ޙަރާމް އެއްވެސް ކަމެއް ނުކުރަންވީ އެންމެ ބޮޑު ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ޙަރާމް އެއްވެސް ކަމެއް ނުކުރަންވީ އެންމެ ބޮޑު ސަބަބު!

ހަވާނަފްސް އެދޭ ކޮންމެ ކަމަކުން އުފާ ހޯދަންއެދޭ މީހުން އެމީހުންގެ އަމިއްލަ ނަފްސާއިމެދުގައިވެސް ވިސްނައެއް ނުލައެވެ. އެކަމެއް ކުރުމުން ތިމާގެ ޞިއްހަތަށާއި ދިރިއުޅުމަށް ލިބިދާނެ ގެއްލުމަކާއިމެދުގައިވެސް ވިސްނައެއް ނުލައެވެ.  

އެހެންވެ އެފަދަ ބައެއް މީހުން ބުނާއަޑު އެބައިވެއެވެ. "އިސްލާމް ދީނުގައި ހުރިހާ ކަމެއް ވަނީ ޙަރާމްވެގެންނެވެ." އެހެން އެބުނަނީ ތިމާގެ އަމިއްލަ ނަފްސަށާއި ދިރިއުޅުމަށް ވިސްނާނުލައި އެމީހާ ކުރަން ބޭނުންވާ ބައެއް ކަންކަން އިސްލާމްދީނުގައި ޙަރާމްކުރައްވަވާފައިވާތީއެވެ. އަދި އާޚިރަތް ދުވަހު ދެއްވަވާނެ ގަދަފަދަ ޢަޛާބަށްވެސް ބިރުވެތިނުވެވޭތީއެވެ.  

ހަޤީޤަތަކީ އެއީއެއް ނޫނެވެ. އިސްލާމް ދީނަކީ މާގިނަ ކަންތައްތަކެއް ޙަރާމް ކުރެވިގެންވާ ދީނެއް ނޫނެވެ. ރަނގަޅަށް ދިރާސާކޮށް ބަލައިފިނަމަ އެނގޭނެއެވެ. އިސްލާމް ދީނުގައި މަނާވެގެންވަނީ އެކަމެއް ކުރުމުން އެމީހަކަށް އެއްވެސް މަންފާއެއް ނުކުރާނެ އަދި އެކަމެއް ކުރުމުން އެމީހަކަށް ގެއްލުން ލިބޭނެ ކަންކަމެވެ. އަދި ފޮތުގެ އަހުލުވެރިންގެ އެހެން ދީންތަކަށް ބެލިނަމަވެސް ކުރުން މަނާވެގެންވާ ކަންކަމެވެ.  

ވެގެންމިއުޅޭ ގޮތަކީ ޝައިޠޯނުންގެ ބަހަށް ހެއްލެވުނީއެވެ. މީސްތަކުން ކުރަން ބޭނުންވާ ނުވަތަ ކުރާ ޙަރާމް ކަންތައްތައް ގިނަވީއެވެ. އެކަމެއް ކުރުމުން ތިމާގެ އަމިއްލަ ހަށިގަނޑަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނު ނަމަވެސް ފަރުވާލެއް ނުބަހައްޓައި ވަގުތީ ހިތްހަމަޖެހުމުގެ ބޭނުމުގައި ކުރަން ބޭނުންވާ ކަންކަން ގިނަވީއެވެ.  

އަހުރެން ވަރަށް ގިނައިން މިސުވާލުކުރަމެވެ. އެކަމެއް ކުރުމުން ތިމާއަށް ޙަޤީޤީ ފައިދާއެއް ކުރާނެ ކަމެއް، އިސްލާމް ދީނުގައި ޙަރާމްކުރައްވަވާފައި އޮތް ކަމެއް، ހަމައެންމެ ކަމެއްވެސް ނިކަން ދައްކައިބަލާށެވެ!  

ވަރަށް ކުޑަކުޑަ ދެތިން ކަމެއް ފާހަގަކޮށްލާނަމެވެ! މިސާލަކަށް ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރުމުން ލިބޭ ޙަޤީޤީ ފައިދާއަކީ ކޮބައިހެއްޔެވެ؟ އަދި ޞިއްޙަތަށް ގެއްލުން ނުވޭހެއްޔެވެ؟  

ދެން އެންމެ ގިނަ ބައަކު ބޭނުންވަނީ ފާޙިޝް އަމަލުތައް ކުރުމެވެ. ފާހިޝް ޢަމަލުކުރުމުން ލިބޭ ޙަޤީޤީ ފައިދާއަކީ ކޮބައިހެއްޔެވެ؟ ކުޑައިރުކޮޅެއްގެ އުފަލަށްޓަކައި ކޮށްލެވޭ ކުޑަކުޑަކަމަކުން މުޅި މީހާގެ ފުރާނައަށް ވެއްޓިގެން ނުދޭހެއްޔެވެ؟ މުޅި ދިރިއުޅުން ބަނގުރޫޓުނުވޭހެއްޔެވެ؟ އެކަންކަން ކުރުމުން ލިބެނީ ފައިދާނަމަ ބައިވެރިޔާ އާއި މައިންބަފައިންނާއި ދަރިން އެފަދަ ކަންކަން ކުރަން ނުރުހެނީ ކީއްވެގެން ހެއްޔެވެ؟  

ފާފަ ކުރުމަކީ ބޮޑުކަމެއް ކަމަށް ޤަބޫލު ނުކުރެވޭ ދުވަސް އަންނާނެކަން ޙަދީޘުން އެނގެން އެބައޮތެވެ. މިއަދު މިވަނީ އެދުވަސް އައިސްފައެވެ. ނަތިޖާއަކީ ފާފަތަކުން ސަލާމަތްވެ ހުރުމަށް ހުރަސްތަކެއް ކުރިމަތިވަމުން އައުމެވެ. ވަރަށް ކެތްތެރި، ތަޤްވާވެރި އަދި ވަރަށް ހުޝިޔާރު މީހަކަށް ވެގެން ނޫނީ ފާފަ ނުކޮށް މިހާރަކު ނުހުރެވޭނެއެވެ.

އާޚިރަތް ލިބެން އޮތީ މިބަޔާންކުރި ކަންކަމަށް ވަރަށް ބޮޑަށް ވިސްނައިގެންނެވެ. ހޭލުންތެރިވެ ސަމާލުކަން ދެވުނު ވަރަކުންނެވެ. ދުޢާއަކީ ފާފަނުކޮށް ތިބުމުގެ ހިތްވަރު ދެއްވެވުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން