ބައެއް ދީންތަކުގައި ދީނަށް ޚިދުމަތްކުރުމުގައި އިސްކޮށްތިބޭ މީހުން ކައިވެނިކުރުމެއް ނުއޮވެއެވެ. އެހެންވެ އެމީހުން ކައިވެންޏެއް ނުކުރެއެވެ. ސުވާލަކީ ކައިވެނިކުރާތީ އެމީހުން ތިބެނީ އެދުންތަކުން މަޙްރޫމްވެގެންހެއްޔެވެ؟ އެކަމުގައި ބަހުސަކަށްދާކަށް ނެތީމެވެ. ބުނަން ބޭނުންވަނީ އެއީ އިސްލާމް ދީނުގައި ޢަމަލުކުރަން އޮތް ގޮތެއް ނޫނެވެ.
ބައެއް މީހުން ދުނިޔޭގައި އުޅެނީ އެއްވެސް އިމެއްނެތި އެމީހަކު ބޭނުންހައި ގޮތަކަށް ކަންކަން ކުރަމުންނެވެ. އެފަހަރަކު ކުރަން ބޭނުންވި ކަމެއް ކުރަމުންނެވެ. ހަރާމް ޙަލާލަށް ބަލައިލުމެއްނެތިއެވެ.
އަނެއް ބައަކު ދުނިޔޭގައި އުޅެނީ ދުނިޔެ އާއި މުޅިން "ވަރިވެގެން"ނެވެ. އެމީހުން އެންމެ ކުޑަމިނުން އަންހެނަކާއި ކައިވެނިކުރާކަށްވެސް ބޭނުމެއް ނުވެއެވެ. އަންހެނަކު ނަމަ ފިރިހެނަކާއި ކައިވެނިކުރާކަށް ބޭނުމެއް ނުވެއެވެ.
އިސްލާމް ދީނަކީ މި ދެ ގޮތުން ކުރެ އެއްވެސް ގޮތަކަށް އުޅެން ޖެހޭ ދީނެއް ނޫނެވެ. އިސްލާމް ދީނަކީ މެދުމިނުގެ ދީން ކަމަށް ބުނެވެނީ މިސަބަބަށްޓަކައެވެ. އިސްލާމް ދީނުގައި އޮތީ ﷲ ތަޢާލާ ހުއްދަ ކުރެއްވެވި މިންވަރަށް ދުނިޔޭގެ އުފާތައް ވެސް ލިބިގަތުމާއިއެކު އާޚިރަތް ހޯދަން ގަދައަޅައި މަސައްކަތް ކުރުމެވެ. ކުރާ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާ އަންގަވާފައިވާ އިންތަކުގައި ހިފަހައްޓައިގެން ދިރިއުޅުމެވެ.
ކީރިތި ޤްރްއާނުގައި ބަޔާން ކުރައްވަވާފައިވާ ޤާރޫނުގެ ވާހަކައަށް ވިސްނާށެވެ! އޭނާގެ ކުރިމަތީގައި އޮތް ހަމައެކަނި ކަމަކީ މުއްސަނދިކަން އިތުރުކުރުމެވެ. އޭނާ އެދެމުން ދިއަ ގޮތަށް އޭނާއަށް ﷲ ތަޢާލާ ތަނަވަސްކަން މިންވަރު ކުރެއްވެވިއެވެ. އޭނާގެ ޚަޒާނާތައް ގިނަވެ އެތަންތަނުގެ ތަޅުދަނޑިތައް އިންސާނުންނަށް ނުއުފެލޭވަރަށް ގިނަވެ ބަރުވިއެވެ. ނަމަވެސް އޭނާ ޢާޚިރަތަށް އެއްވެސް އެއްޗެއް ޖަމާއެއް ނުކުރެއެވެ. އެހެންކަމުން އޭނާގެ އުމުރުވެސް ކުރުވެގެންދިއައެވެ.ޤި ޔާމަތާއި ހަމައަށްވެސް ދެމިގެންވާ ގަދަ އަޒާބެއް ވަނީ ލިބިގެންފައެވެ.
މީސްތަކުންނޭވެ! ދުނިޔޭގެ އެދުންތައް ޙާޞިލުކުރަން މަސައްކަތްކުރަންވާނީ އާޚިރަތަށްޓަކައެވެ. މަސައްކަތް ކުރަން ޖެހޭނީ ޢާޚިރަތް ލިބިގަތުމަށެވެ. އެހެނީ މަރުވެދާނެ ނުވަތަ މުޞީބާތެއް ކުރިމަތިވެދާނެ ވަގުތު ހަމައެކަކަށްވެސް ނުއެނގޭތީއެވެ. ތިބާ އާއިއެކު ދެމިހުންނާނީ އާޚިރަތަށް ޖަމާކުރި އެއްޗެއް އެކަނި ކަމަށްވާތީއެވެ.
އެއްވެސް އިމެއްނެތި ދުނިޔޭގައި އުފާކުރަނީ އާޚިރަތްދުވަހު ލިބެންހުރި ނިޢްމަތްތައް ބޭނުންނުވާ މީހުންނެވެ. އިމެއް ނެތި ނިޢްމަތް ލިބުން އޮތީ ޤިޔާމަތް ދުވަހުންނެވެ. ސުވަރުގެ ވަދެވުމުންނެވެ. އެމަތިވެރި ނިޢްމަތް އެދޭ މީހާއަށް އޮތީ ދުނިޔޭގައި ހޭދަކުރާ ކުރު މުއްދަތުގައި ﷲ ތަޢާލާ ބާވައިލެއްވެވި އިންތަކުގައި ހިފަހައްޓައިގެން އުޅުމެވެ.
- މުފްތީ މެންކުގެ ދަރުސަކުން