ޢަލީ އިޙްޞާން ފިރާޤް
ރަމަޟާން މަހަކީ ކެއުމަށް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ މަހެވެ. ސަމާށލުކަން ނުދެވިއްޖެނަމަ ކުރިމަތިވާ މައްސަލަތައް ގިނަވެގެންދެއެވެ. އެހެންކަމުން އެދެނީ މިކަންކަމަށް ސަމާލުކަން ދެއްވުމެވެ.
ރަމަޟާންމަހު ކެއުމުގެ ވަގުތުތައް އާންމުކޮށް ތިންބަޔަކަށް ބައިކޮށްލެވިދާނެއެވެ. އެއީ ރޯދަވީއްލާގަޑިޔާއި، ތަރާވީސްދަމާއި ހާރުދަމެވެ. ރޯދައަށް ހުންނައިރު ބައެއް މީހުންނަށް ގޭހުގެ މައްސަލަތަކާއި މޭއެންދުންފަދަ މައްސަލަތައް ވަރަށް ގިނައިން ދިމާވެއެވެ. މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި ކެއުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލެއް ގެނެވިދާނެއެވެ. މިލިޔުމުގައި މި ބަލައިލަނީ ހާރުދަމުގެ ކެއުން ބައްޓަން ކުރުމުގައި ގެންގުޅެވިދާނެ ބައެއް ގޮތްތަކަށެވެ.
އިސްލާމްދީނުގެ ނަބިއްޔާ އަޅުގަނޑުމެންނަށް އިރްޝާދު ދެއްވައިފައިވަނީ ހާރުއެކުން ފަސްކުރުމާއި، ރޯދަވީއްލުން އަވަސްކުރުމަށެވެ. އެގޮތުން ވީހާވެސް ފަތިސްނަމާދާ ގާތްކޮށް ހާރުކެއުމަކީ ވަރަށް މުހިންމުކަމެކެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި އެކަލޭގެފާނުގެ ޞަޙާބީން ޢަމަލުކުރައްވައިފައިވަނީ މިފަދައިންނެވެ. ޒައިދު ބިން ޘާބިތު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. [ތިމަންބޭކަލުންނާއެކު (ހާރު) ފާރީއްކުޅުއްވުމަށްފަހު މާތް ރަސޫލާ މިސްކިތަށް ނަމާދަށް ވަޑައިގަންނަވައެވެ.] ޒައިދުގެފާނަށް ދެންނެވުނެވެ. [ހާރުކެއުމާއި ބަންގިއާ ދެމެދުގައި ކިހާވަގުތެއް ވޭތޯއެވެ؟] ޒައިދުގެފާނު ވިދާޅުވިއެވެ. [ފަނަރަ އާޔަތްކިޔަވައިލެވޭހާ މިންވަރެވެ.] {އިމާމު ބުޚާރީ، ޞަޙީޙް ބުޚާރީ، ޙަދީޘް ނަންބަރު 1921}
އިސްލާމްދީނުގައި އަންގަވައިފައިވާ މިދެންނެވި އުސޫލަކީ މެޑިކަލީގޮތުންވެސް އެންމެ ރަނގަޅު އުސޫލެކެވެ. އިރާކޮޅު ކާގޮތަށް ރޯދައަށް ހުރުމުގެ ބަދަލުގައި ވީހާވެސް ފަހުން ހާރުކެއުމަކީ މުހިންމު ކަމެއްކަމަށް މިޒަމާނުގެ ޑައިޓީޝަނުން ވިދާޅުވެއެވެ.
އެހެން މަސްތަކާ ޚިލާފަށް ރަމަޟާންމަހު ކޮންމެ ގެއެއްގައިވެސް ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ތައްޔާރުކުރެއެވެ. ރޯދަމަހަށް ހަނދުބެލުމާއެކު ހަވާދުދެވުމާއި، ތަފާތު ބާވަތްބާތުގެ ބަންދުކުރި ކާނާ ގަނެގެން ގެނެސް ކޮށާރު ކުރުމަކީ ވަރަށް ގިނައިން އަޅުގަނޑުމެންކޮށް އުޅޭކަމެކެވެ. ނަމަވެސް ހުނިލައިގެން ހަދާ ހަވާދަކީ އޭގެ ސަބަބުން މޭއެންދުމާއި ގޭހުގެ މައްސަލަތައް ދިމާވުމަށް މަގުފަހިކުރާ އެއްޗެކެވެ. ހުނިނުލާ ހުންނަ ހަވާދުގެ ބާވަތްތައްވެސް ވީވަރަކުން މަދުކުރުމަކީ ވަރަށް މުހިންމުކަކެމެވެ. ހަމައެފަދައިން ތެލުގެބާވަތްތައް މަދުކުރުމަށްވެސް ޚާއްޞަ އިސްކަމެއް ދޭންޖެހޭނެއެވެ. ދަޅުގައި ބަންދުކޮށްފައި ހުންނަ ކާނާގެ ބަދަލުގައި ތާޒާ ތަރުކާރީއާއި މޭވާގެ ބާވަތްތައްވެސް ހިމަނައިލުމަކީ ޞިއްޙަތަށް އެންމެ ފައިދާބޮޑު ގޮތެވެ.
ހާރުދަމުގެ ކެއުމަށް އެންމެ ރަނގަޅު ތަކެއްޗަކީ ލަހުން ހަޖަމުވާތަކެއްޗެކެވެ. އެފަދަ ތަކެއްޗަކީ ލަސްލަހުން އޭގެ އެނާޖީ ދޫކުރާ ނުވަތަ ހަކަތަދޫކުރާ ތަކެއްޗެކެވެ. ހާރުދަމުގެ ކެއުމުގައި މިދަންނަވާ ބާވަތްތައް ހިމަނައިލުމަކީ މުހިންމުކަމެކެވެ.
• ތަރުކާރީ އާއި މޭވާގެ ބާވަތްތައް
• މަހުގެ ބާވަތްތައް
• ގޮވާމުގެ ބާވަތްތައް ނުވަތަ ފަލަމަޑީގެ ބާވަތްތައް
ހާރުދަމުގެ ވަގުތުގައި ބަތް، މުގު، އޯޓްސް، ބާސްމަތީ ރައީސް، ރޮށި، ތޮޅި، ބާރުލީ، ފަދަ ތަކެތި ހިމަނައިލެވިދާނެއެވެ. މިފަދަ ބާވަތްތަކަކީ ލަހުން ހަޖަމުވާ ތަކެއްޗެވެ. ނުވަތަ [ސްލޯ ޑައިޖެސްޓިން ފުޑް] ގެތެރޭގައި ހިމެނޭ ތަކެއްޗެވެ. މިފަދަ ބާވަތްތައް ބޭނުންކުރުމުގެ ސަބަބުން ގިނައިރުވަންދެން ބަނޑުހައިކަން އިހްސާސްނުވެ، ހުރެއެވެ. ހަމައެފަދައިން މަހުގެ ބާވަތްތަކުގެ ތެރެއިން ކޮންމެވެސް ބާވަތެއް ހިމަނައިލުމުން ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން ލިބޭނެއެވެ. ކަނޑުމަސްވެސް ނުވަތަ އެއްގަމުމަސް ވެސް ހިމަނައިލެވިދާނެއެވެ. މީގެ އިތުރަށް ތަރުކާރީއާއި މޭވާގެ ބާވަތެއް ހިމަނައިލެވިދާނެއެވެ.
ފައިބަރުގެ ބާވާތްތައް ކެއުމުގައި ހިމަނައިލުމަކީވެސް ވަރަށް މުހިންމުކަމެކެވެ. ރޯދަމަހުގެ ބައެއް ފަރާތްތަކަށް ބަނޑުހަރުވުމުގެ މައްސަލަތަކާ ކުރިމަތިލާންޖެހެއެވެ. އެފަދަ މައްސަލަތަކުގެ ހައްލަކީ ކެއުމުގައި ފައިބަރުގެ ބާވަތްތައް ހިމެނުމެވެ. ގިނައިން ފައިބަރު ހުންނަ ބާވަތްތަކުގެ ތެރޭގައި، ފެހިކަންގަދަ ފަތް، ގޮވާމުގެ ބާވަތްތަކާއި ފެހިތޮޅި(green beans)، ސްޕިނެޗް(spinach) ހިމެނެއެވެ. މީގެ އިތުރަށް [ޑްރައި ފްރުޓް] ނުވަތަ ހިއްކައިފައި ހުންނަ މޭވާގެ ތެރޭގައި ހިމެނޭ ތީން (fig)، އެޕްރިކޮޓްއަކީވެސް ފައިބަރުން މުއްސަނދިވެފައިވާ ތަކެއްޗެވެ. ތަފާތު ބާވަތްތަކުގެ މަދުންވެސް ފައިބަރު ލިބެއެވެ. އޭގެ ތެރޭގައި އަލްމަންޑްސް ހިމެނެއެވެ.
ހަކުރު ނާޅާ ހުންނަ މޭވާ ޖޫސް ހާރުދަމުގެ ވަގުތުގައި ބުއިމެއްގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ. ގިނައިން ކެފެއިން ހުންނަ ބާވަތްތައް ހާރުދަމުގެ ވަގުތުގައި ދުރުވާންޖެހޭނެއެވެ. އެހެނީ ކެފެއިންއަކީ ހަށިގަނޑުން ކެލްޝިއަމް މަދުކޮށްލާ އެއްޗަކަށްވާތީއެވެ. އޭގެ ސަބަބުން އަވަހަށް ބަނޑުހައިވެ، ވަރުބަލިކަން އިހްސާސްވެއެވެ.
ހާރުދަމުގެ ވަގުތުގައި މޭވާއެއްގެ ގޮތުގައި ރޯކަދުރު ނުވަތަ ރޯކަދުރު ނެތް ހާލަތުގައި ހިކިކަދުރުވެސް ބޭނުން ކުރެވިދާނެއެވެ. އެހެނީ އިސްލާމްދީނުގެ މަތިވެރި ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވައިފައިވެއެވެ. [މުއުމިނާއަށްވާ އެންމެ ރަނގަޅު ހާރަކީ ކަދުރެވެ.] {އަބޫދާވުދު، ޙަދީޘް ނަންބަރު 2345}