ބައެއް ފިރިން އަނބިމީހާއާއިމެދު ދެކެނީ އެއީ ހަމައެކަނި ޙަޔާތުގެ ބައިވެރިޔާގެ ގޮތުގައެވެ. ނަމަވެސް އެވަރަކުން ފުދެން ގާތްވެސް ނުވެއެވެ. އަނބިމީހާއަކީ ﷲ ތަޢާލާ ތިބާއާއި ޙަވާލުކުރައްވަވާ އަމާނާތެކެވެ.
މިހެން ބުނީމާ އަހުރެން ބައިވެރިއަކު އިޚްތިޔާރުކުރީ އަމިއްލައަށްކަމަށް ބުނެފާނެއެވެ. ސުވާލަކީ ދުނިޔޭގައި މިހާގިނަ އަންހެނުން ތިއްބައި ބައިވެރިއަކަށް އޭނާ އިޚްތިޔާރުކުރެވުނީ ކިހިނަކުން ހެއްޔެވެ؟ އެއިގެ އިތުރުން އަމިއްލައަށް އިޚްތިޔާރުކުރުމަށްފަހުގައިވެސް ކައިވެނިކޮށް އަނބިމީހާ ބަލައިގަތީ ﷲ ތަޢާލާގެ ނަންފުޅު ބޭނުންކޮށްގެން ނޫންހެއްޔެވެ؟
ބުނަން ހެއްޔެވެ؟ އަނބިމީހާއާއިމެދު ކަންކަން ކުރަންވާނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތަށެވެ. ދެމަފިރިން އެންމެ ބޮޑަށް ސަމާލުކަންދޭންވީ އެކުގައި ސުވަރުގެ ވަނުމަށެވެ. ވީމާ އެކުގައި ޜޭއަޅުކަންކުރަން ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ.
މިހެން ބުނުމުން އަނބިމީހާ ގޯސްކޮށް އުޅުނަސް ތިއަ ގޮތަށް ކަންތައް ކުރެވިދާނެތޯ ސުވާލުކުރެއެވެ. އަހުރެންގެ ޖަވާބަކީ އަނބިމީހާއާއިމެދު މިބުނި މަގުން ކަންކަން ކުރާނަމަ ގޯސްވުމުގެ ފުރުޞަތު ބޮޑުތަނުން ކުޑަވާނެއެވެ. ގޯސްވިޔަސް ގޯސްވާނީ ވަރަށްމަދު އަންހެނެކެވެ.
ދެމަފިރިން އެކުގައި ސުވަރުގެދާން މަސައްކަތްކުރެވޭނަމަ އެކަކުވެސް ބޭވަފާތެރިއެއް ނުވާނެއެވެ. ތެދުވެރިވާނެއެވެ. ޖެހޭ މައްސަލަތައް މައްސަލައަކަށް ނުހަދައި ހުރިހާ ކަންކަންވެސް ޙައްލުކުރަން މަސައްކަތްކުރާނެއެވެ. ވީމާ ކުރިމަތިވާ ކަންކަން ބޮޑު މައްސަލައަކަށްވެ ގޯސްވަމުންދަނީ އެކުގައި ސުވަރުގެދާން މަސައްކަތްނުކުރެވޭތީއެވެ.
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން