މިއީ ކުއްލި މުސީބާތްތަކާއި، އެސްފީނާއާއި، ހަސަދަވެރިކަމާއި، ސިހުރު އަދި ބަލިމަޑުކަމުން ރައްކާތެރިކޮށްދޭނޭ ފައިދާހުރި ޛިކުރެއް!: ޝައިޚް ސުލައިމާން އައްރުޙައިލީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 55ސ
މިއީ ކުއްލި މުސީބާތްތަކާއި، އެސްފީނާއާއި، ހަސަދަވެރިކަމާއި، ސިހުރު އަދި ބަލިމަޑުކަމުން ރައްކާތެރިކޮށްދޭނޭ ފައިދާހުރި ޛިކުރެއް!: ޝައިޚް ސުލައިމާން އައްރުޙައިލީ

ޢާއިޝަތު ރަފާޙް ޢަލީ 

ގިނަ ބަޔަކު ހަނދާން ނެތިފައިވާ، ނަމަވެސް ކޮންމެ މުސްލިމަކުވެސް އެއިން ރައްކާތެރިކަން ހޯދުން މުހިންމު މަތިވެރި ޛިކުރުތަކުގެ ތެރޭގައި ހެނދުނާއި ހަވީރު މި ދުޢާ ކިޔުން ހިމެނެއެވެ: 

"بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ"

(ﷲގެ އިސްމުފުޅުގެ ބަރަކާތުން ރައްކާތެރިކަން ހޯދަމެވެ. އެކަލާނގެ އިސްމުފުޅާއެކު ބިމާއި އުޑުގައިވާ އެއްވެސް އެއްޗަކަށް ގެއްލުމެއް ނުދެވޭނެއެވެ. އަދި އެކަލާނގެއީ ހުރިހާ އެއްޗެއް މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.) 

ޢުޘްމާން ބިން ޢައްފާން رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: "ކޮންމެ ދުވަހެއްގެ ހެނދުނު އަދި ކޮންމެ ރޭގަނޑެއްގެ އިރުއޮއްސޭ ވަގުތު، ތިން ފަހަރު މި ދުޢާ ކިޔައިފި އަޅަކަށް، ބިމުން ނުވަތަ އުޑުން އަންނަ އެއްވެސް އެއްޗަކުން ގެއްލުމެއް ނުލިބޭނެއެވެ." 

މި ޙަދީޘް ރިވާކުރެއްވި އަބާން ބިން ޢުޘްމާންގެ ހަށިކޮޅުގެ އެއްފަޅިން ވާގިނެތުމުގެ ބަލި ޖެހިފައިވަނިކޮށް، މީހަކު އެކަލޭގެފާނާ ދިމާއަށް ބަލަން ހުއްޓެވެ. އެހިނދު އަބާން ވިދާޅުވިއެވެ: "ތިޔަ ބަލަނީ ކީއްވެ ހެއްޔެވެ؟ ﷲ ގަންދީ ބުނަމެވެ. އަހަރެން ޢުޘްމާން رضي الله عنه ގެ އަރިހުން މި ޙަދީޘް އިވުނީ ތެދަށެވެ. ނަމަވެސް، މިކަން (ވާގިނެތުން) މެދުވެރިވި ދުވަހު އަހަރެން އެ ދުޢާ ކިޔަން ހަނދާން ނެތުނީއެވެ. އެއީ ﷲގެ މިންވަރުފުޅު ތަންފީޛުވުމަށްޓަކައެވެ." މި ޙަދީޘް ރިވާކުރެއްވީ ތިރްމިޛީއާއި އަބޫ ދާއޫދެވެ. އަދި އަލްބާނީ މި ޙަދީޘް ޞައްޙަ ކުރެއްވިއެވެ. 

އަބޫ ދާއޫދުގެ ރިވާޔަތުގައިވާ ގޮތުން، މި ދުޢާ ހެނދުނު ތިން ފަހަރު ކިޔައިފި މީހަކަށް، ހަވީރުވަންދެން ކުއްލި މުސީބާތެއް ކުރިމަތިނުވާނެއެވެ. އަދި ހަވީރު ތިން ފަހަރު ކިޔައިފި މީހަކަށް ހެނދުނުވަންދެން ކުއްލި މުސީބާތެއް ކުރިމަތިނުވާނެއެވެ. ޒުވާނުންނާއި މުސްކުޅިންނަށް ކުއްލި މަރުތަކާއި ނުރައްކާތެރި ބަލިތައް ގިނަވެފައިވާ މިފަދަ ޒަމާނެއްގައި، މިފަދަ ފަސޭހަ ޛިކުރުތަކުން ރައްކާތެރިކަން ހޯދުން ނުހަނު މުހިންމެވެ. ފަތިސް ނަމާދަށްފަހު ތިން ފަހަރު އަދި ޢަޞްރު ނުވަތަ މަޣްރިބް ނަމާދަށްފަހު ތިން ފަހަރު ކިޔުމަށް އާދަކުރާށެވެ. 

މީގެ އިތުރުން، ﷲގެ ފުރިހަމަ ކަލިމަފުޅުތަކުން ރައްކާތެރިކަން ހޯދުމަކީވެސް ސުންނަތުން ސާބިތުވާ ކަމެކެވެ. އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ: ރަސޫލުﷲ صلى الله عليه وسلم، ޙަސަންގެފާނާއި ޙުސައިންގެފާނަށް ރައްކާތެރިކަން އެދިވަޑައިގެން ދުޢާ ކުރައްވައެވެ. އަދި ޙަދީޘްކުރައްވައެވެ: "ތިޔަ ކުދިންގެ ކާފަ (އިބްރާހީމްގެފާނު)، އިސްމާޢީލްގެފާނާއި އިސްޙާޤްގެފާނަށް ރައްކާތެރިކަން އެދިވަޑައިގެން މިފަދައިން ދުޢާ ކުރައްވައެވެ:  

أُعِيذُكُمَا بِكَلِمَاتِ اللَّهِ التَّامَّةِ، مِنْ كُلِّ شَيْطَانٍ وَهَامَّةٍ، وَمِنْ كُلِّ عَيْنٍ لَامَّةٍ"

(ﷲގެ ފުރިހަމަ ކަލިމަފުޅުތަކުން، ކޮންމެ ޝައިޠާނެއްގެ ކިބައިންނާއި، ވިހަގަދަ ސޫފިތަކުގެ ކިބައިންނާއި، ގެއްލުންދެނިވި ކޮންމެ އެސްފީނާއަކުން ތިޔަ ދެކުދިންނަށް ރައްކާތެރިކަން އެދެމެވެ.) މިއީ ބުޚާރީގެ ރިވާޔަތެކެވެ. 

- ޝައިޚް ސުލައިމާން އައްރުޙައިލީ ގެ ދަރުސަކުން

 

 

                   

މިއަދު އޮންލައިން