ކޮންމެ މީހަކުވެސް ގެއަށް ވަނުމަށްފަހު ފުރަތަމަ ކަމަކަށް ގެތަޅުލައެވެ. އެކަންކުރަނީ ވަގުންގެ ކިބައިން ގެ ސަލާމަތްކުރާށެވެ! އެހެންވެ އެއްވެސް މީހަކު ވަގަކު ގެއަށް ވައްދާފައި ގެތަޅެއް ނުލާނެއެވެ. އެކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭނެއެވެ.
ނަމަވެސް ގިނަބައަކަށް އެއަށްވުރެ މާބޮޑުކަމަކަށް ދަނީ ފަރުވާކުޑަކުރެވެމުންނެވެ. ގިނަ ބައަކު އެއްވެސް ސަމާލުކަމެއްވެސް ނުދެއެވެ. އެކަމަކީ އިބިލީސް ގެއަށް ވެއްދޭކަމެވެ. އިބިލީސް ގެއަށް ވައްދާފައި ގެ ތަޅުލެވޭކަމެވެ.
އިބިލީހަކީ އެންމެ ހިނދުކޮޅެއްވެސް ބޭކާރުކޮށްލާ އެއްޗެއް ނޫނެވެ. ގެއަށްވަދެވުމާއިއެކު ޢާއިލާ ފަސާދަކުރަން ފަށައެވެ. ދެމަފިރިންގެ މެދުގައި ފިތުނަ އުފައްދުވައި މައްސަލަތައް ޖައްސުވަން ފަށައެވެ. ދަރިންނަސް ވަސްވާސްދީ މަގުފުރައްދުވަން ފަށައެވެ.
އިބިލީހަށް ގެއަށް ވަދެވެނީ ގެއަށް ވައްދާތީއެވެ! ނޫންނަމަ ނުވަދެވޭނެއެވެ. އިބިލީސް ހުއްޓުވޭނެ މަގު އޮތީ ފެންނާށެވެ! އެނގޭށެވެ!
ގެއަށް ވަނުމުގެ ކުރިން ޛިކުރު ނުކޮށްފިނަމަ ފަހަތުން އިބިލީސް ވަދެ ގެއިން ޖާގަ ހޯދައެވެ. ކެއުމުގެ ކުރިން ޛިކުރު ނުކޮށްފިނަމަ ކާތަކެތިން ޝައިޠާނުން ކައި ހަދައެވެ. ނަމާދަށް ފެށުމުން ނަމާދުކިޔާތަކެތި އޮޅުވާލަން މަސައްކަތް ކުރެއެވެ. ނަމާދުގައިކުރާ ކަންކަން އޮޅުވައިލުމާއި ހަމައަށް ވަސްވާސްތައް ހިތަށް ވައްދުވައެވެ.
މި ކަންކަމުން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެއިރުވެސް ޝައިޠޯނުންތައް ގެއަށް ވަނަނުދޭން ދޭންޖެހޭ ސަމާލުކަން މިއޮންނަނީ ނުދެވިފައެވެ. އެކަމަށް ވިސްނައިވެސް ނުލެވިފައެވެ.
މީހަކު މަރުގެ އިންޒާރު ދީފިނަމަ އިންތިހާއަށް ބިރުގަނެ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައެވެ. މުދަލަށް ގެއްލުން ދޭނެ ކަމަށް ބުނެފިނަމަ މުދައު ރައްކައުތެރުކުރުމަށް ފިޔަވަޅު އަޅައެވެ. ގެއަށް ނުވަތަ މުދަލަށް ނުވަތަ ތިމާއަށް ގެއްލުން ދޭނެ ކަމަށް ބުނެފިނަމަ ވަށައިގެން ކެމެރާތައް ހަރުކުރުމުގެ އިތުރުން ފާރަވެރިންވެސް ބައިތިއްބައެވެ. ގޭތެރެއަށް ވެއްދެން ހުންނަ ހުރިހާއެއްޗެއް ގެއަށް ވައްދައި ތަޅުލައެވެ.
ތިމާ އާއި މުދައު ރައްކައު ތެރިކަމުގެ ގޮތުން މިފަދަ ހުރިހާ ފިޔަވަޅުތަކެއް އަޅަމުން ގެންދިއަ ނަމަވެސް ﷲ ތަޢާލާގެ އިންޒާރުތަކަށް ބިރުން އެޅެނީ ކޮން ފިޔަވަޅެއް ހެއްޔެވެ؟ ޝައިޠާނާ އަކީ އެންމެހައި މީސަތަކުންގެ ދުޝްމިނެއް ކަމާއި އަދާވާތްތެރިއެއް ކަމާއި މަގު ފުރައްދަން މަސައްކަތް ކުރާނެ ކަމާއި މިފަދަ ހުރިހާ އެންގެވުންތަކެއް ކީރިތި ޤްރައާނުގެ އާޔަތަކުގައި ބަޔާންކުރައްވަވާފައިވާއިރުވެސް އެ އިންޒާރުތަކަށް ސަމާލުކަން ދެވޭ ހެއްޔެވެ؟
އާދޭސްކޮށްފައި ބުނަމެވެ. ކިތަންމެ ކުޑައިރުކޮޅަކަށް ގެއިން ނުކުތް ނަމަވެސް ޛިކުރުތައް ކިޔަން އާދަކުރާށެވެ! އަދި އެނބުރި ގެއަށް ވަންނަމުން ކިޔަންހުރި ޛިކުރުތައްވެސް ކިޔާށެވެ! ޝައިޠޯނުންތަކުގެ ކިބައިން ސަލާމަތް ނުވެވި ދުނިޔޭގެ ދިރިއުޅުންވެސް އަދި އާޚިރަތްވެސް ސަލާމަތެއް ނުކުރެވޭނެއެވެ. ޒަވާޖީ ޙަޔާތްވެސް ކުރިއަކަށް ނުގެންދެވޭނެއެވެ. ރަނގަޅު ގޮތުގައި ދަރިންވެސް ތަރުބިއްޔަތެއް ނުކުރެވޭނެއެވެ.
ޛިކުރުތައް ކިޔަން އާދަވަންދެން ނަމަވެސް ދޮރުގެ އެތެރޭގައި ގެއިން ނުކުންނަމުން ކިޔާ ދުޢާ އާއި ޛިކުރުތައް އަދި ދޮރުން ބޭރުގައި ގެއަށް ވަންނަމުން ކިޔާއާއި ޛިކުރުތައް ލިޔެ ތަތްކޮށްގެންނަމަވެސް މިއީ ކުރަންޖެހިފައިވާ ކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން