ނޫނެވެ. އެހެނީ އެންމެންވެސް ބަލިވެއެވެ. އަބަދުވެސް ހޮސްޕިޓަލްތައް ފުރިފައި އޮންނަކަން އެއީ މިކަމުގެ ހެއްކެކެވެ. ނަމަވެސް ބައްޔެއް ޖެހުމުން އެމީހާއަށް އެއީ ޚާއްޞަކަމަކަށްވެދާނެއެވެ. މިސާލަކަށް އެމީހަކަށް ކުރިން ނުޖެހޭ ބޮޑު ބައްޔެއްގައި އުޅެން ޖެހުންވާނީ އެމީހަކަށް ވަރަށް ޚާއްޞަ ކަމަކަށެވެ. އިންތިހާއަށް ކަންބޮޑުވާ ކަމަކަށެވެ.  

ކިތަންމެ ބޮޑު ބައްޔެއްގައި އުޅެންޖެހުނު ނަމަވެސް މުއުމިނުންގެ ހިތުގައި ޔަޤީންކަން ބާއްވަންޖެހޭ ދެކަމެއް ވެއެވެ. ފުރަތަމަ ކަމަކީ ބަލިން ގަދަވާނެ، ﷲ ޝިފާ ދެއްވަވާނެ ކަމުގެ ޔަޤީންކަމެވެ. ދެވަނަ ކަމަކީ ބަލީގައި މަރުވިނަމަވެސް އެއީވެސް ﷲ ތަޢާލާގެ ރަޙްމަތް ކަމެވެ. ސުވަރުގެ ވައްދަވާނެ ކަމެވެ.  

ގަދަވެ ހުންނައިރު ދިރިއުޅެން އޮތީ ސުވަރުގެ ވައްދަވާނެ މަގުންނެވެ. މަރުވެއްޖެނަމަ ސުވަރުގެ ލިބުމަށް އުންމީދުކުރެވޭނީ އެއިރުންނެވެ. ތަކުރާރުކޮށްލާނަމެވެ. ކުރިން މިބުނި ކަންކަން ޔަޤީންކުރެވޭނީ އެކަންކަން ޔަޤީންކުރެވޭނެ ގޮތަށް ދުނިޔޭގައި އުޅުމުންނެވެ. ﷲ ތަޢާލާއަސް ކިޔަމަންތެރި އަޅެއްގެ ގޮތުގައި ދުނިޔޭގައި އުޅުމުންނެވެ. ތަޤްވާވެރިއަޅެއްގެ ގޮތުގައި ދުނިޔޭގައި އުޅުމުންނެވެ.  

ކުޑަކުޑަ މިސާލެއްވެސް ބުނެފާނެއެވެ. ކެންސަރުޖެހިފައިވާކަން އެނގުނީއެވެ. ކުރިން މިބުނި ފަދައިން ދުނިޔޭގައި އުޅެވިފައިނުވާ މީހުން ވަރަށް ބޮޑަށް ކަންބޮޑުވާނެއެވެ. ބަލިން ގަދަނުވެދާނެކަމަށް ގަންނަ ބިރު ވަރަށް ބޮޑުވާނެއެވެ.

ނަމަވެސް ތަޤްވާވެރިކަމާއިއެކު އުޅެމުން އަންނަ މީހުން އެވަރާއި ގާތަކަށްވެސް ކަންބޮޑެއް ނުވާނެއެވެ. އެމީހުންވެސް ފަރުވާ ހޯދާނެއެވެ. ނަމަވެސް ޝިފާ ނުލިބި މަރުވެދާނެތީ އެހައި ބޮޑަކަށް ކަންބޮޑެއް ނުވާނެއެވެ. އެއީ އިތުރު ދެކަމެއް ޔަޤީންކުރެވޭތީއެވެ. ފުރަތަމަ ކަމަކީ ޢުމުރުވަނީ މާކުރިން ލިޔުއްވަވާފައިކަމާއި މަރުވާނީ ޢުމުރުހަމަވުމުންކަމެވެ. ދެވަނަ ކަމަކީ މަރުވާނީ އެމީހަކު މަރުވުމަށް ލިޔުއްވަވާފައިވާ ޙާލުގައިކަމެވެ.  

މީސްތަކުންނޭވެ! މުހިންމީ ބަލިވެދާނެތީ ކަންބޮޑުވުމެއް ނޫނެވެ. ބަލީގައި މަރުވެދާނެތީ ކަންބޮޑުވުމެއްވެސް ނޫނެވެ. ކިތަންމެ ވަރަކަށް ކަންބޮޑުވިނަމަވެސް ލިޔުއްވަވާފައިވާ ގޮތަށް، ލިޔުއްވަވާފައިވާ ކަންކަން، ލިޔުއްވަވާފައިވާ ވަގުތުޖެހުމުން ހިނގާނެއެވެ. ކަންބޮޑުވާންވީ ދުނޔޭގައި އުޅެވޭ ގޮތާއިމެދުގައެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވެވޭ މިންވަރާއިމެދުގައެވެ.  

އެއްވެސް މީހަކަށް ބަލިނުވެ އުޅުމުގެ އިޚްތިޔާރު ދެއްވަވާފައެއް ނުވެއެވެ. ނަމަވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ތަޤްވާވެރިވުމުގެ އިޚްތިޔާރުވަނީ ދެއްވަވައިފައެވެ. އަހަރެމެން މަސައްކަތްކުރަންވީ ދެއްވަވާފައިވާ އިޚްތިޔާރުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށެވެ. އެއިރުން އަހަރެމެންގެ މަސްއޫލިއްޔަތު އަދާކުރެވުނީއެވެ. އަހަރެމެންގެ މަސްއޫލިއްޔަތު އަދާކޮށްފިނަމަ ﷲ ތަޢާލާގެ ރަޙްމަތް އެއީ ޔަޤީންކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން