މަސައްކަތްކުރަމުން ވަކީލްކުރާ އަޅުންނަށް ރިޒުޤް ދެއްވަވާނެ! ވާންވީ ކަންބޮޑުނުވެ ވަކީލުކުރާ އަޅަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 12ސ
މަސައްކަތްކުރަމުން ވަކީލްކުރާ އަޅުންނަށް ރިޒުޤް ދެއްވަވާނެ! ވާންވީ ކަންބޮޑުނުވެ ވަކީލުކުރާ އަޅަކަށް!

ރިޒުޤް ލިބުން ދަތިވާނަމަ ކަންބޮޑުވެވޭނެއެވެ. ފިކުރުވެސް ކުރެވޭނެއެވެ. ނަމަވެސް އަހުރެމެންނަށް އޮތީ އިންތަކުގައި ޘާބިތުވުމެވެ. ކިތަންމެ ބޮޑަށް ބޭނުންވިޔަސް ލިބޭނީ ހަމަ ދެއްވެވި މިންވަރަކަށެވެ. 

ވީމާ ތިމާއަށް ދެއްވަވާ ރިޒުޤް މަދުވެގެން ކަންބޮޑުނުވާށެވެ! ތިބާގެ މަސްއޫލިއްޔަތަކީ ރިޒުޤް ހޯދަން ތިބާއަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމެވެ. ތިބާއަށް އޮތީ މަސައްކަތްކުރުމަށްފަހު ﷲ ތަޢާލާއަށް ވަކީލްކުރުމެވެ. ސަބަބަކީ ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް ލިބޭނީ ﷲ ތަޢާލާ ދެއްވެވި ވަރަށްވާތީ ކަމެވެ.

މި ފާހަގަކުރި ކަންކަން ހިތުގައި ބާއްވައިގެން ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

ރިޒްޤު ހޯދުން: 

ރިޒްޤު ހޯދުމަކީ ވަރަށް ގިނަ މީހުން ކަންބޮޑުވާ ކަމެކެވެ. ކުޑަކުދިންވެސް އެކަމަށް އެދޭއިރު، ބޮޑެތި މީހުން އެކަމަށް ޢަމަލީ ގޮތުން މަސައްކަތް ކުރެއެވެ. ދުނިޔަވީ ޙަޔާތުގެ ގިނަ ކަންބޮޑުވުންތަކާއި ވާހަކަތައް އެނބުރެނީ އޭގެ ވަށައިގެންނެވެ. ކުޅަދާނަ މުއުމިނުންނަކީ ރިޒްޤުގެ ކަންތައްތައް ރިޒްޤުދެއްވާ ފަރާތަށް ހަވާލުކުރާ މީހުންނެވެ. 

ތިބާއަށްޓަކައިވާ ރިޒްޤެއް، ތިބާ ކިތަންމެ ނިކަމެތިވެފައި ވަނިކޮށްވެސް އަންނާނެއެވެ. އަދި ތިބާއަށްޓަކައި ނުވާ އެއްޗެއް ގަދަބާރުން ހޯދައި ނުގަނެވޭނެއެވެ. އެހެންކަމުން ތިބާއަށް ލިބޭނެކަން ޔަޤީންވެފައިވާ ރިޒްޤެއް ހޯދުމުގެ ފިކުރުގައި ވަގުތުތައް ބޭކާރުކޮށް ނުލާށެވެ. އަޖަލު ޖެހެންދެން ރިޒްޤު ތަނަވަސްވެގެން ދާނެއެވެ.  

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. 

﴿وَمَا مِن دَابَّةٍ فِي الْأَرْضِ إِلَّا عَلَى اللَّـهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا كُلٌّ فِي كِتَابٍ مُّبِينٍ﴾ [سورة هود ٦]

މާނައީ: "ބިމުގައި ހިނގާބިނގާ އުޅޭ ދިރޭ އެއްޗެހީގެ ތެރެއިން، އެ އެއްޗަކަށް ﷲ ރިޒްޤުނުދެއްވާ އެއްވެސް އެއްޗެއް ނުވެއެވެ. އެ ތަކެތި ބިމުގައި އުޅޭ ތަނާއި، މަރުވެގެން ވަޅުލާ ތަން އެއިލާހު ދެނެވޮޑިގެންވެއެވެ. މި ހުރިހާ ކަމެއްވަނީ ބަޔާންވެގެންވާ ފޮތެއްގައި ލިޔުއްވާފައެވެ." 

ސަލަފުންގެ ބައެއް ބޭކަލުން ވިދާޅުވެފައިވެއެވެ. 

"(ﷲ އަށް) ވަކީލުކުރާށެވެ. އެއްވެސް ބުރަކަމެއް، ދަތިކަމެއް ނެތި ރިޒްޤު ތިބާގެ ގާތަށް އަންނާނެއެވެ."

[جامع العلوم والحكم لابن رجب (2 / 502)] 

އަޅާގެ މައްޗަށް އޮތީ ﷲ ތަޢާލާ އޭނާއަށް ދެއްވި ރިޒްޤާމެދު ރުހުމެވެ.  

އުމަރު ބުން ޢަބްދުލް ޢަޒީޒު رحمه الله ވިދާޅުވިއެވެ. 

"އަޅާއާ އޭނާގެ ރިޒްޤާ ދެމެދުގައި ފަރުދާއެއް ވެއެވެ. ފަހެ އޭނާގެ ނަފްސު އެކަމާ ރުހި ހިތްހަމަޖެހިއްޖެނަމަ، އޭނާގެ ރިޒްޤު އޭނާގެ ގާތަށް އާދެއެވެ. އަދި އެއާ ކުރިމަތިލާ، އެ ފަރުދާ ނަގާލައިފިނަމަ އޭނާއަށްޓަކައި ހުރި ރިޒްޤަށް ވުރެ އިތުރަށް އޭނާއަކަށް ނުލިބޭނެއެވެ."

[جامع العلوم والحكم لابن رجب (2 / 502)] 

"خطوات إلى السعادة لد. عبدالمحسن القاسم (ص: 45 - 46)"

 

- ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން