ކިޔުންތެރިޔާގެ މިސުވާލަކީ ރަމަޟާންމަހާއިވެސް ވަރަށް ގުޅުންހުރި ސުވާލެކެވެ. ރޯދައަށް ތިބެ ގަދައަށް ރުޅިއަންނަ މީހުން ގިނަކަމުންނެވެ.
އަޅުގަނޑުގަށް އުޅެންޖެހިފައިވާ ގޭގައި ވަރަށް ރުޅިގަދަ 2 މީހަކު އުޅެއެވެ. ރުޅިއައިމަ މައިންބަފައިންނަށްވެސް ނުބަލައި ކަންކަން ކުރެއެވެ. ކުޑަކުއްޖެއް މުސްކުޅިއެއް ނުބަލައި ބަސްތައް ބުނެހަދައެވެ. މިފަދަ މީހުންގެ ރުޅި މަޑުކުރުވޭނެ ގޮތެއް އޮންނާނެތޯ؟
ޖަވާބަކަށް ތިރީގައިވާ ލިޔުން ފުދޭނެ ކަމަށް އުންމީދުކުރަމެވެ.
ކޮންމެ މީހަކީވެސް ކޮންމެވެސް މިންވަރަކަށް ރުޅި އަންނާނެ މީހެކެވެ. ބައެއް މީހުންނަކީ ވަރަށް ގަދައަށް ރުޅި އަންނަ ބައެކެވެ. އެފަދަ ޙާލަތުގައި އެމީހާގެ ރުޅިމަޑުކުރުވަން މަސައްކަތްކުރަންވެސް ބައެއް މީހުން ޖެހިލުންވެއެވެ. އޭނާ ދެން ކުރާނެ ކަމެއް ނުއެނގޭތީއެވެ. ނަޞޭޙަތްދޭ މީހާ އާއިމެދު ކަންތައްކުރާނެ ގޮތްވެސް ނުއެނގޭތީއެވެ.
އެހެންކަމުން މިރޭ މިބުނެދެނީ އެފަދަ ޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅު އެއްގޮތެވެ. އެމީހަކަށް އެންމެ ފައިދާކޮށް ރުޅިމަޑުކުރުވޭނެ ފަރުވާއެވެ.
ކިތަންމެ ވަރުގަދައަށް ރުޅި އައިސްފައި ހުއްޓައި ނަމަވެސް ފުރިހަމަ މުއުމިނެއްގެ ގާތުގައި "ﷲއަށް ބިރުވެތިވާށޭ" ބުނެވިއްޖެ ނަމަ އެމީހާގެ ރުޅި މަޑުވާނެއެވެ. މައިތިރިވާނެއެވެ. ނަމަވެސް މުނާފިޤުންގެ ކިބައިން އެ ސިފައެއް ނުފެންނާނެއެވެ. އެމީހުން ވާނީ އިތުރަށް ރުޅި ގަދައެވެ. މީހެއްގެ ކިބައިން އެފަދަ ކަމެއް ފެނިއްޖެ ނަމަ އެކަމުން އެނގެނީ އޭނާއަކީ މުނާފިޤެއް ކަމެވެ. މުނާފިޤުން ތައުބާ ނުވެ ހުއްޓައި މަރުވެއްޖެނަމަ ދިއުން ގާތީ ނަރަކައަށެވެ.
މުއުމިނަކަށް "ﷲ އަށް ބިރުވެތިވާށޭ!" ބުނާ އަޑުއިވުމަކީ ކުޑަ ކަމަކަށް ނުހަދާނެއެވެ! އެއީ އިންސާނަކަށް ދެވޭނެ އެންމެ ބޮޑު އިންޒާރެވެ! އެހެނީ ފުރިހަމަ މުއުމިނަކު ނަމަ އެމީހެއްގެ ގާތުގައި "ﷲއަށް ބިރުވެތިވާށޭ" ބުނެވިއްޖެނަމަ އެމީހެއްގެ ހިތަށް ބިރުވެރިކަން ވަންނާނެއެވެ. ލިބޭ ސިހުމުގައި މީހާ ހުއްޓުމަކަށްވެސް އަންނާނެއެވެ. އެހެނީ ފުރިހަމައަށް އީމާންވެގެން ހުންނަ މީހާއަށް ﷲގެ ނަންފުޅު އިވުމުން ހިތަށް ބިރުވެރިކަން ވަންނާނެއެވެ. ޚާއްޞަކޮށް "ﷲއަށް ބިރުވެތިވާށޭ" ބުނާ އަޑު އިވެއްޖެނަމަ ބިރުވެރިކަން އިތުރުވާނެއެވެ.
މީހެއްގެ ގާތުގައި "ﷲއަށް ބިރުވެތިވާށޭ" ބުނުމަކީ ވަރަށް ރަނގަޅު ކަމެކެވެ. އެއިރުން އެކޮށްދެވެނީ ވަރަށް ހެޔޮ ކަމެކެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި މީހެއްގެ ގާތުގައި "ﷲއަށް ބިރުވެތިވާށޭ" ބުނުމުން އެކަން ބަލައި ނުގަތުމަކީ އެމީހަކާއި ސުވާލުކުރެވޭނެ ކަމެކެވެ. އެހެނީ އެހެން ބުނާ މީހާ ﷲ ތަޢާލާއަށްޓަކައި އެ އަދާކުރަނީ ރަސޫލުބޭކަލުންގެ މަސްއޫލިޔަތެކެވެ. ފުރަގަސް ދޭމީހާ އެ ފުގަސްދެނީ އޭނާއަށް އިއްވޭ ރަސޫލުބޭކަލުންގެ ރިސާލަތަށެވެ.
މީހަކު އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ކަމެއް ކުރަން އުޅޭކަން އެނގޭނަމަ ނުވަތަ ކުރަނިކޮށް ފެނިއްޖެނަމަ "ﷲއަށް ބިރުވެތިވާށޭ" ބުނަންވާނެއެވެ. ބަލައި ގަތުމާއި ނުގަތުމަކީ އެމީހެއްގެ ކަމެކެވެ."ﷲއަށް ބިރުވެތިވާށޭ" ބުނެ މީހަކަށް ނަޞޭޙަތްތެރިވެއްޖެ ނަމަ އެކަމުގެ ސަވާބު އެހެން ބުނި މީހަކަށް ދެއްވަވާނެއެވެ.
"ﷲއަށް ބިރުވެތިވާށޭ" ބުނުމުން އެކަން ބަލައި ނުގަތުމަކީ މާޔޫސްވާން ޖެހޭނެ ސަބަބެއް ނޫނެވެ. ބަލައިގެންފިނަމަ އެކަމުގެ ފައިދާ ބަލައިގަތް މީހާއަށް ކުރާނެއެވެ. ބަލައިގަތް ނަމަވެސް އަދި ބަލައި ނުގަތް ނަމަވެސް ބުނި މީހާއަށް ސަވާބު ދެއްވަވާނެއެވެ. އަދި ބަލައި ނުގަތް ނަމަވެސް ބުނި މީހާއަށް ދެއްވަވާ ސަވާބުން އެއްވެސް މިންވަރެއް އުނި ނުކުރައްވަވާނެތެވެ!
- މުފްތީ މެންކުގެ ދަރުސަކުން