އެއްބައި އަނބިން މާޒީގެ ވާހަކަތަކެއް ނުދައްކާނެއެވެ. ކެތްތެރިވެގެން ތިބޭނީއެވެ. ނަމަވެސް އެއިންނަނީ މާޒީގައި ހިނގި ކަންކަމަށް ރުހިގެނެއް ނޫނެވެ. ހަނދާން ނެތިގެނެއްވެސް ނޫނެވެ. އުދުއްސައި ގަނެވޭނެ ފުރުޞަތަކަށް ބަލަބަލައެވެ.
އަނެއްބައި އަނބިން މާޒީ ހަނދުމަކޮށްދޭނެއެވެ. އެއްވެސް ޙާލެއްގައި އެއީ ބޮލަށް އުނދަގޫކުރާކަށް ނޫނެވެ. މާޒީގައި ހިތަށް ލިބިފައިވާ ޒަޚަމްތަކަށް ފަރުވާނުކުރެވި ލަސްވާތީއެވެ. އެކަނަބަލުން ހަނދާންއެކޮށްދެނީ އެފާރުތަކަށް ފަރުވާކޮށްދީ ޒަޚަމްތައް ފަސޭހަކޮށްދިނުމަށެވެ.
ނަމަވެސް ގިނަބައަކަށް އެކަން މާނަކުރެވެނީ ބޮލަށް އުނދަގޫކުރުން ކަމަށެވެ. އެއީ ވަރަށް ނުބައި ވިސްނުމެކެވެ. ހެޔޮލަފާ އަނބިމީހާ މާޒީގައި ހިނގާފައި ހުރިކަންކަމުގެ ވާހަކަދައްކާނީ ހިތުގައި ވޭންއަޅާތީއެވެ. އެވޭނުން ސަލާމަތްވެވި އުފަލުގައި ހުރެވޭނެ ގޮތެއް ހޯދުމަށެވެ.
ހެޔޮލަފާ އަނބިން މާޒީ ހަނދާންކޮށްދެނީ ބައިވެރިޔާއާއި ވަކިވާން ބޭނުންނުވާތީއެވެ. މައްސަލަ ޙައްލުކޮށް އެކުގައި އުޅެން ބޭނުންވާތީއެވެ. އެއީ މައްސަލަ ޙައްލުކޮށްދިނުން އެދިގެން ކުރާ އާދޭހެކެވެ. ޝަކުވާއެއް ނޫނެވެ.
ސުވާލަކީ އެކަމަށް އޮތް ޙައްލަކީ ކޮބައިހެއްޔެވެ؟ ޙައްލު ވަރަށް ފަސޭހައެވެ. ކުރަން އޮތް ކަމަކީ ކުށަށް މާފަށް އެދުމެވެ. ކުށް ތަކުރާރުނުކުރުމެވެ. އަނބިމީހާއަށް ހެޔޮކޮށް ހިތުމެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން