ޔޫސުފް ޢަލަހިއްސަލާމް ވިދާޅުވިކަމަށް، މާތް ﷲ ވަޙީކުރެއްވިއެވެ.
﴿ قَالَ ٱجۡعَلۡني عَلَىٰ خَزَآئِنِ ٱلۡأَرۡضِۖ إِنِّي حَفِيظٌ عَلِيمٌ ﴾ يوسف 55
މާނައީ: "އެކަލޭގެފާނު (ޔޫސުފްގެފާނު) ވިދާޅުވިއެވެ. މި ބިމުގެ (މިޞްރުގެ) ޚަޒާނާތަކުގެ ވެރިއަކަށް ތިމަންކަލޭގެފާނު އިސްކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ (އެ) ރައްކާތެރިކޮށް ބަލަހައްޓާ، އެއާބެހޭ ކަންކަން ރަނގަޅަށް ދަންނަ މީހަކީމެވެ."
މޫސާ ޢަލަހިއްސަލާމް އާ ބެހޭގޮތުން، މާތް ﷲ ވަޙީކުރެއްވިއެވެ.
﴿ قَالَتۡ إِحۡدَىٰهُمَا يَـٰٓأَبَتِ ٱسۡتَـٔۡجِرۡهُۖ إِنَّ خَيۡرَ مَنِ ٱسۡتَـٔۡجَرۡتَ ٱلۡقَوِيُّ ٱلۡأَمِينُ ﴾ القصص 26
މާނައީ: "އެ ދެ އަންހެނުންކުރެ އެކަކު ދެންނެވިއެވެ. އޭ ބައްޕާއެވެ އޭނާ މަސައްކަތްކުރުމަށް އުޖޫރައަށް ހިއްޕަވާފައި ބަހައްޓަވާށެވެ ހަމަކަށަވަރުން، ކަލޭގެފާނު ނޯކަރެއް ކަމުގައި ބަހައްޓަވަން އެންމެރަނގަޅު މީހަކީ، ބާރުގަދަ އަމާނާތްތެރިޔެކެވެ."
މިދެ އާޔަތުގައި މާތް ﷲ ބަޔާންކުރައްވާފައި މިވަނީ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ އަސާސީ ސިފަތަކެވެ. އެއީ:
1-ރައްކާތެރިކުރުން (ބެލެހެއްޓުން)
2-ޢިލްމުވެރިކަން
3-ޤާބިލުކަން (ވަރުގަދަކަން)
4-އަމާނާތްތެރިކަން
މި އާޔަތްތަކުން ލިބޭ މުހިންމު އެހެން ފައިދާއެއް:
މީސްތަކުންނަށް ފައިދާއާއި މަންފާ ލިބޭނެ ކަންކަމުގައި، ތިމާގެ ކިބައިގައި ހުރި ހުނަރާއި ޤާބިލުކަން ހާމަކުރުމަކީ ހުއްދަ ކަމެކެވެ. އެއީ ބޮޑާކަމެއް ނުވަތަ ފަޚުރުވެރިވުމުގެ ގޮތުން ކުރާ ކަމަކަށް ނުވާނަމަ، އަދި އެކަމުގެ ސަބަބުން މުޖުތަމަޢަށް ހެޔޮ ބަދަލެއް އަންނާނެނަމަ، ފަސްޖެހުމެއް ލަދުވެތިކަމެއް ނެތި ތިމާގެ ހުނަރުތައް ބަޔާންކޮށްދިނުމަކީ އިސްލާމީ ރީތި އުޞޫލުތަކުގެ ތެރެއިންވާ ކަމެކެވެ.
- ޝައިޚް މުޙައްމަދު ޝާފިޢު