މުސްލިމުންނަކީ ކުރާ ކޮންމެ ކަމެއްގައިވެސް ހީވާގިވާންޖެހޭ ބައެކެވެ. ކަންނެތްވުމަކީ ދުނިޔެއާއި އާޚިރަތް ފޭލްވާ ކަމެކެވެ. މިއީ އަބަދުވެސް ފެންނަމުން، ކުރެވެމުން އަންނަ ތަޖުރިބާއެކެވެ.
ކަންނެތްވުމުގެ ހުރި ނުބައިކަމުގެ ވާހަކަ ދަރުސްތަކުގައި ވަރަށް ގިނައިން ކިޔައިދެމެވެ. ޙަޤީޤަތުގައި އެކަން ފާހަގަކުރަނީ ހަމައެކަނި ޢިލްމްވެރިންނެއް ނޫނެވެ. އެކުވެރިންގެ ގޮތުގައި ކަންނެތް މީހުން ގެންގުޅުމުން ލިބޭ ދެރަ ގިނަ ބއަކު ފާހަގަކުރެއެވެ. އެމީހުންނަށް ؛ިބޭ ދެރަ ބޮޑުކަމުންނެވެ.
ގިނަބައަކު ފާހަގަކުރައްވާ ގޮތުގައި އެކުގައި އުޅެން އެންމެ ނުރައްކައުތެރިބައަކީ ކަންނެތް މީހުންނެވެ. އެކުވެރިންގެ ތެރެއިންވެސް ކަންނެތް މީހުންނެވެ. އެކަމުގެ ސަބަބުތައްވެސް ބުނެއެވެ.
ފުރަތަމަ ކަމަކީ އެމީޙުންގެ ކަންނެތްކަމާއި ހުރެ އެމީހުން އަޅުކަމެއް ނުކުރާނެއެވެ. އެންމެ ކުޑަމިނުން ފަރުޟު ނަމާދުތަކަށްވެސް ރައްކައުތެރިއެއް ނުވާނެއެވެ. ނަތީޖާއަށްވާނީ އެނުބައި އާދަ ތިބާގެ ގައިގައިވެސް ހަރުލުމެވެ.
ދެވަނަ ކަމަކީ އެމީހުން ދިރިއުޅެން މަސައްކަތްކުރުމުގައިވެސް ކަންނެތްވުމުން އެމީހުންގެ ދިރިއުޅުމަށް ފުދޭވަރަށް އާމްދަނީއެއް ނުލިބޭނެއެވެ. ނަތީޖާއަކަށްވާނީ އަބަދު ކަންކަމުގައި ކިޔުމެވެ. އެމީހުން ބުނާ ކަންކަން ކޮށްނުދީފިނަމަ ނިކަން ފަސޭހައިން ރުޅިއައިސް ތިބާއަށް ގެއްލުންހުރި ކަންކަން ކުރާނެއެވެ. ފަޟީޙަތްކުރަންވެސް މަސައްކަތްކުރާނެއެވެ. އަދި ޒަވާޖީ ޙަޔާތަށް ހުރަސް އަޅަންވެސް އެެހން މީހުންނަށްވުރެ ބޮޑަށް މަސައްކަތްކުރާނެއެވެ.
އަދިވެސް ބުނަންހެއްޔެވެ؟ އަނބިމީހާއަކީ ނުވަތަ ފިރިމީހާއަކީ ތަނަވަސް މީހަކު ނަމަ އަހުރެމެން މިކިޔާ ހިހޫތަނުން ކައިގެން އުޅުމަށްޓަކައި ބައިވެރިޔާ ޖަހައިގަންނަން އިންތިހާޢަށް މަސައްކަތްކުރާނެއެވެ. އެހެންވެ ޢިލްމުވެރިން ވިދާޅުވަނީ ކަންނެތް މީހުންނާއި އެކުވެރިކަމުގެ ގުޅުން އުފައްދައި ގެއަށް ވައްދަންވެސް ހެޔޮނުވާނެ ކަމަށެވެ.
ކަންނެތްކަމަކީ މުސްލިމުންގެ ކިބައިގައި ހުރެގެންވާނެ ސިފައެއް ނޫނެވެ. ފުރިހަމަ މުސްލިމަކަށްވެވޭނީ ވަރަށް ހީވާގިވެވިގެންނެވެ. ހީވާގި މީހުންނަށް ނޫނީ ނަމާދު ޤާއިމެއް ނުކުރެވޭނެއެވެ. ޢަމްދުން ސުންނަތް ނަމާދުތަކާއި ޚާއްޞަކޮށް ރޭއަޅުކަން ނުވެސް ކުރެވޭނެއެވެ.
ވިސްނައިލާށެވެ! ދަތިޙާލެއްގައި އުޅެންޖެހިއްޖެނަމަވެސް މީސްމީހުންގެ ގާތުގައި ކަންކަމު ކިޔުމަށްވުރެ އަމިއްލަ ބުރަކަށިމަތީގައި ދަރުއުފުލައިގެން އާމްދަނީ ހޯދުންވެސް ރަނގަޅުކަމަށް ޙަދީޘްފުޅުގައި އޮތުމުން މިސްލިމުންނަކީ ކިހައި ބޮޑަށް ހީވާގިވާންޖެހޭ، ދިރިއުޅެން މަސައްކަތްކުރަންޖެހޭނެ ބައެއްކަން އެއޮތީ އެނގޭށެވެ. އަދި ފަރުޟު 5 ނަމާދު ހަމައަށް ނުކުރުމަކީ ނަމާދު ޤާއިމުކުރާ މީހަކަށް ނުވާނެ ކަމަށް އޮތުމަކީވެސް މުސްލިމުންނަކީ ވަރަށް ހީވާގިވާންޖެހޭނެ ބައެއްކަން އަންގައިދޭ އެއް ސަބަބެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން