ކުރިއަށް މިދަނީ ޤުރްއާނުގެ މައްސަރެވެ. މިހައިތަނަށް އިހްމާލުވެވިފައި އޮތަސް ދެންވެސް އަވަސްވެގަންނަންވީ ހުރިހާ ގޮތަކުންވެސް ޤުރްއާނާއި ގުޅުން ބަދަހިކުރުމަށެވެ. އެކަން ކުރެވޭނީ ކިޔަވައި މާނަވެސް ކިޔައި އަދި ޢަމަލުވެސްކޮށްގެންނެވެ.
ދަރުސަށް ފެށުމުގެ ކުރިން ކޮންމެރެއަކުހެން ފެންނަ ކަމެއްގެ ވާހަކަ ބުނެލާނަމެވެ.
އޭނާ ކޮންމެ ރެއަކުހެން ދެނަމާދުދޭތެރޭގައި މިސްކިތުގައި އިނދެގެން ކުރާކަމަކީ ކީރިތި ޤުރްއާނުގެ މާނަ ކިޔުމެވެ. އޭނާ ބުނީ އެހެން ވަޤުތުތަކުގައި މުޞްޙަފުން ކިޔަވާ ކަމަށެވެ. އަދި އެވަޤުތުކޮޅު ތަރުޖަމާ ކިޔުމަށް ޚާއްޞަކުރަނީ މިސްކިތުގައި އެކަނި އިނދެ މާނަ ކިޔުމުން ފަހުމްވާލެއް ބޮޑުވާތީކަމަށެވެ.
މިވާހަކަކޮޅު މިބަޔާންކުރީ ވަކިވަޤުތެއްގައި ކީރިތި ޤުރްއާނުގެ ތަރުޖަމާ ކިޔަން ބާރު އަޅާކަށް ނޫނެވެ. އެމީހަކަށް އެންމެ ފަސޭހައިން އެންމެ ރަނގަޅަށް ފަހުމްވާނެ ވަޤުތެއްގައި އެކަން ކުރުމުން އެއޮތީ އެކަން ރަނގަޅު ވަޤުތުގައި ކުރެވިފައެވެ. ބޭނުމަކީ މާނަ އެނގި ޢަމަލުކުރާ މީހަކުކަމުގައިވުމެވެ. މުފްތީ ވިދާލުވެފައިވާ މައްސަލައިން ސަލާމަތްވެވޭނެ މީހަކު ކަމުގައިވުމެވެ.
މުފްތީގެ ބަސްފުޅު:
އަހުރެން އަބަދުވެސް ބުނަމެވެ. އަހުރެންގެ
ކުރިމަތީގައި އެންމެ މުހިންމުކަން ބޮޑު އަމަލަކީ ތަޖްވީދުމަގުން ޤުރްޢާން ކިޔަވަން އެނގުމެވެ. ދެން ޤުރްއާނުގެ މާނަ އެނގުމެވެ. އެއީ މިބަޔާންކުރާ ސަބަބުތަކަށްޓަކައެވެ.
ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ އެއީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް ކަމަށެވެ. އެއީ ހަމަ ވަރަށް މޮޔަ ޚިޔާލެކެވެ. އެއީ ކުރަން އެހައި ފަސޭހަ ކަންކަމެއް ނޫނެވެ. ތިބާއަކީ ދުވާލަކު 100 ފަހަރު ޝަހާދަތް ކިޔަމުން ދިއަ މީހެއް ނަމަވެސް އެއަށް އަމަލު ނުކުރާނަމަ ތިބާއަކަށް (ކައްވަޅުގައި ކުރެވޭ ސުވާލަށް) ޖަވާބެއް ނުދެވޭނެއެވެ. ބުނަން ޖެހޭނީ އަދި ބުނެވޭނީ ޝަހާދަތް ނުކިޔައި އުޅުނު މީހުންވެސް ބުނާ ގޮތަށެވެ. "ތިއަ ކަހަލަ ވާހަކަތަކެއް އަޑު އެހީމެވެ. ނަމަވެސް ޔަޤީނެއް ނޫނެވެ. އަހަރެންވެސް އެއްޗެތިތަކެއް ކިޔައި އުޅުނީމެވެ." މިފަދަ ދެކޮޅު ނުޖެހޭ ޖަވާބެކެވެ.
ޝަހާދަތް ކިޔައި އުޅުނު ނަމަވެސް މިހާލަތަށް މީހާ ވެއްޓިގެން އެދަނީ ކީއްވެގެން ހެއްޔެވެ؟ އެންމެ ބޮޑު ސަބަބަކީ ތިބާ ޢާއި ކީރިތި ޤްރްއާނާއި އޮތް ދުރުކަމެވެ. ތިބާ ކީރިތި ޤްރްއާން ކިޔަވައި އުޅުނު ނަމަވެސް އެއިގައި ބަޔާންވެގެންވާ ބަސްފުޅުތަކުގެ މާނަ ތިބާއަށް ނުއެނގޭ ކަމެވެ. މިކިޔެނީ ކީކޭކަން ނުއެނގޭ ކަމެވެ. ކީރިތި ޤްރްއާނުގެ މާނަ ތިބާއަށް އެމގި ޤަބޫލްކުރެވޭނަމަ ތިބާ އެއަށް ޢަމަލުކުރާނެއެވެ.
ރަނގަޅަށް ވިސްނާށެވެ! ކީރިތި ޤްރްއާނުގެ މާނަ ލިޔެވިފައި ނެތް ބަހެއް މިހާރު އޮންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހައިވެސް ގިނަ ބަސްތަކުން ވަނީ ލިޔެވިފައެވެ. ވީއިރު ޢަރަބި ބަސް ނުއެނގުމަކީ އުޒުރަކަށް ދެއްކޭނީ ކޮންފަދައަކުން ހެއްޔެވެ؟ ތިބާއަށް ސިކުނޑި ދެއްވަވައި ވިސްނުމުގެ ބާރު ދެއްވެވީ މިކަންކަމަށް ވިސްނުމަށެވެ. ވީމާ މިވެނި ޝައިޚަކު މިހެން ބުނި، މިވެނި ކަމެއް ކުރަން ހަދައިގެން ވަގުތު ނުވީ، ނޫނީ މިވެނި އެވެނި ކަމެއް މެދުވެރިވީ ކަމަށް ބުނެ އެދުވަހުން ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ.
މިސްތަކުންނޭވެ! ހަމައެކަނި ދަރުސް އަޑުއަހައިގެންވެސް ސަލާމަތެއް ނުވެވޭނެއެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ދަރުސް އަޑުއެހުމަކީ މައުލޫމާތާއި ހޭލުންތެރިކަން އިތުރުވާނެ ސަބަބެކެވެ. އެހެންކަމާއިއެކުވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ ކީރިތި ޤްރްއާން އުނގެނުމެވެ.
އަހަރެމެންނަކަށް ވަޙީ އެއް ނުފޮނުއްވަވާނެއެވެ. ކީރިތި ޤްރައާނާއި ހަމައިން ވަޙީ ބާވައިލައްވަވައި މިވަނީ ނިމިފައެވެ. އަހަރެމެންނަށް އޮތީ ކީރިތި ޤްރްއާނުގައިވާ އެއްޗެއް އުނގެނި ދަސްކޮށް ޢަމަލުކުރުމެވެ. އެކަން ނުކުރާ މީހާއަކީ ހަޤީޤަތުގައި ދުނިޔޭގައި އެންމެ ބޮޑު މޮޔަ މީހާއެވެ! އެހެނީ އެމީހާ ހިމެނެނީ އެމީހާގެ ހަށިގަނޑު ކައްވަޅުގެ ޢަޛާބުންނާއި ނަރަކައިގެ އަލިފާނުން ސަލާމަތްކުރަން ބޭނުން ނުވާ މީހެއް ކަމުގައެވެ. ނިކަން ބުނެބަލާށެވެ! އެ މީހާއަށްވުރެ ވަކިން މޮޔަކަން ބޮޑު މީހަކު ހުންނާނެ ހެއްޔެވެ؟
ތިބާ މަރުވުމުން ވަޅުލެވުމާއިއެކު މަލާއިކަތް ބޭކަލުން ވަޑައިގެން ތިބާ އާއި ކުރައްވަވާ ސުވާލުތަކަށް ޖަވާބުދޭން ޖެހޭނެ ކަމަށާއި ނުދެވިއްޖެ ނަމަ ދެން ވާނެ ގޮތް ރަސޫލް (ﷺ)ގެ ހަދީޘްފުޅުތަކުން އެހެރީ އެނގޭށެވެ. އެކަންކަމަށް ޝައްކު ކުރުމުގެ އެއްވެސް ޖާގައެއް ނެތެވެ.
- މުފްތީ މެންކުގެ ދަރުސަކުން