ކޮންމެ މުސްލިމަކުވެސް ކޮންމެ އަހަރަކުވެސް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރަމުއެވެ. ނަމަވެސް ގިނައިން ކުރެވެނީ ދުނިޔަވީ ކަންކަމެވެ. އެގޮތުން ގެދޮރުގައި ކުލަލައި ރީތިކުރުމާއި ހިފައި ގެންގުޅޭތަކެތި ރީތިކުރަމުއެވެ. ގިނަ ބައަކު ގޭގެ ފަރުނީޗަރު އައުކުރެއެވެ. އައު ނުކުރެވޭނަމަ އައުއުރަ ލައްވައެވެ. އަދި ވެވުނުވަރަކުން އައު ހެދުންވެސް ފަހަމުއެވެ.
ހިތާމައަކީ މިފަދަ ހުރިހާ ތަނެއް ރީތިކުރާއިރުވެސް އެންމެ މުހިންމުތަން ރީތި ނުކުރެވޭ ބައަކު ތިބޭކަމެވެ. އެއީ އޭނާގެ ދުލެވެ! ދޫ ރީތިކުރުމަށް ސަމާލުކަން ދެވެނީ ވަރަށް މަދު މީހަކަށެވެ.
އެންމެ ފުރަތަމަ ބުނި ހުރިހާ ކަމެއް ކިތަންމެ ރީތިކުރިނަމަވެސް ދޫ ރީތި ނުކުރެވިއްޖެނަމަ އެމީހާގެ ރޯދަހިފުން ގެއްލިގެންދިއައީއެވެ. ރޯދައިގެ ޘަވާބުން ބޮޑުބައެއް ގެއްލިގެންދިއައީއެވެ. ހިފާ ރޯދަ ޤަބޫލުފުޅު ކުރައްވަވާނެކަމާއިމެދު ސުވާލު އުފެދޭ ޙާލަތަށް ކަންކަން ދިއައީއެވެ.
ދުލުން ނުބައިބަސްތައް ބުނެވެނީ އެމީހެއްގެ މައްޗަށް ޝައިޠޯނާގެ ބާރުގަދަވުމުންނެވެ. އެހެނީ ފުރިހަމަ މުއުމިނެއްގެ ދުލުން ނުބައި ބަސްތަކެއް ނުބުނެވޭނެއެވެ. އެހެން މީހުންގެ ހިތުގައި ޖެހި އަނިޔާލިބޭފަދަ ބަސްތަކެއް ނުބުނެވޭނެއެވެ. ރުޅިވެރި ބަސްތަކެއް ނުބުނެވޭނެއެވެ. އެމީހާގެ ބަސްމަގު ރިވެތިކުރާނެއެވެ. ދުލުގެ މައްޗަށް ބާރު ހިންގާނެއެވެ!
މިއަދު ގިނަ ބައަކު ބަސްބުނެ އުޅެނީ ހަމައެކަނި ދުލަކުން ނޫނެވެ. ސޯޝަލްމީޑިއާގައިވެސް ބަސްތައް ބުނެހަދަމުއެވެ. އެއީވެސް ހަމަ ބުނެވޭ ބަސްތަކެވެ. ދުލުން ބުނުމުން ފަތުގައި ލިޔުއްވަވާފަދައިން އެބަސްތައްވެސް ހަމަ ފަތުގައި ލިޔުއްވަވާނެތެވެ! ނުބައި ބަސްތައް ހާމަކުރުމުން ފާފައިގެ ކޮޅަށް ބަރުވެގެންދާނެއެވެ.
ވީމާ ރަމަޟާން މަހަށް ކުރިމަތިލައި، އެމަސްފެށި ރޯދަހިފަމުންދާއިރު އަވަހަށް ތިބާގެ ދޫ ރީތިކުރާށެވެ! ދުލުން ހެޔޮ ބަހެއް ނޫނީ ނުބުނަން ޢަޒުމް ކަނޑައަޅާށެވެ! ހިފާ ރޯދަ ރޯދައަކަށްވާނީ އެއިރުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން