އަނބިންނަށް ރޯދަވީއްލުމުން ސަލާމަތްނުވެވިގެން މަޣްރިބް ނަމާދު ލަސްކުރަން ޖައްސުވަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
އަނބިންނަށް ރޯދަވީއްލުމުން ސަލާމަތްނުވެވިގެން މަޣްރިބް ނަމާދު ލަސްކުރަން ޖައްސުވަން ހެޔޮނުވާނެ!

 

ޝައިޚުގެ މިދަރުސަށް ފެށުމުގެ ކުރިން މިއަދުނޫހުގެ ކިޔުންތެރިއަކު ހިޞާކުރައްވާފައިވާ ވާހަކަކޮޅެއް ހާމަކޮށްލާނަމެވެ. "ރޯދަވީއްލަން ބޭނުންވާތަކެތި މޭޒުމައްޗަށް އަރުވަމެވެ. ބަންގިގޮވާއިރު މޭޒުދޮށުގައި އިންނަމެވެ. އެކަމަކު ތަށިމަތި ނަލަހައްޓާކަށް ނޫނެވެ. ރޯދަވީއްލާށެވެ! ލުއިގޮތަކަށް ރޯދަވީއްލާލައިގެން އަވަސްވެގަންނަނީ މިސްކިތަށް ދިއުމަށެވެ. އެއީ ގޭގައި ނަމާދުކުރެވެން ނެތީމައެވެ. މިސްކިތަށްދަނީ 2 އަންހެންދަރިންވެސް ގޮވައިގެންނެވެ. އެހެން މީހުން ރޯދަވީއްލިތަށިތަކާ މެދަކު ނުވިސްނަމެވެ. އެއީ ތަށިގެންގޮސް ސިންކަށް ނުލެވޭވަރުގެ މީހަކު ގޭގަ ނުއުޅޭތީއެވެ."  

"އަޅުގަނޑު އެގޮތަށް ކަންތައްކުރަން ފެށީ ތަށިދޮންނަކުޅިކުޅެ ނިންމައިގެން މިސްކިތަށް ދާން އުޅުނީމާ އެކަން ނުކުރެވޭތީއެވެ. މަޣްރިބް ނަމާދު ނުލިބޭތަނުގައި ޢިޝާނަމާދަށާ ތަރާވީޙް ނަމާދަށް ޖާގަވެސް ނުލިބޭތީއެވެ."  

ޝައިޚުގެ ދަރުސް: 

އަންހެނުންވެސް މަޣްރިބް ނަމާދުކުރަންވީ މިސްކިތުގައިތޯ ތިއަ ސުވާލުކުރީ އަހުރެންގެ ކިބައިން ކޮން ޖަވާބެއް ލިބޭނެ ކަމަށް ހެއްޔެވެ؟ ވަރަށް ކެރިހުރެގެން މިބުނަނީއެވެ. މަޣްރިބް ނަމާދަށް ގޮވުމުން ގޭގައި ވަޤުތުން ނަމާދުކުރެވެން ނެތްނަމަ، އަދި ދަރިން ގޮވައިގެން ނަމަވެސް މިސްކިތަށް އައުދެވެން ތިބި ހުރިހާ އަންހެނުން ޖަމާޢަތަށް މިސްކިތަށް އަންނަންވީއެވެ.  

އެންމެ ބޮޑު އެއް ސަބަބަކީ އެންމެންނަށް ކާންދީ ނިމިގެން ގޭގަ މަޣްރިބް ނަމާދުކޮށްގެން ތާހިރުވެގެން ޢިޝާނަމާދަށާ ތަރާވީޙް ނަމާދަށް މިސްކިތަށް ދާނެ ވަޤުތު ނުލިބޭކަމެވެ. ހަމައެއާއިއެކު މަޣްރިބް ނަމާދު ކުރަންވެސް ގިނަ އަންހެނުންނަށް އުނދަގޫވާކަމެވެ.  

ބަލަ ރޯދަހިފާ ޢުމުރުގެ ދަރިން ތިބިނަމަ އެދަރިން ގޮވައިގެން މަންމަ އާއި ބައްޕަވެސް މިސްކިތަށް އަންނާށެވެ! މަޣްރިބް ނަމާދަށް ގޮވުމުން އޮތީ ރޯދަވީއްލަން ބޮޑު ކެއުމެއް ކެއުން ނޫންކަމާއި އަރާމުކުރުމާއި ފިލްމުތައް ބެލުން ނޫން ކަމާއި ލިބޭނަމަ ކަދުރުއޮށަކުން ނޫންނަމަ ފެންފޮދަކުން ރޯދަ ވީއްލައި ޖަމާޢަތުގައި މަޣްރިބްނަމާދު ކުރުންކަން ދަރިންނަށް ދަސްކޮށްދެވޭނީ އެއިރުންނޫންހެއްޔެވެ؟  

މިދައްކަނީ މަޣްރިބް ނަމާދަށް ގޮވުމުން ދަރިން ގޮވައިގެން މައިންނަށް ގޭގައި ނަމާދުކުރެވެން ހުރި ގޭގޭގެ ވާހަކައެއް ނޫނެވެ. އެޙާލަތު ނެތް ގޭގޭގެ ވާހަކައެވެ. ނަމާދުކުރުވަންޖެހޭ ޢުމުރުގެ ދަރިން ތިބިނަމަ އެކުދިން ނުލައި މަޣްރިބް ނަމާދުގެ ޖަމާޢަތަށް ބައްޕައިން އަންނަން ހެޔޮނުވާނެއެވެ.  

އެއީ އެކުދިންގެ މައްޗަށް އަދި ނަމާދު ފަރުޟުނުވިނަމަވެސްމެއެވެ. ބަލަ ފަރުޟުވީމާ ފަރުޟުއަދާކުރެވޭނީ އެކަމަށް ތަރުބިއްޔަތުކޮށްފައި ހުރިނަމަ ނޫންހެއްޔެވެ؟  

ފިރިންނަށް އޮތީ މަޣްރިބް ނަމާދުން ފައިބައިގެން ގެއަށް ގޮސް ދެފައިވައްކޮށްލާފައި ނުވަތަ ބޮޑުގޮނޑީގައި އިށީނދެފައި ސުފުރާއަށް ކާނެތަކެތި ގެންނަން އަނބިމީހާއަށް އަމުރުކުރުމެއް ނޫނެވެ. އަނބިމީހާއަށް މަޣްރިބް ނަމާދުނުކުރެވިހުރިނަމަ އޭނާއަށް ނުކުރެވިހުރި މަސައްކަތާއި (ދަރިންބެލުމާއި) ޙަވާލުވެ އަނބިން ލައްވައި ނަމާދުކުރުމެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ނިކަން މިއަދުން ފެށިގެންވެސް މިފަދައިން ޢަމަލުކޮށްލައިބަލާށެވެ! ދިރިއުޅުމަށް އަންނަ ހެޔޮބަދަލު ފެނިގެންދާނެއެވެ. އިން ޝާ ﷲ

 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން