ރަމަޟާންމަސް ދާދިއަވަހަށް ނިމިދާނެ! ދިންނަވާނޭ ނަޞީބުވެރިއަކަށްވުމަށް އެދިގެން މިމަގުން ޢަމަލުކުރަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 43ސ
ރަމަޟާންމަސް ދާދިއަވަހަށް ނިމިދާނެ! ދިންނަވާނޭ ނަޞީބުވެރިއަކަށްވުމަށް އެދިގެން މިމަގުން ޢަމަލުކުރަމާ!

ދަންނާށެވެ! ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމާއި އެއިލާހުގެ ރުއްސެވުން ލިބުމަކީ އެންމެ ފައިދާހުރި ކަމެވެ. ސުވަރުގެ ވަށާލެވިފައިވަނީ ހިތް ނޭދޭ ކަންކަމުންނެވެ. އަދި ނަރަކަ ވަށާލެވިފައިވަނީ ޝަހުވަތްތަކުންނެވެ. (މީހާ ހިތްއެދޭނެހައި ކަންތައްތަކުންނެވެ.) 

﴿وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ فَمَنْ زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ﴾ [آل عمران: 185]

މާނައީ: "އަދި (ތިޔަބައިމީހުން ކުޅަ ޢަމަލުތަކަށް) ފުރިހަމައަށް ޖަޒާދެއްވާނެކަން ކަށަވަރީ ޤިޔާމަތް ދުވަހުންނެވެ. ފަހެ ނަރަކައިން އެއްކިބާ ކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ.) ފަހެ އެމީހަކު ނަސީބު ލިބިގެންފިކަން ކަށަވަރެވެ." 

މިއީ ޣަނީމާއެކެވެ. މިލިބިގަތުމަށް އަވަސްވެގަންނާށެވެ. ފަހެ، ހަމަކަށަވަރުން މިމަތިވެރި މައްސަރު މިދަނީ އުނިވަމުން ނިމެމުންނެވެ. މިމަހުގެ ރޭތަކާއި ދުވާލުވަނީ ޝަރަފުވެރިވެގެންނެވެ. ފަހެ، މިމަހުގެ ބާކީއޮތް ބައިގައި ހެޔޮ ޢަމަލުތައް ކުރާށެވެ. އަދި މަތިވެރިވެގެންވާ ތައުބާއިން ތައުބާވުމަށް އަވަސްވެގަންނާށެވެ. 

ޢަމަލުތައް ވަނީ އޭގެ ނިމުމާ އެއްގޮތަށެވެ. ފަހެ، ގަދައަޅާ މަސައްކަތްކުރާށެވެ. މަދު ދުވަސްކޮޅެއް މެނުވީ ނެތެވެ. ތިޔަބައިމީހުންގެ ކުރިމަތީގައި ވަނީ ފަހުދިހައެވެ. އެއީ އެންމެ މާތް ވަގުތުތަކެވެ. އަދި ހެޔޮކަމާއި ކިޔަމަންތެރިކަން އަދާކުރުމުގެ އެންމެ މަތިވެރި މޫސުމެވެ. އަދި ގަދައަޅާ މަސައްކަތްކުރުމަށް އެންމެ އެކަށީގެންވަނީވެސް މިދުވަސްވަރުގައެވެ. 

މި ބަރަކާތްތެރި މަހުގެ ހުރިހާ ދުވަހެއްގައިމެ ކިޔަމަންތެރިކަން އަދާކުރުން ވެއެވެ. އެހެނަސް، ފަހު ދިހައަކީ އެންމެ މަތިވެރިވެގެންވާ، އެންމެ ޤަދަރު އުފުލިގެންވާ، އެންމެ އަޖުރު ބޮޑު ދުވަސްތަކެވެ. އެހެންކަމުން އެހެން އެއްވެސް ދުވަސްވަރެއްގައި މަސައްކަތް ނުކުރައްވާވަރަށް އެދުވަސްތަކުގައި ނަބިއްޔާ صلى الله عليه وسلم ގަދައަޅާ މަސައްކަތްކުރައްވައެވެ. ފަހު ދިހަ އަންނަހިނދު އެކަލޭގެފާނު އިޒާރުކޮޅު ބަނދެލައްވައެވެ. (އެބަހީ: އަޅުކަމަށް ކުރިއަށްވުރެ، ހީވާގިވެ ވަޑައިގަންނަވައެވެ.) އަދި ރޭތައް އިޙްޔާކުރައްވައެވެ. (އެބަހީ: ރޭއަޅުކަމުގައި މުޅިރޭ ހޭދަކުރައްވައެވެ.) އަދި އެކަލޭގެފާނުގެ އަހުލުން (ރޭއަޅުކަންކުރެއްވުމަށް) އަވަހާރަފުޅުން ނަންގަވައެވެ. 

ފަހެ، ފަހު ދިހައިގައި އެއްހާސް މައްސަރަށްވުރެ ހެޔޮވެގެންވާ ރެއެއް ވެއެވެ. އީމާންކަމާއެކު، ﷲ ގެ ޙަޟްރަތުން ދަރުމައާއި ޘަވާބަށް އެދިހުރެ އެރޭ ރޭއަޅުކަން ކޮށްފިމީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވާ ދެއްވާނެއެވެ. 

ހަމަކަށަވަރުން އެއީ ލައިލަތުލް ޤަދްރިއެވެ. މުއުމިނުންގެ އެދުމެވެ. އަދި ޞާލިޙުންނާއި ތަޤުވާވެރިންގެ އުންމީދެވެ. އެ ރޭ، ކަނޑައެޅިގެންވާ ކޮންމެ ކަމެއް ބަޔާންކުރައްވަތެވެ. ފަހެ، އެރޭ ރޭއަޅުކަންކުރުމަށް ފަރުވާތެރިވާށެވެ. އަދި އެރޭގެ ދަރުމައާއި ޘަވާބު ހޯދުމަށް ގަދައަޅާ މަސައްކަތްކުރާށެވެ. އަދި އެރޭ ﷲ އަށް ދުޢާ ދަންނަވާށެވެ. އެރޭގެ އަޅުކަން އެއްހާސް މައްސަރަށްވުރެ ހެޔޮވެގެންވެއެވެ. އެރޭ ލިބިއްޖެމީހަކު އަބާއްޖަވެރިވުން ދުރުވެގެންވެއެވެ. 

* ﴿إِنَّا أَنْزَلْنَاهُ فِي لَيْلَةِ الْقَدْرِ (1) وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ (2) لَيْلَةُ الْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ (3) تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِمْ مِنْ كُلِّ أَمْرٍ (4) سَلَامٌ هِيَ حَتَّى مَطْلَعِ الْفَجْرِ﴾ [القدر: 1-

މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު އެޤުރުއާން ބާވައިލެއްވެވީ ލައިލަތުލް ޤަދްރީގައެވެ. [1] ލައިލަތުލް ޤަދްރިއަކި ކޮބައިކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއް ހެއްޔެވެ؟ [2] ލައިލަތުލް ޤަދްރި އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. [3] މަލާއިކަތުންނާއި ޖިބްރީލުގެފާނު އެބޭކަލުންގެ ވެރިރައްބުގެ އިޛުނަފުޅާއެކު ހުރިހާ އަމުރުފުޅަކައިގެން އެރޭ ފައިބާވަޑައިގަންނަވާނެއެވެ. [4] ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށްދާނދެން އެރޭ ސަލާމަތްކަން ލިބިގެންވެއެވެ.   

- މަސްޖިދުއްނަބަވީގައި ދެއްވާފައިވާ ޚުޠުބާއަކުން 

- މަސްދަރު: ދިސަލަފިއްޔާ

 

މިއަދު އޮންލައިން