ދުނިޔޭގައި އިންސާނުން ކައިބޮއި އުޅޭ ތަކެއްޗާއިމެދު ނިކަން ވިސްނައިބަލާށެވެ! ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވަނީ ވަރަށް މަދު ބާވަތެކެވެ. ގިނަ ތަކެތި ވަނީ ހުއްދަކުރައްވަވައިފައެވެ.
މީގެ އިތުރުންވެސް ވިސްނައިލާށެވެ! އިންސާނުންގެ ޞިއްޙަތަށް ފައިދާ ކުރާނެ އެއްވެސް އެއްޗެއް ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައި ވޭހެއްޔެވެ؟ ނުވާކަން ކަށަވަރެވެ. މިއީ މިއަދުގެ ސައިންސްވެރިންނާއި ޑޮކްޓަރުން އިއްތިފާޤްވާ ކަމެކެވެ.
މީސްތަކުންނޭވެ! ﷲ ތައާލާ ޙަރާމް ކުރެއްވެވި ތަކެތި ކައި ބޮއި ހެދުމަކީ ކުޑަ ފާފައެއް ކަމަށް ނުދެކޭށެވެ. އަދި އެކުރެވެނީ ކުޑަ ކަމެއް ކަމަށްވެސް ނުދެކޭށެވެ! ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ކޮންމެ ކަމެއް ކުރުމަކީވެސް ﷲ ތަޢާލާގެ ޙަޟްރަތަށް ގޮންޖެހުމެވެ.
ހަމަ އެއާއިއެކު ޙަލާލް ނޫން ގޮތުގައި ފައިސާ ހޯދައިގެން ޙަލާލްތަކެތި ގަނެގެން ކައިބޮއި ހެދުމުން ވެސް ކައިބޮއި އެ ހެދެނީ ހަމަ ޙަރާމް ތަކެއްޗެވެ. ބަނޑަށް އެލެވެނީ ހަމަ އަލިފާނެވެ. މިފަދަ ހުރިހާ ކަންކަމެއް އެ ކުރެވެނީ ހަމަ ޝައިޠާނާގެ މަގުގައި ހުރެވޭތީއެވެ. މިފަދަ ކަންކަން ކުރާ ކޮންމެ މީހަކަށް އެދެވެނީ ނަރަކަ އާއި ކައިރިވެވެމުންނެވެ.
މީސްތަކުންނޭވެ! ވިނިގާ ފަދަ ތަކެއްޗަކީ ކެއްކުމުގައި މުސްލިމުންވެސް ބޭނުންކުރާ ތަކެއްޗެވެ. ވިނިގާ އުފައްދަމުން ގޮސް މިހާރު ވައިން ހުންނަ ވިނިގާ އުފައްދައިފިއެވެ. އެފަދަ އެއްޗެއް ބޭނުން ކުރުމުން ރަހަ ކޮންމެވެސް ވަރަކަށް މީރުވެސް ވެދާނެއެވެ. ސުވާލަކީ ތިމާއަށް ޙަލާލް ނޫން އެއްޗެއް ބޭނުންކޮށް އަދި އެފަދަ ތަކެތި ދަރިންނަށް ކާން ތިއަ ދެނީ މިކުރެވެނީ ކިހައިވަރެއްގެ ފާފައެއްކަން ނުވެސް އެނގި ހެއްޔެވެ؟ އެފަދަ ރަހަތަކަށް ކުދިން ހޭނުވުމުން އެކުދިން އަމިއްލައަށް ކައްކާއިރު އެފަދަ ތަކެތި ބޭނުންކުރާނެކަން ހަމަ ނުއެނގެނީ ހެއްޔެވެ؟ ތިއަ މަސައްކަތް ކުރަނީ ތިމާ އާއިއެކު އަނބިދަރިން ވެސް ގޮވައިގެން ނަރަކައަށް ވަންނަން ހެއްޔެވެ؟
މިފަދަ ނަޞޭޙަތް ދިނުމުން ދޮގުކުރާ، ނުވަތަ ޤަބޫލުކުރާ މީހުން ހަމައެކަނި މި 3 އާޔަތަށް ބަލައި ވިސްނައިލި ނަމަވެސް ފުދޭނެއެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުންގެ އަމިއްލަ ނަފްސްތަކާއި، ތިއަބައިމީހުންގެ އަހްލު ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރު ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ." (އަލްތަޙްރީމް: 6)
"އަދި ﷲ އަށް ތަޤްވާ ވެރިވާށޭ އެމީހާ އާ ދިމާއަށް ބުނެފިނަމަ، ފާފަވެރިވެގަތުމުގެ ބޮޑާކަން އައިސް އޭނާގައި ހިފަތެވެ. ފަހެ، އެމީހާއަށް ނަރަކަ ފުދެއެވެ. އަދި ހަމަކަށަވަރުން، އެ ތަންމަތީގެ ހުރި ނުބައިކަމުގެ ބޮޑުކަމާއެވެ!" (ބަޤަރާ: 206)
"ކާފިރުވި މީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ތިއަބައިމީހުން (ދުނިޔޭގައި) ދެރަކޮށް، ބަލިކޮށްލައްވާހުށްޓެވެ. އަދި (އާޚިރަގައި) ތިޔަބައިމީހުން ނަރަކައަށް އެއްކުރައްވާހުށްޓެވެ. އަދި، އެ ތަންމަތީގެ ހުރި ނުބައިކަމާއެވެ!" (އާލްޢިމްރާން: 12)
- ނޫމާން ޢަލީ ޚާންގެ ދަރުސަކުން