ރަމަޟާން މަހަށް ހިތް ޠޯހިރުކުރުގެ މާނައަކީ ވަރަށް ބޮޑު މާނައެކެވެ. އެއިގައި ވަރަށް ގިނަ ކަންތައްތަކެއް ހިމެނިގެންވެއެވެ.
ހިތްޠޯހިރުކުރަން ކުރަން އޮތް އެންމެ ފުރަތަމަކީ ތިމާގެ ހިތަކީ ﷲ ތަޢާލާއަށް ބިރުވެތިވާ ހިތެއްކަމުގައި ހެދުމެވެ. އެއަށްފަހު އޮތް ފުރަތަމަ ކަމަކީ އެހެން މީހަކަށް ދެއްވަވާފައިވާ އެއްވެސް ކަމަކަށް ޙަސަދަވެރިނުވެ އެހެން މީހުންނަށް ދެއްވަވާ ނިޢްމަތްތައް އިތުރުކޮށްޗެއްވެވުމަށް އެދުމެވެ.
ދެވަނަ ކަމަކީ އެއްވެސް ކަމަކާއި ގުޅިގެން އެއްވެސް މީހެއްގެ މައްޗަށް އެއްވެސް މިންވަރެއްގެ ޙަސަދަވެރިކަމެއް ހިތުގައި ނުބޭއްވުމެވެ. އެމީހަކީ ތިބާއަށް ކިތަންމެ އަނިޔާއެއް ނުވަތަ ގެއްލުމެއްދީފައިވާ މީހަކުކަމުގައިވީނަމަވެސްމެއެވެ.
އަދި ކީއްހެއްޔެވެ؟ އެއްވެސް މީހަކަށް ކިތަންމެ ކުޑަނަމަވެސް ދެރައެއް ލިބެން ނުވަތަ ދެރަގޮތެއް މެދުވެރިވުމަށް އެދޭ މީހަކަށް ވެގެން ނުވާނެއެވެ. މީހަކަށް ކަމެއް ދިމާވެއްޖެނަމަ އެންމެ ފުރަތަމަ އެހީތެރިވާނީ ތިމާކަމަށް ހިތުގައި ޢަޒުމް ކަނޑައަޅައިގެން ހުންނަ މީހަކަށްވެސް ވާންޖެހޭނެއެވެ.
ޙަސަދަވެރިކަމުގެ ތެރޭގައި ހިމެނޭ ކަންކަމަށް ބަލައިލާއިރު އެހެން މީހަކަށް ލިބިފައިވާ ނިޢްމަތަކީ ތިމާއަށް ލިބެން ޖެހޭ ނިޢްމަތެއްކަމަށް ޤަބޫލުކުރެވުންވެސް ހިމެނެއެވެ. މީހަކަށް ލިބިފައިވާ ތަނަވަސްކަމާއި މަޤާމުގެ ގޮތުންނަމަވެސްމެއެވެ.
މިއުންމަތުގެ މީހުންގެ ތެރެއިން އެންމެ މަތިވެރި މީހަކީ ތެދުބަސް ބުނާ މީހުންނާއި ޠޯހިރު ހިތެއް ލިބިގެންވާ މީހުންނެވެ. އެހެންކަމަށްވާއިރު ރަމަޟާން މަހާއި ބައްދަލުކުރަން ތިބާ ތިއަހުރީ ތައްޔާރުވެގެން ހެއްޔެވެ؟ އެހެންކަމަށްވާނަމަ މިބަޔާންކުރިމަގުން ތިމާގެ ހިތް ޠޯހިރުކުރަންޖެހޭނެއެވެ.
ޝައްބާން މަހުގެ މެދުގައި ﷲ ތަޢާލާ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވާނެ އަޅަކަށް ވެވޭނީ އެއިރުންނެވެ. އެފަދަ އަޅަކަށްވުމަށްޓަކައި އޮތް އެންމެ މުހިންމު 2 ޝަރުޠަކީ ޝިރުކުނުކުރުމާއި މިބުނި މަގުން ހިތް ޠޯހިރުވެގެންވާ މީހަކު ކަމުގައިވުމެވެ. ވީމާ ރަމަޟާން މަސް ބައްދަލުކުރާއިރު ތިމާއަކީ ފާފަތައް ފުއްސަވައި ދެއްވަވާފައިވާ އަޅަކަށްވުމަށް މިބަޔާންކުރިމަގުން ޢަމަލުކުރާށެވެ.
ވީމާ އެންމެ ބޮޑަށް ސަމާލުކަންދީގެން ދުޢާކުރަމުން ގެންދަންވީ ޝިރުކުކުރުމުން ސަލާމަތްވެގެން ހުރުމަށާއި މިބުނި ހުރިހާ ކަންކަމުން ހިތް ޠޯހިރުވެގެންވާ މީހަކު ކަމުގައި ވުމަށެވެ. ރަމަމާން މަހުގެ ފުރިހަމަ ފައިދާ ލިބިގަނެވޭނީވެސް އެއިރުންނެވެ. ފާފަތަކުން ޠޯހިރުވެގެން ހުރެވޭ މީހަކު ކަމުގައި ވެވިގެންނެވެ.
- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން