ޢާއިޝަތު ރަފާޙް ޢަލީ
އަޅުގަނޑަށް އެންމެ ގިނައިން އަމާޒުވާ ސުވާލުތަކަކީ ދިރިއުޅުމުގައި ކުރިމަތިވާ ތަކުލީފުތަކާއި ހިތްދަތިކަމާ ގުޅޭ ސުވާލުތަކެވެ. މިއީ ޙަގީގަތެކެވެ. ސަބަބަކީ ކޮންމެ އިންސާނަކީވެސް އެމީހެއްގެ ހަޔާތުގައި ކޮންމެވެސް ދަތި ދުވަސްތަކެއް ތަޙައްމަލުކޮށްފައިވާ ނުވަތަ މިހާރުވެސް ތަހައްމަލު ކުރަމުންދާ ނުވަތަ ކުރިމަތީގައި އެފަދަ ދުވަސްތަކަކާ ބައްދަލުވާނޭ މީހަކަށް ވާތީއެވެ.
މިއީ ދުނިޔޭގެ ތަބީއަތެވެ. މާތްﷲ ކީރިތި ގުރުއާނުގައި ވަހީކުރައްވާފައިވަނީ ކޮންމެ އުނދަގުލަކާއެކު ލުއިފަސޭހަކަމެއް ވާކަމަށެވެ. މި އާޔަތުގެ އިބާރާތްކޮޅަށް ފުންކޮށް ބަލާލުމުން އެނގެނީ، ލުއިފަސޭހަކަން އަންނަނީ އުނދަގުލަށް ފަހަކު ނޫން ކަމެވެ. އެއީ އެ އުނދަގުލާ އެކުއެކީގައި އެކަންވާކަމެވެ. ސުބްޙާނަﷲ! ދަތިކަމާއި ލުއިކަން ވަނީ އެކުއެކީގައެވެ.
އަޅުގަނޑުމެން މި ހޭދަކުރާ ދިރިއުޅުމަކީ ތަފާތު ކަންތައްތަކެއްގެ މަސްހުނިވުމެކެވެ. މިއީ ހަމައެކަނި އުފާވެރިކަމެއް ނޫނެވެ. އަދި ހަމައެކަނި ހިތާމައެއްވެސް ނޫނެވެ. މާތްﷲ މި ދުނިޔެ އިލާހީ ހިކުމަތަކަށްޓަކައި ފަރުމާކުރައްވާފައިވަނީ މިފަދައިންނެވެ. އެކަލާނގެ އަޅަކަށް އިމްތިހާނެއް ކުރިމަތިކުރައްވާއިރު، އެކަމަކަށް ކެތްކުރުމުގެ ބާރާއި ގާބިލުކަންވެސް އެމީހަކަށް ދެއްވައެވެ. އެކަލާނގެ އެއްވެސް ނަފްސަކަށް އެ ނަފްސަކަށް ކެތްނުކުރެވޭ ފަދަ ބުރައެއް ނުޖައްސަވާނެއެވެ.
ނަމަވެސް، އަޅުގަނޑުމެންނަށް ދަތި އުނދަގޫ ދުވަސްތަކެއް ކުރިމަތިވެ، އެކަމުގެ ތެރޭގައި އުޅެންޖެހުމުން، އެކަމާ އެކުގައިވާ ލުއިފަސޭހަކަން ފެނުން ދަތިވެއެވެ. އެކަން ވަޒަންކުރަން ނޭނގެނީ ކީއްވެގެންތޯއެވެ؟ ސަބަބަކީ އެ ކުރިމަތިވާ މުސީބާތެއްގެ ވަށައިގެން އަޅުގަނޑުމެންގެ މުޅި ހަޔާތް ބިނާވެގެންދާތީއެވެ.
އެ ދަތިކަން އަޅުގަނޑުމެންގެ ހުރިހާ ފިކުރުތަކެއްގެ މައްޗަށް ގަދަވެގަނެއެވެ. އަދި އަޅުގަނޑުމެންގެ ލޮލަށް ފެންނަ ކޮންމެ މަންޒަރަކީ އެއީ ކަމުގައި ވެގެންދެއެވެ. އަޅުގަނޑުމެންނަށް ލިބޭ އަނިޔާ އާއި ވޭނަށް މާ ބޮޑަށް ސަމާލުކަންދެވޭތީ، އެހެން އެއްވެސް ކަމެއް ނުފެންނަ ހިސާބަށް ކަންތައް ދެއެވެ. މިގޮތަށް ދަތިކަމުގެ ތެރެއަށް މުޅިން ޣަރަގުވުމުން، މާތްﷲ އެކަމާ އެކުލަވައިލައްވާފައިވާ ލުއިފަސޭހަކަން ފެނުމަށް ހުރަސްއެޅެއެވެ. ލުއިފަސޭހަކަން އެތަނުގައި އެބައޮތެވެ. ނަމަވެސް، އަޅުގަނޑުމެންގެ ހިތް އަމާޒުވެފައިވަނީ ކޮން ދިމާލަކަށް ހެއްޔެވެ؟ މިއީ ވަރަށް މުހިންމު ނުކުތާއެކެވެ. ހިތުގެ ސަމާލުކަން މާތްﷲ ފިޔަވައި އެހެން ކަމަކަށް ހުއްޓިއްޖެ ކޮންމެ ހިނދެއްގައި، އެ ހިތަށް ވޭންދެނިވި އިހުސާސްތަކެއް ކުރެވޭނެއެވެ.
އެ ވޭން ތަފާތު ގޮތްގޮތަށް ފާޅުވެދާނެއެވެ. ނަމަވެސް ހަގީގަތަކީ އެއްކަމެކެވެ. ހިތާއި މާތްﷲ އާ ދެމެދު އޮންނަ ގުޅުން ކެނޑި، ދުނިޔަވީ އެހެން ކަމަކާ ހިތް ގުޅިއްޖެނަމަ، އެ ހިތް ތަހައްމަލުކުރާނީ ހިތްދަތިކަމެވެ. މާލީ ދަތިކަމެއް ނުވަތަ އާއިލީ މައްސަލައެއް ކުރިމަތިވީ ކަމުގައި ވިޔަސް، ނުވަތަ ވަޒީފާއާއި ސިއްހަތާ ގުޅޭ ކަމެއް ކުރިމަތިވީ ކަމުގައި ވިޔަސް، އިންސާނާގެ ފިޠުރަތަކީ އެންމެ ފުރަތަމަވެސް އެ މައްސަލައަކަށް މުޅި ސަމާލުކަން ހުސްކުރުމެވެ.
އަޅުގަނޑުމެންގެ ސިކުނޑިއާއި ހިތް އެކަމަކަށް ހުސްވެއެވެ. ހުރިހާ ކަމެއް ގުޅެނީ އެ ދަތިކަމާއެވެ. އަޅުގަނޑުމެންގެ ހުރިހާ ޖަޒުބާތީ ބާރަކާއި ފިކުރީ ގާބިލުކަމެއް އެ މައްސަލައަށް ހުސްވެގެންދެއެވެ. ނިދަން އޮންނައިރުވެސް އަދި ހޭލާއިރުވެސް ހިތަށް އަރަނީ އެކަމެވެ.
މިސާލަކަށް، މީހަކު ސީދަލަށް ބަލަހައްޓައިގެން ހުއްޓާ، ކުއްލިއަކަށް އަރިމަތިން ގަދަ އަޑެއް އިވިއްޖެނަމަ، އެއްވެސް ވިސްނުމަކާ ނުލައި އެ ދިމާލަކަށް މޫނު އަނބުރާލެވެއެވެ. މުޅި ހަށިގަނޑު އެ އަޑު އައި ދިމާލަކަށް ލެނބިގެންދެއެވެ. މިއީ އިންސާނާގެ ތަބީއަތުގައި ހުންނަ އޮޓޮމެޓިކް އިޖާބައެކެވެ.
އަޅުގަނޑުމެންނަށް މުސީބާތެއް ކުރިމަތިވުމުން ކަންތައް ވަނީ ހަމަ މިފަދައިންނެވެ. މީހަކު މާތްﷲ އަށް ހިތް ހުސްކޮށްގެން، އެކަލާނގެއާ ގުޅުން ބަދަހިކޮށްގެން ހުއްޓާ، ކުއްލިއަކަށް ދަތިކަމެއް ކުރިމަތިވުމާއެކު، އެމީހާގެ ސަމާލުކަން މުޅިން ބަދަލުވެގެންދެއެވެ. އެ އަޑު އައި ދިމާލަށް، ނުވަތަ އެ ކުރިމަތިވި މައްސަލައަށް ހިތް އެނބުރިގެންދެއެވެ.
މިކަން އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުން ފެންނަނީ ކިހިނެއްތޯއެވެ؟ ނަމާދަށް ހުންނައިރު، މާތްﷲ އަށް ހިތް ހާޒިރުކުރުމުގެ ބަދަލުގައި، ސިކުނޑީގައި އެނބުރެމުންދަނީ ކުރިމަތިވެފައިވާ މައްސަލައެވެ. ހަށިގަނޑު ސަޖިދައިގައި އޮތް ނަމަވެސް، ސިކުނޑި ދަނީ އެ މައްސަލަ ހައްލުކުރާނެ ގޮތްތައް ރާވަމުންނެވެ. "މިހެން ހަދައިފިނަމަ މިވެނި ކަމެއް ވާނެއެވެ. ނަމަވެސް އެހެން ނުހަދައިފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟" މިފަދަ ހާސްކަމެއްގެ ތެރޭގައި މުޅި ނަމާދު ފާއިތުވެގެންދެއެވެ. ތިމާއަށް މިހެން ދިމާވާކަން އަމިއްލައަށް އިހުސާސްކުރެވޭނެއެވެ. އެ މައްސަލަ ނަމާދުގެ މައްޗަށް ގަދަވެގަންނަނީއެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން