ގިނަބައަކު ކޮންމެކަމެއްގައިވެސް އިސްކަންދެނީ ބޭރުފުށަށެވެ. ރޫޙާނީ ބައާއިމެދު ވިސްނައިލަނީވެސް ވަރަށް މަދުމީހެކެވެ. ކައިވެނި ކުރުމުގައި ގިނަ ބައަކަށް ޢަމަލުކުރެވެނީ އެގޮތަށެވެ. އެއީ އެންމެ ދެރަކޮށް ކުރެވޭ ކަންތަކެވެ.
މިޒަމާނުގައި 15 އަހަރުވާއިރު އަންހެންކުދިން އެބަ ކައިވެނިކުރަން ބޭނުންވެއެވެ. ސަބަބެއް ކަމަށް ބުނަނީ ޙަރާމް ކަމެއް ކުރެވިދާނެ ކަމުގެ ބިރަށް ކަމަށެވެ. ޙަރާމްކަމެއް ކުރަން ބޭނުން ނުވާތީ ކަމަށެވެ.
އެކުދިން އެބުނާ ސަބަބު ކިތަންމެހައިވެސް ފުރިހަމައެވެ. ނަމަވެސް ބަލާލަންޖެހޭ ކަމެއް އެބައޮތެވެ. އެއީ ތިމާގެ ހިތް އޮތް ޙާލެވެ. ހިތުގައި ﷲ ތަޢާލާއަށް ލޯބިދެވިފައިވާ މިންވަރެވެ! ދެން ކައިވެނިކުރެވޭ މީހާގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި އޮތް މިންވަރެވެ.
މިކަންކަމަށް ނުބަލައި ކައިވެނިކޮށްފިނަމަ މީހާގެ މުޅި ދިރިއުޅުން ބޮޑު ޠޫފާނަކަށްވެގެން އެބަދެއެވެ. މީހާ ﷲ ތަޢާލާގެ މަގުން ކައްސާލައިގެން އެބަދެއެވެ. ދުނިޔެއާއި އާޚިރަތް ގެއްލިގެން އެބަދެއެވެ. އިސާހިތަކު ކައިވެނި ރޫޅިގެން ދިއުމުން ދުނިޔެއަށް ގިނަވެ އެބަ ބާކީވެއެވެ. ކައިވެނީގެ ކުރިން ވީ ލޯބިން އެޅުނު ކަތި ފިޔަވަޅުގެ ސަބަބުން ކުރަންޖެހޭ ހިތާމަ އެތައް ގުނައަކަށް ބޮޑުވެގެން އެބަދެއެވެ.
ވީމާ ކިތަންމެ އަވަހަށް ކައިވެނިކުރަން ބޭނުންވިނަމަވެސް ތިމާގެ ހިތް ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ދެވިފައިވާކަން ޔަޤީންކުރަންވާނެއެވެ. އަދި ﷲ ތަޢާލާއަށް ހިތްދެވޭ މިންވަރަށްވުރެ ބޮޑަށް އެއްވެސް އިންސާނަކަށް ހިތް ދެވިގެންނުވާނެއެވެ.
ފުރަތަމަ ކަމަކަށް ކައިވެނިކުރާއިރު އަންހެނުންވެސް އަދި ފިރިހެނުންވެސް ތިމާ ކައިވެނިކުރާ މީހާގެ ކިބައިގައި ހުންނަ ސިފަތައް ދެނެގަންނަންވާނެއެވެ. އެއީ ބޭރުފުށުގެ ސިފަތަކެއް ނޫނެވެ. އެމީހަކު ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާ މިންވަރެވެ. ﷲ ތަޢާލާއަށް ބިރުވެތިވާ މިންވަރެވެ. އެކަންކަމަށް ބަލައިގެން ކައިވެނިކޮށްފިނަމަ އެކައިވެނި ރޫޅުނު ނަމަވެސް ﷲ ތަޢާލާ އެމީހަކަށް ރަޙްމަތް ލައްވަވާނެތެވެ. މާހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން