ލޯބިވެރިޔާ ތިބާގެ ހިތުގައި ޖައްސައި ނިކަމެތިކުރީތީ ނުވަތަ ފިރިމީހާ ތިބާއާއިމެދު ނުބައިކޮށް ކަންކަންކުރުމަށްފަހު ވަރިކުރުމުން އަލުން ކައިވެނި ނުކުރަން ބައެއް އަންހެނުން ތިބޭކަން ފާހަގަކުރެއެވެ. އަހުރެންގެ ސުވާލަކީ މިއީ ކޮންގޮތަކުން ދެކޮޅުޖެހޭ ކަމެއް ހެއްޔެވެ؟
ލޯބިވެރިޔާ ވަކިވުމަސްބަލާށެވެ! ލޯބިވެގެން އުޅުނު މީހާ ތިބާ ދޫކޮށްލާނީ ތިބާގެ ބޭނުމެއް ނެތުމުން ދެރަދޭށެވެ. އެހެންކަމަށްވާއިރު ތިބާ ކައިވެނިނުކޮށް ހުންނަނަމަ އެއީ އޭނާއަށް ލިބޭނެ އުފަލެއް ނޫންހެއްޔެވެ؟ ތިބާއަށް ލިބޭ ބޮޑުދެރައެއް ނޫންހެއްޔެވެ؟
ހަމަ އެގޮތަށް ފިރިމީހާ ތިބާ ޢާއިމެދު ގޯސްކޮށް ކަންކަންކުރީއެވެ. ވަރިކުރީއެވެ. ނުވަތަ ވަރިވާންޖެހުނީއެވެ. ދެން ތިބާ އިތުރު ކައިވެންޏެއް ނުކޮށް ހުންނަނަމަ އެކަމުގެ ދެރަވެސް ލިބޭނީ ތިބާއަށް ނޫންހެއްޔެވެ؟
އެމީހުން އެހެން މީހުންނާއި ކައިވެނިކޮށް އުފަލުގައި ދިރިއުޅެނީއެވެ. ތިބާ އެކަނިވެރިކަމުގައި ދުވަސްތައް ހޭދަކުރަނީއެވެ. އުފާވެރިކަން މިލިބުނީ ކާކަށް ހެއްޔެވެ؟ އޭނާއަށް ނޫންހެއްޔެވެ؟
މިވާހަކަ ދައްކަން މިޖެހެނީ ބަދު ބައަކުނަވެސް ހިތްދަތިކަން ކުރިމަތިވުމުން ދެން އަލުން ކައިވެނި ނުކުރަން ނިންނައި މުޅި އުމުރު އެބަ ހޭދަކޮށްލައެވެ. މިއީ އިސްލާމް ދީނުގައި މިކަންކުރަން އޮތް ގޮތެއް ނޫނެވެ. އަދި ދުނިޔޭގެ ހަމަތަކުން ބެލިނަމަވެސް އެއްވެސް ތާކުންތާކުޖެހޭ ކަމެއް ނޫނެވެ. އެއްވެސް ފައިދާއެއް ހުރި ގޮތެއް ނޫނެވެ.
އަހަރެމެން އެއްވެސް މީހަކު ދުނިޔެއަށް ފޮނުއްވެވީ ވަކިމީހަކާއި ކައިވެނިކޮށްގެން އުޅޭކަށް ނޫނެވެ. ލިބުނު ހެޔޮލަފާ މީހަކާއި ކައިވެނިކޮށްގެން ދިރިއުޅޭށެވެ. ވީމާ އެކަކު ކަމުނުދިއަނަމަ ދެވަނަ ގޮތެއް ނުހޯދަންވީ ކީއްވެގެން ހެއްޔެވެ؟
މިހެންބުނި ނަމަވެސް ކައިވެނިކޮށްފިނަމަ ކައިވެނި ދަމަހައްޓަން މަސައްކަތްކުރަންވާނެއެވެ. ފޭލްވެއްޖެނަމަ އެއީ މުޅި ދިރިއުޅުން ފޭލްވުން ކަމަށް ހަދައިގެން ނުވާނެއެވެ. ފޭލްވީ ޢޭނާ އާއިއެކު ދިރިއުޅުމެވެ. އެހިސާބުން އޮތީ އެބާބު ނިންމައިލުމެވެ. އައުބާބެއް ފެށުމެވެ.
އަހުރެން ދަންނަ ޢާއިލާތަކުގެ ތެރޭގައި 8 ވަނަ ބައިވެރިޔާއާއިއެކު ނުހަނު އުފަލުގައި ދިރިއުޅެމުންދާ މީހުން އެބަތިއްބެވެ. މިއަސްވުރެވެސް ގިނައިން ކައިވެނިކުރަންޖެހިފައިވެސް ތިބެދާނެއެވެ. އަދި ދެވަނަ ކައިވެންޏަކީ ކާމިޔާބު ކައިވެންޏަކަށްވެފައިވަނީވެސް މަދަކުން ނޫނެވެ.
އެއް ކައިވެންޏަށްވުރެ ގިނައިން ކައިވެނިކުރުން ދީނުގައި ހުއްދަކުރައްވަވާފައިވަނީ އެއީ ކުރަންޖެހިދާނެ ކަމަކަށްވާތީއެވެ. ނޫންނަމަ އޮތީހީ ހަމައެކަނި އެންމެ ކައިވެންޏެއް ކުރުމެވެ. ވީމާ މިއީ މިއަދު ޚާއްޞަކޮށް އަންހެނުން ފުންކޮށް ވިސްނަން ޖެހިފައިވާ ކަމެއް ކަމަށް ދެކެމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން