އަހަރެމެން ކޮންމެ މީހަކީވެސް އެތައް ބައިވަރު ކަންކަމަށް ބޭނުންވެގެންތިބި ބައެކެވެ. އެތައް ބައިވަރު ކަންކަންކަމަށް އެދިއެދި ތިބި ބައެކެވެ. އެތައް ބައިވަރު ކަންކަމާއިމެދު ކަންބޮޑުވެގެން ތިބިބައެކެވެ. އެތައް ކަމެއް ޙާޞިލުކުރަން ބޭނުންވެގެން ތިބި ބައެކެވެ.
ގިނަ މީހުންނަކީ ކަންކަމަށް އެދި މީސްމީހުންގެ ކިބައިން އެހީތެރިކަމަށް އެދެމުން ގެންދާ ބައެކެވެ. ނމަވެސް ހިތާމައަކީ ތިމާއަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކޮށްދެއްވެވޭނެ ފަރާތަށް ދެންނެވުމުގައި އިހްމާލްވެވެމުން އަންނަކަމެވެ.
ބަލިވެގެން ޑޮކްޓަރަށް ދައްކާނަމަ ބަލީގެ ޚާއްޞަ ޑޮކްޓަރަކަށް ދައްކަން ސަމާލުކަން ދެމުއެވެ. އަދި އެއިގެ ތެރެއިންވެސް އެންމެ ތަޖުރިބާހުރި ޑޮކްޓަރަކަށް ދައްކަން އިސްކަން ދެމުއެވެ. އެކަމަށް ކިތަންމެ ބޮޑު ހޭދައެއް ކުރަން ޖެހުނު ނަމަވެސް ކަންބޮޑެއްވެސް ނުވަމުއެވެ.
ނަމަވެސް ހިތްދަތިކަން ކުރިމަތިވުމުން ނުވަތަ ބޭނުމެއް ފުއްދަން ޖެހުމުން އެކަން ތިމާއަށް ފުއްދަވައި ދެއްވަވައި އުފާވެރިކަން ދެއްވެވޭނެ ފަރާތާއިމެދު ވިސްނައިލެވެނީ ކިހާވަރަކަށް ހެއްޔެވެ؟
މީސްތަކުންނޭވެ! ނަމާދު ކުރާއިރު ސަޖިދައިގައި ހޭދަކުރާ ވަގުތު ކިތަންމެ ކުޑަކޮށްނަމަވެސް އިތުރުކުރާށެވެ. ސަޖިދަ ދިގުކޮށްލާށެވެ! ތަޅުމުގައި ނިތްކުރި ޖެހުމާއިއެކު ފުންމައިގެން ތެދުވާ މީހަކަށް ނުވާށެވެ. ޖަމާއަތުގައި ނަމާދުކުރާއިރު އިމާމް މީހާ ޢާއިއެކު ތެދުވަންވާނެއެވެ. ނަމަވެސް އެކަނިކުރާ ނަމާދުތަކުގައި އެމީހަކު ބޭނުންހައި އިރެއްވަންދެން ސަޖިދައިގައި އޮވެވިދާނެއެވެ.
ކުރިންވެސް ބުނިފަދައިން ސަޖިދައިގައި އޮންނަ ވަގުތަކީ ތިބާ އާއި ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުށްތަން ވެވޭ ވަގުތެވެ. ހަމަ ކަށަވަރުން އެވަގުތަކީ ސަޖިދައިގައި އޮންނަ ވަގުތެވެ. ތިބާ ގޮސް ނަމާދުގެ ސަފުތަކާއި ގުޅެމުއެވެ. ނަމާދުކުރަމުން ގޮސް ސަޖިދަ ކުރަމުއެވެ.
ނިކަން ބުނެބަލާށެވެ! ސަޖިދައިގައި އޮންނަ ވަގުތުކޮޅުވެސް ﷲ ތަޢާލާގެ މަތިން ހަނދާންވަނީ ކިތައް މީހުންނަށް ހެއްޔެވެ؟ މިއޮވެވެނީ ﷲ ތައާލާއި އެންމެ ބޮޑަށް ކުއްތަން ވެވޭނެ މިންވަރަށް ކުއްތަންވެގެންކަނަ ހިތަށް ގެނެވޭ ހެއްޔެވެ؟ ސަޖިދައިގައި އޮވެ ކުރަންޖެހޭ ކަމަކީ ﷲ ތަޢާލާ މަތިވެރިކުރުންކަން ހިތަށް ވަދޭ ހެއްޔެވެ؟ ސަޖިދައިގައި އޮވެ ދުލުން ކިޔާ އެއްޗެއްގެ މާނަ ހިތަށް ވަދޭ ހެއްޔެވެ؟
މީސްތަކުންނޭވެ! ގިނަ ދަރުސްތަކެއްގައި މިފަދަ ކަންކަމުގެ ވާހަކަ ތަކުރާރުކުރާތީ ސުވާލު އުފައްދާނެ ބައަކުވެސް ތިބެދާނެއެވެ! ނަމަވެސް ނިކަން ބުނެބަލާށެވެ! މިކަންކަން އިޞްލާޙް ނުކުރެވި ނަމާދު ފުރިހަމަ ކުރެވޭނެ ހެއްޔެވެ؟ ނުކުރެވޭނެކަން ކަށަވަރެވެ. ނަމާދު ކުރެއެވެ. ނަމަވެސް ނަމާދު ފުރިހަމަ ނުކުރެވޭތީ ލިބެންވާ ސަވާބު ނުލިބޭނަމަ ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ނަމާދު ފުރިހަމަ ނުކޮށް ސަލާމަތް ވެވޭނެ އެއްވެސް ގޮތެއް ނިކަން ބުނެބަލާށެވެ! އެފަދަ ގޮތެއް އޮތްކަން އެނގިފައެއް ނެތެވެ.
އަނެއްކާވެސް ދުނިޔަވީ މިސާލެއް ކިޔައިދޭނަމެވެ. ތިބާ އެންމެ ލޯބިވާ މީހާގެ ގާތަށް ދެވުމުން ބޭނުންވަނީ އަވަހަށް ނުކުމެގެން ދާން ހެއްޔެވެ؟ ނޫނީ ވީހައި ގިނަ ވަގުތެއް އެކުގައި ހޭދަކުރަން ހެއްޔެވެ؟ އެހެންކަމަށްވާއިރު ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތު ފުންމައިގެން ތެދުވުމަކީ ކޮން ގޮތަކުން ކުރަން ހެޔޮވާނެ ކަމެއް ހެއްޔެވެ؟ ވީހައި ގިނަ ވަގުތު ﷲ ތަޢާލާ އާއި ކުތަންވެގެން އޮތުން ވާން ޖެހޭނީ ލިބޭ އެންމެ ބޮޑު އުފާ ކަމަށް ނޫން ހެއްޔެވެ؟
މީސްތަކުންނޭވެ! މިދެއްކި ވާހަކަކޮޅުން ޢިބްރަތް ޙާޞިލުކުރާށެވެ! އަދި އަމަލުކުރާށެވެ. ﷲ ތަޢާލާއަށް ތިބާގެ ހިތުގައި އޮތް ލޯބި އަމަލުން ދައްކާށެވެ! އެކަން އެންމެ ފުރިހަމައަށް ކުރެވޭނީ ނަމާދުންނެވެ. ޚާއްޞަކޮށް ސަޖިދައިގައެވެ.
- މުފްތީ މެންކުގެ ދަރުސަކުން