ސުންނަތް ދިރުވުމުގެ ޘަވާބާ ރަމަޟާންމަހުގެ ފުރިހަމަ ދަރުމަ ލިބިގަތުމަށްޓަކައި ފަހުދިހައިގަ އިޢްތިކާފަށް ތިބެން ޒުވާނުންދަނީ ތައްޔާރުވަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 10ސ
ސުންނަތް ދިރުވުމުގެ ޘަވާބާ ރަމަޟާންމަހުގެ ފުރިހަމަ ދަރުމަ ލިބިގަތުމަށްޓަކައި ފަހުދިހައިގަ އިޢްތިކާފަށް ތިބެން ޒުވާނުންދަނީ ތައްޔާރުވަމުން!

މިސްކިތުން ޢާންމުކޮށް ބައްދަލުވާ ޒުވާނަކު ބުންޏެވެ! "ފަހުދިހައިގައި މިމިސްކިތުން ނުފެދިނާއެވެ. އެކުވެރި ޒުވާނުންކޮޅަކާއިއެކު އިޢްތިކާފަށް އިންނަން މިދަނީ ތައްޔާރުވަމުންނެވެ."  

އެޒުވާނާއަކީ ޢާންމުކޮށް ހުރިހާ ނަމާދުތަކެއްގެ ޖަމާޢަތަށް ޙާޒިރުވާ ޒުވާނެކެވެ. ކުރިއާލައި މިސްކިތަށް އައިސް ކުރީ ސަފފުން ޖާގަހޯދާ ޒުވާނެކެވެ. މަޑުމައިތިރި. އަޚްލާޤް ރަނގަޅު ޒުވާނެކެވެ.  

އެޒުވާނާގެ ވާހަކަކޮޅުންވެސް އެނގެނީ މިއަހަރުވެސް ތަޤްވާވެރި ޒުވާނުން ދަނީ ފަހުދިހައިގައި އިޢްތިކާފަށް ތިބެން ތައްޔާރުވަމުން ކަމެވެ.  

އިޢްތިކާފަށް އިނުމަކީ ކިހައި މުހިންމު ކަމެއްތަ؟   

ރަމަޟާން މަހުގެ ފަހު ދިހައިގައި މިސްކިތުގައި އިޢްތިކާފަށް ތިބެނީ ވަރަށް މަދު ބައެކެވެ. އެހެންކަމުން މިއީ ދިރުވައި އާލާކުރަންޖެހިފައިވާ ސުންނަތެކެވެ.  

އިޢުތިކާފަކީ އަޅުކަންކުރުމަށްޓަކައި މިސްކިތުގައި އިނުމެވެ. އަދި ޝަހުވަތްތަކާއި ލައްޒަތްތަކުން ނަފްސު އެއްފަރާތް ކުރުމެވެ. އަދި ދުނިޔެއާއި އެތަނުގެ ފިތުނަތަކާއި މަޝްޣޫލުކުރުވާ ކަންކަމާއި އުފާތަކުން ދުރުވުމެވެ. އަދި ﷲ ތަޢާލާއަށް ކުއްތަންވެ މުނަޖާދެންނެވުމެވެ. އަދި މީހުންނާ އެކުވުމުން ދުރުހެލިވެ، ހަޑިހުތުރު ވާހަކަތަކުން ދުރުހެލިވެ، ނަފްސު ޙިސާބުކޮށް، ދުނިޔަވީ ހަޑިތަކުން ކިލަނބުވެފައިވާ ހިތް ޠާހިރުކުރުމެވެ.

* ﷲ ތަޢާލާ ވަނީ މިސްކިތުގައި އިޢުތިކާފަށް އިނުން ޝަރުޢުކުރައްވާ އަމުރުކުރައްވާފައެވެ. ފަހެ، އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَعَهِدْنَا إِلَى إِبْرَاهِيمَ وَإِسْمَاعِيلَ أَنْ طَهِّرَا بَيْتِيَ لِلطَّائِفِينَ وَالْعَاكِفِينَ وَالرُّكَّعِ السُّجُودِ﴾ [البقرة: 125]

މާނައީ: “އަދި އިބްރާހީމްގެފާނާއި އިސްމާޢީލުގެފާނަށް ތިމަންއިލާހު އެންގެވީމެވެ. ޠަވާފުކުރާ މީހުންނާއި އަޅުކަންކުރުމަށްތިބޭ މީހުންނާއި ރުކޫޢު ސުޖޫދުކުރާ މީހުންނަށްޓަކައި ތިޔަ ދެބަފައިކަލުން ތިމަންއިލާހުގެ ގެފުޅު ޠާހިރުކުރައްވާށެވެ!" 

ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ.

«أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، كَانَ يَعْتَكِفُ العَشْرَ الأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ، ثُمَّ اعْتَكَفَ أَزْوَاجُهُ مِنْ بَعْدِهِ» [متفق عليه]

މާނައީ: "ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم އަވަހާރަވެއްޖައުމަށް ދާންދެން ރަމަޟާންމަހުގެ ފަހުދިހައިގައި އިޢުތިކާފަށް އިންނެވިއެވެ. ދެން އެކަލޭގެފާނު އަވަހާރަވުމަށްފަހުގައި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން އިޢުތިކާފަށް ތިއްބެވިއެވެ". 

މިސްކިތްތަކަކީ ބިންމަތީގައިވާ ﷲ ތަޢާލާގެ ގެކޮޅުތަކެވެ. ފަހެ، އެތަނުގެ ޙައްޤު ދެނެގަންނާށެވެ. އަދި އެތަނުގެ އަދަބުތައް އަދާކުރާށެވެ. އަދި އެތަނުގެ މަޤާމާއި މަތިވެރިކަމަށް ރައްކާތެރިވާށެވެ. ފަހެ، ހަމަކަށަވަރުން އެތަންތަން ބިނާކުރެވުނީ އަޅުކަންކުރުމަށެވެ. މަޑުމައިތިރިކަމާ ހިމޭންކަމާއެކު އެތަނުގައި ތިބޭށެވެ. އަދި އެތަންތަން، ކުޅިވަރުކުޅޭ ތަންތަނާއި ބާޒާރުތަކަށް ނުހަދާށެވެ. އެތަނުގައި ނަމާދުކުރާމީހުންނާއި އިޢުތިކާފުކުރާމީހުންނަށް އުނދަގޫނުކުރާށެވެ. އެއީ އެތަނުގައި އަޅުކަންކުރުމަށް ހުރަސްއެޅިގެން ދާނޭ ކަމެކެވެ. އަދި އެތަނުގައި ތިބޭ މީހުންގެ ޚުޝޫޢަތްތެރިކަމަށް ބުރުއަރާނޭކަމެކެވެ. 

* ތިޔަބައިމީހުން ﷲ ގެ ގެކޮޅުތަކަށް އައީ އަޅުކަންކުރުމަށެވެ. އަދި ދުނިޔެއަށް ފުރަގަސްދީ އާޚިރަތަށް އެދިގެންނެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ތައުބާވެ ބިރުވެތިވެގެންވާ ހިތަކާއިގެން ހުއްޓޭށެވެ. އަދި ބިރުވެތިކަމާއެކު އެދިދަންނަވާށެވެ. އަދި އެކަމަށް ހުރަސްއަޅާ ކަންކަމުން ސަމާލުވާށެވެ. ފޯނުތަކާ އެފަދަ ސާމާނުތަކަށް ސަމާލުވާށެވެ. އަދި ވާހަކަތައް ނަޤުލުކުރުމާވެސް ދުރުހެލިވާށެވެ. މިސްކިތް ޙުރުމަތްތެރިކުރާށެވެ. 

* ﴿وَإِذْ بَوَّأْنَا لِإِبْرَاهِيمَ مَكَانَ الْبَيْتِ أَنْ لَا تُشْرِكْ بِي شَيْئًا وَطَهِّرْ بَيْتِيَ لِلطَّائِفِينَ وَالْقَائِمِينَ وَالرُّكَّعِ السُّجُودِ﴾ [الحج: 26]

މާނައީ: “އިބްރާހީމްގެފާނަށް ގެފުޅު ހުންނަތަން ތިމަންއިލާހު ދެއްކެވިހިނދު، ހަނދުމަކުރާށެވެ! (ތިމަންއިލާހު އެންގެވީމެވެ.) ކަލޭގެފާނު ތިމަންއިލާހަށް އެއްވެސް އެއްޗެއް ޝަރީކުނުކުރައްވާށެވެ! އަދި ޠަވާފުކުރާ މީހުންނަށާއި، ޤާއިމުވެތިބޭމީހުންނަށާއި، ރުކޫޢުކޮށް ސަޖިދަކުރާ މީހުންނަށްޓަކައި، ކަލޭގެފާނު ތިމަންއިލާހުގެ ގެފުޅު ޠާހިރުކުރައްވާށެވެ!" 

- މަސްޖިދުއްނަބަވީގައި ކިޔާފައިވާ ޚުޠުބާޢަކުން 

- މަސްދަރު: ދިސަލަފިއްޔާ

މިއަދު އޮންލައިން