ދެމަފިރިންވެސް ސަމާލުވާތި!: ހިތަށް އަނިޔާކޮށްފަ މާފަށް ނުއެދި ދޭ އަގުބޮޑު ހަދިޔާއިން ކުރާނެ ފައިދާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ދެމަފިރިންވެސް ސަމާލުވާތި!: ހިތަށް އަނިޔާކޮށްފަ މާފަށް ނުއެދި ދޭ އަގުބޮޑު ހަދިޔާއިން ކުރާނެ ފައިދާއެއް ނެތް!


ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ އަނެކާއަށް އަގުބޮޑު ހަދިޔާއެއް ދިނުމަކީ ތިމާއަށް ކުރެވުނު ކުށުގެ ބަދަލަކަށްވާނެ ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ކުށެއް ކުރެވިއްޖެނަމަ ފުރަތަމަ ކަމަކަށްވެސް ކުރަން އޮތް ކަމަކީ މާފަށް އެދުމެވެ. ހަދިޔާދިނުން އޮތީ މާފަށް އެދި ބައިވެރިޔާގެ ހިތްޙަލާލު ހޯދުމަށްފަހުގައެވެ.  

އަނެއް ބައަކު ދެކެނީ ކުރިއަށްވުރެ އިތުރަށް ލޯބިދިނުމުން ތިމާއަށް ކުރެވުނު ކުށުގެ ބަދަލަކަށްވާނެ ކަމަށެވެ. އެއީވެސް ރަނގަޅު ވިސްނުމެއް ނޫނެވެ. ކުރިން ބުނިފަދައިން ފުރަތަމަ ކަމަކަށް ކުރަންޖެހޭނެ ކަމަކީ މާފަށް އެދި ޙިތްޙަލާލު ހޯދުމެވެ. އިތުރުން ލޯބިދިނުމުން ފައިދާކުރާނީ އެއިރުންނެވެ.  

ރަނގަޅަށް ވިސްނާށެވެ! ޒަވާޖީ ޙަޔާތުގައި އެކުގައި އުޅުމުން ކުށްކުރާނަމަ އަނެކާގެ ހިތަށް އަސަރުކުރާނެއެވެ. ވީމާ ކުށްކުރެވުން ބަދަލުވެގެން އެދަނީ އަނެކާގެ ހިތަށް ކުރެވޭ އަނިޔާއަކަށެވެ. އެއްވެސް މީހެއްގެ ހިތަށް އަނިޔާކޮށްފައި ދޭ މާއްދީ ބަދަލަކުން ފައިދާއެއް ނުކުރާނެއެވެ. ފައިދާކުރާނީ ހިތަށް ކުރިއަސަރުތަކަށް ފަރުވާދިނުމުންނެވެ. އެފަރުވާއަކީ މާފަށް އެދުމާއި ކުށް ތަކުރާރުނުކުރުމެވެ. އެހެން ހުރިހާ ކަންކަން ގެންނަންވާނީ އެއިގެ ފަހަތަށެވެ. 

އަހުރެންގެ އިލްތިމާސަކީ ކުށެއް ކުރެވިއްޖެނަމަ މާފަށް އެދުމަށް އަވަސްވެގަތުމެވެ. އަދި އެކުށް ތަކުރާރުނުކުރަން މަސައްކަތްކުރުމެވެ. ޒަވާޖީހަޔާތުގެ އުފާވެރިކަން ޙާޞިލުކުރެވެން އޮތް ގޮތަކީ އެއީކަމަށްވާތީއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން